މައުމޫން މާދަމާ ރޭ މާލެ ވަޑައިގަންނަވަނީ
މައުމޫން މާދަމާ ރޭ މާލެ ވަޑައިގަންނަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މާދަމާ ރޭ މާލެ ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.

އެ މަނިކުފާނު ރާއްޖެ މި ވަޑައިގަންނަވަނީ ތިން މަހަށް ވުރެ ގިނަ ދުވަސް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު އެވެ.

މި އަހަރުގެ މާޗް، 8 ގައި އެ މަނިކުފާނު އިންޑިއާގެ ބެންގަލޫރަށް ފުރާވަޑައިގަތީ އަނބިކަބަލުން ނަސްރީނާ އިބްރާހިމްގެ ކޮއްކޯފުޅު، ފަރީޝާ އިބްރާހީމް އާލާސްކަންފުޅާ އުޅުއްވާތީ އެވެ. ބެންގަލޫރުގައި ފަރުވާ ދެއްވަނިކޮށް ހާލު ސީރިއަސްވުމުން، ފަރީޝާއާ އެކު ސިންގަޕޫރަށް ވެސް މައުމޫންގެ ދެކަނބަލުން ވަޑައިގެންނެވި އެވެ.

ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މޭ 31 ވަނަ ދުވަހު ފަރީޝާ ސިންގަޕޫރުގައި އަވަހާރަ ވެފައިވާ އިރު، އޭގެ ފަހުން ވެސް މައުމޫން ރާއްޖެ ވަޑައިނުގެން މަޑުކުރައްވަނީ، ރާއްޖެ ވަޑައިގަންނަވާ ތަނުން ހައްޔަރު ކޮށްފާނެތީ ކަމަށް ބައެއް މީހުން ބުނެ އެވެ.

އެކަމަކު އެ ވާހަކަތައް ދޮގުކުރައްވަމުން މައުމޫން ވިދާޅުވެފައި ވަނީ، "ﷲ ފިޔަވައި އަޅުގަނޑު ބިރުގަންނަ ފަރާތެއް ނުހުންނާނެ ކަމަށާއި ހައްޔަރުކޮށްފާނެތީ ބިރެއް ނުގަނޭ" ކަމަށެވެ.

ޕީޕީއެމްގެ އެތެރޭގެ ކޯޅުމާ އެކު ރައީސް ޔާމީނާއި މައުމޫންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އޭގެ އަސަރު އެ ޕާޓީ އަށް ވެސް ވަނީ ކޮށްފަ އެވެ. ޕާޓީ ތެރޭގައި ދެ ފެކްޝަން ހެދި އެންމެ ފަހުން މައުމޫން ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ.

ސަރުކާރުން ކުރާ ކަންކަމާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ސިޔާސީ ލީޑަރުންނާ އެކު މައުމޫން މިހާރު ވަނީ ގައުމު އިސްލާހު ކުރެއްވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އިދިކޮޅު އެމްޑީޕީ ވެސް ހިމެނޭ ގޮތަށް އެމަނިކުފާނުގެ އެ މަސައްކަތްޕުޅު ފެއްޓެވި ފަހުން، ދަރިކަލުން އަހުމަދު ފާރިސް މައުމޫން ތަފާތު ސަބަބުތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކޮށް، އޭނާގެ ޕާސްޕޯޓް ވެސް ވަނީ ދެ ވަނަ ފަހަރަށް ހިފަހައްޓައިފަ އެވެ.

މީގެ އިތުރުން މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވެސް އެކި ސަބަބުތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ.