13 ޖޫން 2017 - 14:13

ވޮޝިންޓަން (ޖެނުއަރީ 23) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވިޔަފާރި މެދުވެރިކޮށް ބޭރު ގައުމުތަކުގެ ސަރުކާރުތަކުން މާލީ މަންފާ ހޯއްދަވާތީ ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރަން ވޮޝިންޓަނާއި މެރީލޭންޑުގެ އެޓާނީ ޖެނެރަލުން ނިންމަވައިފި އެވެ.
ގާނޫނު އަސާސީއާ ޚިލާފަށް ބޭރު ގައުމުތަކުގެ ސަރުކާރުން ފައިސާ ނަންގަވާތީ ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ގަނޫނީ ވަކީލުންގެ ޖަމިއްޔާއަކުން ވެސް މިދިޔަ ޖެނުއަރީ މަހު ވަނީ ބުނެފަ އެވެ. ނަމަވެސް މިއީ ސަރުކާރުގެ މުއައްސަސާތަކުން ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރަން ނިންމި ފުރަތަމަ ފަހަރެވެ. އެޓާނީ ޖެނެރަލުންގެ ދައުވާގައި ބުނެފައި ވަނީ ބޭރުގެ އެއްވެސް ސަރުކާރަކުން މާލީ ގޮތުން އެއްވެސް މަންފާއެއް ހޯދުމަކީ ގާނޫނު އަސާސީގެ ދަށުން މަނާ ކަމެއް ކަމަށެވެ.
"މި ގައުމުގެ ތާރީޚުގައި ވެސް އެއްވެސް ރައީސަކު މި ގޮތަށް ވިޔަފާރި ކުރައްވާ ފައިދާ ނަންގަވައިފައެއް ނުވޭ،" ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ އެޓާނީ ޖެނެރަލް ކާލް ރެސީން ވިދާޅުވި އެވެ.
ޓްރަމްޕުގެ މައްޗަށް ކުރިން ހުށަހެޅި ދައުވާގައި ބުނެފައި ވަނީ ޓްރަމްޕުގެ ހޮޓާތަކުގައި ބޭރުގެ މެހުމާނުން ބައިތިއްބައިގެން ބޭރު ގައުމުތަކުން ފައިސާ ނަންގަވާ ކަމަށެވެ. އަދި ޓްރަމްޕުގެ އިމާރާތްތައް ކުއްޔަށް ދީގެން ވެސް ބޭރުގެ ސަރުކާރުތަކުން ފައިސާ ހޯދާ ކަމަށް ބުނެފައިވެ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ޓްރަމްޕް ވަނީ ވައިޓް ހައުސްއާ މާދުރު ނޫން ހިސާބެއްގައި ޓްރަމްޕް އިންޓަނޭޝަނަލް ހޮޓާ ހުޅުއްވައިފަ އެވެ. ޓްރަމްޕް އޮގަނައިޒޭޝަނުން ބުނެފައި ވަނީ ޓްރަމްޕުގެ ހޮޓާތަކަށް ބޭރު ގައުމުތަކުގެ ސަރުކާރުތަކުން ލިބޭ ފައިސާ ޓްރެޝަރީ އަށް ހަވާލު ކުރާނެ ކަމަށެވެ.
މައްސަލަ ހުށަހަޅާ ވަކީލުން ބުނަނީ ޓްރަމްޕް ހޮޓެލްގެ ސަބަބުން އެހެން ހޮޓާތަކަށް ވިޔަފާރީގެ ވާދަވެރިކަން ގެއްލިފައިވާ ކަމަށެވެ. ދައުވާގައި ވަނީ ޓްރަމްޕް އެހެން ގައުމުތަކުގައި ހިންގަވާ ހޮޓާތަކާއި ގޮލްފް ކޯސްތައް ވެސް ހިމަނައިފަ އެވެ.