14 ޖޫން 2017 - 07:56

ބޮލީވުޑް އެކްޓަރު ސަންޖޭ ދަތަށް އަނެއްކާ ވެސް އިތުރު މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
މުމްބައިގައި 1993 ގައި ދިން ބޮމުގެ ހަމަލާތަކާ ގުޅުވައިގެން، އަތުގައި މަނާ ހަތިޔާރު ބެހެއްޓިކަމުގެ ތުހުމަތުގައި ޖަލަށް ލާފައި ހުއްޓާ ސަންޖޭ ދަތު މިނިވަންވިތާ އަހަރެއްހާ ދުވަސް ފަހުން މުމްބައި ހައި ކޯޓުން ވަނީ ހުކުމްގެ މުއްދަތު ފުރިހަމަ ނުވަނީސް އޭނާ ޖަލުން މިނިވަންކުރީ ކީއްވެތޯ މަހާރާޝްތުރާ ސަރުކާރާ ސުވާލުކޮށްފަ އެވެ.
މަނާ ހަތިޔާރު ގެންގުޅެގެން ސަންޖޭ ދަތަށް އެންމެ ފުރަތަމަ އައީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލަ ކޯޓުގައި ހިނގަމުންދިޔައިރު ސަންޖޭ ދަތު ހުރީ ކަފާލާތުގެ ދަށުން މިިނިވަން ވެފަ އެވެ. އޭނާ އަލުން ޖަލަށް ދާން ޖެހުނީ 2013 ގެ މޭ މަހު ސުޕްރީމް ކޯޓުން އޭނާއާ ދެކޮޅަށް މައްސަލަ ނިމުމުންނެވެ.
ސަންޖޭ ދަތު ޖަލުން މިނިވަންކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އޭރު އޭނާގެ ހުކުމުން އަށް މަސް ދުވަސް ބާކީ އޮތެވެ. ޕޫނާގެ ޔަރްވަދާ ޖަލުން އޭނާ މިނިވަންކުރީ އަޚްލާގާއި އުޅުމަށް ބަލާފައި ކަމަށް އޭރު ބުނެފައިވެ އެވެ.
މުމްބައި ހައިކޯޓަށް ޕޫނާގައި ދިރިއުޅޭ ޕްރަދީޕް ބާލޭކަރް ކިޔާ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން މި މައްސަލަ މިހާރު އެ ކޯޓުން ބަލަމުން އަންނައިރު ޕްރަދީޕް ޗެލެންޖްކުރަނީ ސަންޖޭ ދަތު ދޫކޮށްލާފައި ވަނީ ޕެރޯލްގެ ގަވާއިދުތަކާ ޚިލާފަށް ކަމަށެވެ.
އެހެންވެ މިހާރު ކޯޓުން ސަރުކާރަށް އަންގާފައި ވަނީ ސަންޖޭ ދަތު ދޫކޮށްލުމުގައި އަމަލުކޮށްފައިވާ ގޮތް ބަޔާންކޮށް އެފިޑަވިޓް އެއް ހުށަހެޅުމަށެވެ.
ޑީއައިޖީ އާއި ޕްރިޒަންސް ތަކާ މަޝްވަރާ ކޮށްފައިވޭތޯ ނުވަތަ މިއީ ޖަލުގެ ސުޕްރިންޓެންޑެންޓް ސީދާ ގަވަނަރުނަރަށް ފޮނުވައިގެން ނިންމާފައިވާ ނިންމުމެއްތޯ ފަނޑިޔާރު ސާވަންތު މަހާރަޝްތުރާ ސަރުކާރާ ސުވާލުކޮށްފައި ވެއެވެ. އަދި ސަންޖޭ ދަތުގެ އަޚްލާގު ރަނގަޅުކަން އޮތޯރިޓީތަކުން ބެލި ގޮތަކާއި ޕެރޯލްގެ ދަށުން ގިނަ ދުވަސްތަކެއް ޖަލުން ބޭރުގައި ހޭދަ ކުރާ މީހެއްގެ އަޚްލާގީ ފެންވަރު ބަލާ ވަޒަން ކުރާނީ ކިހިނެއްތޯ ވެސް ފަނޑިޔާރު ވަނީ ސުވާލު އުފައްދާފަ އެވެ.
މި މައްސަލައިގެ އިތުރު އަޑުއެހުމެއް ހަފުތާއެއް ފަހުން ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
ޖަލުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ސަންޖޭ ދަތު ވަނީ ޑިސެމްބަރު 2013 ގައި ޕެރޯލްގެ ދަށުން 90 ދުވަސް އަދި އޭގެ ފަހުން 30 ދުވަސް ގޭގައި ހޭދަކޮށްފަ އެވެ.