13 ޖޫން 2017 - 13:47

މޮޑެލް އަދި ބަތަލާ ކްރިތިކާ ޗައުދަރީ، މުމްބާއީގެ އަނދޭރީގައި ހުންނަ އޭނާ ދިރިއުޅޭ އެޕާޓްމަންޓްގައި މަރުވެ ކުނިވެފައިވާ އޮއްވައި އިއްޔެ ފެނިއްޖެ އެވެ. ފުލުހުން ބުނީ ކްރިތިކާ މަރުވެފައި އޮންނަތާ ހަތަރު ދުވަސް ވެދާނެ ކަމަށެވެ.
އޭނާ މަރުވެފައި އޮތް ގޮތުން މީހަކު ނުވަތަ ބަޔަކު އޭނާ މަރާލާފައި އޮތީކަމަށް ޝައްކު ކުރެވޭތީ ތަހުގީގުކުރަމުން އަންނަ ކަމަށާއި ހަށިގަނޑު އޮޓޮޕްސީ ހަދަން ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކްރިތިކާ، 27، ވަނީ ކަންގަނާ ރަނާވަތުގެ "ރައްޖޯ" ގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. އަދި ބާލާޖީ ޓެލެފިލްމްސްގެ "ޕަރީޗޭ" ސިލްސިލާގައި ވެސް ކްރިތިކާ ބައިވެރިވެފައިވެ އެވެ.
ކްރިތިކާ މަރުވެފައި އޮތްކަން އެނގުނީ އަވަށްޓެރިންނަށް އެ އެޕާޓްމަންޓުން ކުނި ވަސް ދުވާތީ ފުލުހުންނަށް އެންގުމުން ގޮސް އެޕާޓްމަންޓްގެ ދޮރު ހަލާކުކޮށްލައިގެން ވަނުމުންނެވެ.
ކްރިތިކާ އޮތް ކޮޓަރީގެ އެެއާކޯން ޖައްސާފައި ހުރުމުން ހަށިގަނޑު ކުނިވެ ބޭރަށް ވަސް ދުވުން ލަސްވީ ކަމަށް އިންޑިއާ ޓުޑޭއަށް ފުލުހުން ބުންޏެވެ.
ކްރިތިކާ އޮތީ މަރާލާފައި ކަމަށް ފުލުހުން ޝައްކުކުރާ މައިގަނޑު އެއް ސަބަބަކީ އޭނާގެ އެޕާޓްމަންޓްގެ ދޮރު ބޭރުން ތަޅުލާފައި ހުރުމުންނެވެ.
ކްރިތިކާ އަކީ ހަރީދްވާރް ކިޔާ އަވަށަކަށް ނިސްބަތްވާ އެކްޓަރެކެވެ. އޭނާ މުމްބައިގައި ދިރިއުޅެނީ ފިލްމީ މަސައްކަތުގަ އެވެ. އެގޮތުން ފުރަތަމަ މުމްބައި އަށް ގޮސް ކުޅުނީ "ޕަރީޗޭ" ސިލްސިލާ އެވެ. އޭގެ ފަހުން ކަންގަނާ ލީޑް ރޯލު ކުޅުނު "ރައްޖޯ"ގައި ވެސް ރޯލެއް ކުޅުނެވެ. ނަމަވެސް އެ ފިލްމު ފްލޮޕްވުމުން އިތުރަށް ފިލްމީ މަސައްކަތް ލިބުން ހުއްޓުނެވެ. ފަހަކަށް އައިސް އޭނާ ފެންނަނީ މޮޑެލް ކުރުމުގައި އުޅެނިކޮށެވެ.