13 ޖޫން 2017 - 13:26

މަކުނުދުއަށް ބޭނުންވާ ކާޑާއި ގޭހުގެ ޝިޕްމަންޓެއް އެސްޓީއޯއިން އެރަށަށް ފޮނުވައިފި އެވެ.
އެސްޓީއޯގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށަށް ދިމާވެފައިވާ ކާޑާއި ގޭހުގެ މައްސަލަ ހައްލުކުރަން ޝިޕްމަންޓެއް ފޮނުވީ އިއްޔެ ކަމަށެވެ.
"މިހާރު އެ ރަށުގައި ހުންނާނެ އެއް ހަފުތާއަށް ބޭނުންވާ ކާޑާއި ގޭސް. އެސްޓީއޯއިން އެ ރަށަށް މިތަކެތި މި ފޮނުވީ މިހާރު ދިމާވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
އެސްޓީއޯއިން މަކުނުދުއަށް ކާޑާއި ގޭހުގެ ޝިޕްމަންޓެއް މި ފޮނުވީ މޫސުމް ގޯސްވުމުގެ ސަބަބުން އެރަށަށް ކާޑާއި ގޭސް ނުގެނެވި، އެ ދެ ބާވަތަށް ޖެހިފައި ވަނިކޮށެވެ.
މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވީ އެސްޓީއޯ އިން އެ ރަށަށް ފޮނުވި 150 ބަސްތާގެ ކާޑާއި 50 ފުޅި ގޭސް ބޭލުމަށް ފަހު ގުދަންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށްދިނުމަށް އެސްޓީއޯ އިން ކޮށްދިން މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ރާއްޖޭގެ އެންމެ ހުޅަނގަށް އަދި މުޅިން ވަކިން އޮންނަ މަކުނުދޫ ކައުންސިލްގެ ރައީސް ކުރިން ވިދާޅުވީ ކާޑާއި ގޭސް ލިބެން ދަތިވާން ފެށީ މޫސުމް ގޯސްވުމުގެ ސަބަބުން މާލެ އާއި އެރަށާ ދެމެދު ދަތުރުކުރަން ހުރަސްތައް ކުރިމަތިވުމުން ކަމަށެވެ. އެ ރަށާއި މާލެއާ ދެމެދު މިހާރު ދަތުކުރަނީ ހއ. އިހަވަންދޫ ބޯޓެކެވެ.
ކައުންސިލުން ބުނި ގޮތުގައި މާލެ އިން މުދާ ގެންނަން އުނދަގޫތައް ކުރިމަތިވީ ކުރިން އެ ރަށުގައި ދުއްވި ބޮޑު ބޯޓުގެ ދަތުރުތައް ހުއްޓާލުމުންނެވެ.
"އޭރު ފުދޭވަރަކަށް ގިނައިން ގެނެވޭ. އެކަމަކު އެ ބޯޓުގެ ދަތުރުތައް ހުއްޓާލުމާ އެކު ކާޑު ފަދަ އެއްޗެހި ހުސްވުމުގެ މައްސަލަ ދިމާވާން ފެށި. މިހާރު ދަތުރުކުރަނީ ކުޑަ ބޯޓެއް. އެހެންވެ އެކަށީގެންވާ ވަރަކަށް ނުގެނެވޭ،" ޝާކިރު ވިދާޅުވި އެވެ.