13 ޖޫން 2017 - 20:00

ޖިނާއީ އިޖްރައާތުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވާފައި ވަނިކޮށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުން އެ ބިލާ މެދު ހިތްހަމަނުޖެހުން ފާޅު ކުރަން ފެށުމުން އެ ބިލް ވަނީ މިއަދު މެންދުރެއްހާ އިރު އަނބުރާ ގެންގޮސްފަ އެވެ.
އެ ބިލަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި އެއްވެސް މެމްބަރަކު އެ ބިލަށް ބަހުސް ނުކުރިޔަސް ގިނަ މެމްބަރުން އެ ބިލާ ދެކޮޅު ހެއްދެވި އެވެ. އެންމެ ބޮޑު މައްސަލައަކަށް މެމްބަރުން ނެންގެވީ މަޖިލީހަށް ހުށަހެޅި އިސްލާހުތަކަށް ވުރެ އިތުރަށް ބިލުގައި އިސްލާހު ހުރުމެވެ. އެ ބިލު ހުށަހެޅީ 50 އިސްލާހެއް ހިމެނޭ ގޮތުން ކަމަށްވިޔަސް ފުރަތަމަ ކިޔުން އިއްވި އިރު އޭގައި 90 އިސްލާހެއް ހިމެނެ އެވެ.
އެންމެ ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކުރީ ބަލައި ފާސް ކުރުމަށް، އާންމު ތަންތަނަށް ކޯޓު އަމުރަކާ ނުލައި ވަނުމުގެ ބާރު ގާނޫނު ތަންފީޒު ކުރާ ކޮންމެ އިދާރާއަކަށް ލިބޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހަށެވެ.
މިހާރު ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ކޯޓު އަމުރަކާ ނުލައި، އާންމު ތަންތަން ވަނުމުގެ ބާރު އޮންނަނީ ފުލުހުންނަށް އެކަނި ކަމަށް ވިޔަސް މި އިސްލާހުގައި ހުށަހަޅާފައިވަނީ ފުލުހުން ނޫނަސް ގާނޫނު ތަންފީޒުކުރާ ކޮންމެ އިދާރާއަކަށް އެ ބާރު ދިނުމަށެވެ. މިއީ ގިނަ މެމްބަރުން އެންމެ ކަންބޮޑުވުން ފާޅުކުރި އެއް އިސްލާހެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި އެގޮތަށް ފާސްކޮށްފި ނަމަ އެއީ ކޯޓު އަމުރެއް ނެތި މީހުންގެ އަމިއްލަ ތަންތަނަށް ވަނުމުގެ ބާރު ދިނުމެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވަނީ މީހުންގެ އަމިއްލަ ތަންތަނަކީ ކޮބައިކަން ގާނޫނެއްގައި މިހާރު ކަނޑައަޅާފައި ނެތުމެވެ.
"މިސާލަކަށް ފިހާރައެއް ވެސް ހުންނާނީ މީހެއްގެ ގޯއްޗެއްގެ ތެރޭގައި. ގާނޫނު އަސާސީގައި ބުނަނީ ގޮވަތި ގެދޮރާއި މީހުންގެ އަމިއްލަ ތަންތަނަށް ވަންނަން ކޯޓު އަމުރެއް ހޯދަންޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
"މިގޮތަށް ފާސްކޮށްފި ނަމަ ހޯމް މިނިސްޓްރީ އަށް ވެސް ތަންތަނަށް ވަދެވޭނެ. އެއީ ވެސް ގާނޫނު ތަންފީޒުކުރާ އިދާރާއެއް. އޭރުން އެ މީހުން ގޭގެއަށާއި އޮޑި ދޯނިފަހަރަށް ވެސް އަރައި ބަލަންވީ. އެއްވެސް ހަމައެއް ލަމައެއް ނެެތި މިކަން ކުރެވޭނެ،" އަލީ ވިދާޅުވި އެވެ.
ދެވަނަ އަށް އެންމެ ބޮޑު ބަދަލަކަށް ހުށަހަޅާފައި ވަނީ ޖިނާއީ ކުށްތަކުގައި ދައުވާ ކުރަންޖެހޭ މުއްދަތަށް ހުށަހަޅާފައިވާ ބަދަލުތަކެވެ. ބަންދުގައި ތިބޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މީހުންނަށް ދައުވާ ކުރަންޖެހޭ ގޮތަށް ގާނޫނުގައި މިހާރު ލާޒިމް ކޮށްފައި އޮތަސް އިސްލާހުގައި ހިމަނާފައިވަނީ އެފަދަ މީހުންނަށް ދައުވާ ކުރަންޖެހޭ މުއްދަތު 45 ދުވަހަށް އިތުރު ކުރުމަށެވެ.
އެފަދަ މީހުންނަށް ދައުވާ ކުރަންޖެހޭ މުއްދަތު ދިގު ކުރަން ހުށަހަޅާފައިވަނީ ތަހުގީގު 30 ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށާއި އަދި ޕްރޮސެކިއުޓާ ޖެނެރަލަށް މައްސަލަ ލިބޭތާ 15 ދުވަސް ތެރޭގައި އެފަދަ މީހުންނަށް ދައުވާ ކުރަންޖެހޭ ގޮތަށެވެ.
ބަންދެއްގައި ނެތް މީހުންނަށް 45 ދުވަސް ތެރޭގައި ދައުވާ ކުރަންޖެހޭ ގޮތަށް ގާނޫނުު މިހާރު އޮތަސް އިސްލާހު ހުށަހަޅާފައިވަނީ އެ މުއްދަތު 60 ދުވަހަށް އިތުރު ކުރުމަށެވެ. އެއީ ތަހުގީގު 45 ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް އަދި ޕީޖީ އަށް މައްސަލަ ލިބޭތާ 15 ދުވަސް ތެރޭގައި ދައުވާ ކުރަންޖެހޭ ގޮތަށެވެ.
"މިއީ ވަރަށް ސީރިއަސް ކަމެއް. މިހާރު އޮތްގޮތަށް 30 ދުވަހަކީ އެކަށީގެންވާ މުއްދަތެއް ދައުވާ ކުރަން،" އަލީ ވިދާޅުވި އެވެ.
އެގޮތަށް މުއްދަތު ކަނޑައަޅާފައި އޮތަސް ވީހާ ވެސް އަވަހަކަށް ތަހުގީގު ނިންމުމަށާއި ދައުވާ އުފުލަން މަސައްކަތް ކުރަންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް ތަހުގީގުގެ މުއްދަތު އިތުރު ކުރުމުގެ ބާރު ޕީޖީ އަށް ލިބޭ ގޮތަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން ދައުވާ ކުރަންޖެހޭ މުއްދަތު ހަމަވާއިރު ވެސް މައްސަލައެއްގައި ދައުވާ ނުކޮށް އޮތް ނަމަ ނުވަތަ ދައުވާ އުފުލުމުން ވެސް ކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންގޮސް އޮއްވާ އެ މުއްދަތުގައި ހަމަވެއްޖެ ނަމަ އެ ދައުވާއެއް ބާތިލްވާ ގޮތަށް އެ ބިލުގައި ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
މީގެ އިތުރުން ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބަރަހަނާ ކޮށްގެން ހަށިގަނޑު ފާސް ކުރަން (ސްޓްރިޕް ސާޗް) ކޯޓު އަމުރު ހޯދަންޖެހޭ ގޮތަށް އޮތް އޮތުން އުވާލައި، ކޯޓު އަމުރެއް ނެތަސް އެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް އިސްލާހުގައި ވެ އެވެ.
އެ އިސްލާހުގައިވާ ގޮތުން ސްޓްރިޕް ސާޗް ކުރަން ޖެހޭނީ ފުލުހުންގެ ކަސްޓޯޑިއަލް ޖަލަށް އެންމެ ފުރަތަމަ ގެންގޮސް ބަލާއިރު ނުވަތަ ގާނޫނާ ޚިލާފް އެއްޗެއް ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލު ކުރެވޭ ނަމަ އެވެ. އެކަމަކު އެގޮތަށް ފާސްކުރަން ވާނީ ސަބް އިންސްޕެކްޓަރަށް ވުރެ މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދަ ލިބިގެން ކަމަށް އެ އިސްލާހުގައިވެ އެވެ.
އަލީ ހުސައިން ވިދާޅުވި ގޮތުގައި ސްޓްރިޕް ސާޗް ކުރުން ކޯޓު އަމުރަކާ ނުލައި، ހުއްދަ ކުރުމަކީ ސިޔާސީ މީހުންނާ ދެކޮޅަށް ބޭނުން ކުރާނެ ހަތިޔާރަކަށް ވެދާނެ އެވެ.
"ފުލުހުން ބޭނުންވީމަ ސިޔާސީ މީހުން ގެންގޮސް ހަމަ ސްޓްރިޕް ސާޗް ކުރެވޭނެ،" އަލީ ވިދާޅުވި އެވެ.
އެގޮތަށް ފާސް ކުރާއިރު ވެސް ޖިންސީ ގުނަވަނެއް ވަކިން ފާސްކުރަން ޖެހިއްޖެ ނަމަ އެކަމަށް ކޯޓު އަމުރެއް ހޯދަންޖެހޭ ގޮތަށް ހެދުމަށް އެ އިސްލާހުގައިވެ އެވެ.
ތަންތަން ބަލައި، ފާސް ކުރުމަށް ކޯޓު އަމުރު ދޭންޖެހޭ ގަޑިތަކަށް އިސްލާހު ގެންނަން އެ ބިލުގައި ވަނީ ހުށަހަޅައިފަ އެވެ. މިހާރު އެ ގާނޫނު އޮންނަ ގޮތުން ޚާއްސަ ހާލަތެއް ނެތް ނަމަ، ތަންތަން ބަލައި ފާސް ކުރުމުގެ އަމުރު ކޯޓުތަކުން ދޭންވާނީ ދުވާލުގެ ވަގުތުތަކަށެވެ.
އެކަމަކު މި ބިލުގެ އިސްލާހުގައި ހުށަހަޅާފައިވަނީ ޚާއްސަ ހާލަތެއް ނެތަސް، ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 10:00 އާ ދެމެދު ކޮންމެ ވަގުތެއްގައި ވެސް ތަނެއް ފާސްކުރަން ކޯޓުތަކަށް އަމުރު ދެވޭ ގޮތަށެވެ. އަދި ޚާއްސަ ހާލަތްތަކުގައި އެ ނޫން ގަޑިތަކަށް ވެސް އަމުރު ދެވޭ ގޮތަށެވެ.
ކޯޓު އަމުރެއްގެ ދަށުން ތަނެއް ފާސްކުރަން ތަނަކަށް ވަނުމުގެ ކުރިން، އެތަނަށް ވަންނަން އުޅޭކަން އެ ތަނެއްގައި ތިބި ބަޔަކަށް އަންގަން މިހާރު ގާނޫނު ލާޒިމް ކުރިޔަސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވަނީ ޚާއްސަ ހާލަތްތަކުގައި އެކަން އެންގުމެއް ނެތި ވެސް އެ ތަނަކަށް ވަދެވޭ ގޮތަށެވެ.
ފާސްކުރަން ބޭނުންވާ ތަނުގެ ވެރި ފަރާތް ނުވަތަ އޭނާގެ ފަރާތުން މީހަކު ނެތީސް އެ ތަން ފާސް ނުކުރެވޭ ގޮތަށް ގާނޫނުގައި މިހާރު އޮތަސް އިސްލާހު ހުށަހަޅާފައިވަނީ ފާސްކުރަން ފަށާ ވަގުތު އެ ތަނުގައި އެފަދަ މީހަކު ހުރުމަށް ފަހު، ފަހުން އެ ތަން ދޫކޮށް ދިޔަސް އެ ތަނެއް ފާސް ކުރުން ކުރިއަށް ގެންދެވޭ ގޮތަށެވެ.
ބޮޑެތި ކުށްތަކުގެ ގޮތުގައި އެ ގާނޫނު ބަލަމުން އަންނަ ކުށްތަކަށް ވެސް ބަދަލު ގެންނަން އިސްލާހު ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތައް ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނުމަށް އެ އިސްލާހުގައި ހުށަހަޅާފައިވާއިރު ޓެކުހަށް މަކަރު ހެދުމުގެ މައްސަލަތަކުގެ ތެރެއިން 500،000ރ. އިން ފެށިގެން މަތީ އަދަދުގެ ފައިސާގެ މައްސަލަތައް ވެސް ބޮޑު ކުށްތަކުގެ ގޮތުގައި ހިމެނުމަށް ވަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން ވައްކަމާއި ޓެކުމާއި ޚިޔާނާތާއި ފޭރުމުގެ ކޮންމެ ކުށަކީ ވެސް ބޮޑު ކުށެއްގެ ގޮތުގައި ބެލުމަށް ވަނީ ހުށަހަޅައިފަ އެވެ. މިހާރު އޮންނަ ގޮތުން އެފަދަ ކުށްތަކުގެ ތެރެއިން ބޮޑު ކުށެއްގެ ގޮތުގައި ބެލެވޭނީ 100،000ރ. އަށް ވުރެ ބޮޑު އަދަދުގެ ފައިސާގެ ހިމެނޭ މައްސަލަތަކުގަ އެވެ. އަދި ކޮރަޕްޝަންގެ ކުށްތަކުގެ ތެރެއިން ބޮޑު ކުށެއް ކަމަށް ބެލެވޭނީ 500،000ރ. އަށް ވުރެ ބޮޑު އަދަދުގެ ފައިސާ ހިމެނޭ ކަމަށް ބެލުމަށް އިސްލާހު ގެންނަން ހުށަހަޅައިފަ އެވެ.
މީގެ އިތުރުން ވެސް ދައުވާ އުފުލުމާއި އަނބުރާ ގެންދިއުމާއި އަދި ތަހުގީގު މަރުހަލާ އާއި ބަލައި، ފާސް ކުރުމުގެ އިޖްރައާތުތަކަށް އިތުރު ބަދަލުތައް ގެންނަން ވެސް އެ ބިލުގެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. އެ ބިލުގައިވާ ގޮތުން އެ އިސްލާހުތައް ފާސް ވުމުން އަމަލު ކުރަން ފަށާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެންނެވެ.