ޕީޕީއެމްގެ މެމްބަރުން ހޫނުވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިސްލާހުގެ ބިލް އަނބުރާ ނަގައިފި
ޕީޕީއެމްގެ މެމްބަރުން ހޫނުވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިސްލާހުގެ ބިލް އަނބުރާ ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ބޮޑެތި އިސްލާހުތަކާ އެކު ސަރުކާރުން ހުށަހެޅި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިސްލާހުގެ ބިލާ މެދު ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދުމާ ގުޅިގެން އެ ބިލް އަނބުރާ ގެންގޮސްފި އެވެ.

މި އިސްލާހުތަކުގެ މައްސަލާގައި ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން ހޫނުވެ، ކޮންމެވެސް ވަރަކަށް ޒުވާބު ކުރެއްވިއިރު، މައްސަލަ ފިނިކުރުމަށްޓަކައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާ މަޖިލިހުގެ އިދާރާގައި ބައްދަލުކުރެއްވި އެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރަކު "މިހާރު" އަށް ކިޔައިދެއްވި ގޮތުގައި ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވީ، ކުރިން އެންގުމެއް ނެތި، ކުއްލި ގޮތަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ހުށަހެޅުމުންނެވެ.

"ޚާއްސަކޮށް ކުރިން ނެތް ވަރުގެ ބޮޑެތި އަދަބުތަކެއް، އިޖުރާއަތުތަކެއް މި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބައެއް މެމްބަރުން ބުނަމުން އެބަދޭ. ބައެއް މެމްބަރުން ބުނީ މި ބިލަށް ވޯޓެއް ވެސް ނުދޭނަމޭ. އެހާ ބޮޑަށް ހިތްހަމަ ނުޖެހިފައި ތިބީ،" އޭނާ ވިދާޅުވި އެވެ.

މި ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ވެސް ގުޅުއްވައި ޝަކުވާ ހުށަހަޅުއްވާފައި ކަމަށް ވެ އެވެ.

ބައެއް މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ފޮނުވިއިރު، އޭގައި 50 މާއްދާ ހިމަނާފައި އޮތް ނަމަވެސް، މިއަދުގެ ޖަލްސާ އަށް ބިލް ހުށަހެޅިއިރު އެ އަދަދު 99 އަށް ވަނީ އިތުރުވެފަ އެވެ.

"ބިލް މަޖިލިހަށް ފޮނުވިއިރު އޮތީ 17 ގަނޑު. އެކަމަކު ބިލް ހުށަހެޅިއިރު ކަރުދާހުގެ އަދަދު 50 އަށް އޮތީ އިތުރުވެފައި،" އިދިކޮޅު މެމްބަރަކު ވިދާޅުވި އެވެ.

މި ގާނޫނުގައިވާ އިސްލާހުތަކުގެ ތެރެއިން އެންމެ ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކުރީ، ކޯޓު އަމުރަކާ ނުލައި އާންމުންގެ ތަންތަނަށް ވަނުމަށް ފުލުހުންނާއި ގާނޫނު ތަންފީޒު ކުރާ އެހެން އިދާރާތަކަށާއި ތަހުގީގު ކުރާ އެހެން އިދާރާތަކަށް ދީފައި އޮތުމާ ގުޅިގެންނެވެ.