ޗައިނާ ކުންފުންޏަކުން ނިއުކާސަލް ގަންނަން ބިޑް ކުރަނީ
ޗައިނާ ކުންފުންޏަކުން ނިއުކާސަލް ގަންނަން ބިޑް ކުރަނީ

ލަންޑަން (ޖޫން 13) - ނިއުކާސަލް ޔުނައިޓެޑް ގަންނަން ޗައިނާގެ ބޮޑު ކުންފުންޏަކުން ބިޑްކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހަތް އަހަރުގެ ތެރޭގައި ދެ ވަނަ ފަހަރަށް މިދިޔަ އަހަރު ރެލިގޭޓްވި ނިއުކާސަލް ވަނީ އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް އަލުން ޕްރޮމޯޓްވެފަ އެވެ. އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ނިއުކާސަލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެ ޓީމު ގަންނަން ގިނަ ކުންފުނިތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޗައިނާގެ ބޮޑު ކުންފުންޏަކުން ވަނީ ނިއުކާސަލް ގަންނަން އެއް ބިިލިއަން ޕައުންޑް ހުށަހަޅަން ތައްޔާރުވަމުންނެވެ. މީގެ ކުރިން އިނގިރޭސިވލާތުގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބް ނިއުކާސަލް ގަންނަން ރަޝިއާގެ މަހުޖަނަކު ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. އެ ފަހަރު ވެސް ނިއުކާސަލްވެ ވެރިޔާ މައިކް އެޝްލީ އެ ޓީމު ވިއްކަން އެއްބަހެއްނުވި އެވެ.

އެޝްލީ 2015 ގައި އެޝްލީ ވަނީ އެ ޓީމަށް ތަށްޓެއް ނޫނީ ޗެމްޕިއަންސް ލީގުގެ ޖާގައެެއް ނުލިބެނިސް އެ ޓީމު ވިއްކާނުލާނެ ކަމަށް ބުނެފަ އެވެ.

"ކިތަންމެ ބޮޑު ހުށަހެޅުމެއް ލިބުނު ނަމަވެސް ނިއުކާސަލަށް ތަށްޓެއް ނުލިބެނިސް ނޫނީ ޗެމްޕިއަންސް ލީގުގައި ވާދަކޮށްލުމުގެ ފުރުސަތު ނުލިބެނިސް އަހަރެން މި ޓީމު ވިއްކަލެއް ނުލާނަން. މި ޓީމުގެ ހައްގު މަގާމަށް ގެންގޮސްދޭން ބޭނުން،" މިިދިޔަ އަހަރު ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އެޝްލީ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިހާރު ވާދަކުރާ ޓީމުތަކުގެ ތެރެއިން ޗައިނާ ކުންފުންޏެއްގެ ހިއްސާ އޮތް ހަމައެކަނި ކްލަބަކީ ވެސްޓް ބްރޮމް އެވެ. އެހެން ނަމަވެސް އިނގިރޭސި ދެ ވަނަ ޑިވިޝަންގައި ޗައިނާ ކުންފުނިތަކުގެ ހިއްސާ އޮންނަ ތިން ކްލަބެއް އޮވެ އެވެ. އެއީ ވުލްވްސް، ބާމިންހަމް ސިޓީ އަދި އެސްޓަން ވިލާ އެވެ.