ފްރާންސްގައި މިހާރު އޮތީ ފުރިހަމަ ޓީމެއް: ސައުތުގޭޓް
ފްރާންސްގައި މިހާރު އޮތީ ފުރިހަމަ ޓީމެއް: ސައުތުގޭޓް

ޕެރިސް (ޖޫން 13) - ރަހުމަތްތެރިކަމުގެ މެޗެއްގައި މިރޭ ޕެރިހުގައި ކުޅޭ މެޗަށް ނުކުންނައިރު ފްރާންސްގައި އޮތީ ފުރިހަމަ ޓީމެއް ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އިންގްލެންޑް އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި 2-2 އިން ސްކޮޓްލެންޑާ އެއްވަރުވެފަ އެވެ. މިރޭ ފްރާންސާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި އިންގްލެންޑުން ގިނަ ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފަ އެވެ.

ސައުތުގޭޓް ބުނީ ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު މިހާރު އޮތީ ފްރާންސްގެ އެންމެ ފުރިހަމަ ޓީމު ކަމަށެވެ.

"އަހަރެން ބެލިން މިދިޔަ އަހަރު ޔޫރޯގައި ވެސް ފްރާންސްގެ މެޗުތައް. މިހާރު އެ ޓީމު އޮތީ މިދިޔަ އަހަރަށް ވުރެން ވެސް ވަރުގަދަކޮށް. ހަގީގަތުގައި އަހަރެންގެ ނަޒަރުގައި މިހާރު ފްރާންސްގައި އޮތީ ދުނިޔޭގެ ކޮންމެ ގައުމެއް ވެސް ޖެހިލުންވާފަދަ ފުރިހަމަ ޓީމެއް،" ސައުތުގޭޓް ބުންޏެވެ.

އޭނާ ބުނީ ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަށް ފްރާންސް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ނުލިބުމަކީ އެ ޓީމުގެ ވަރުގަދަކަން ދޭހަވާ އެއް ކަންތައް ކަމަށެވެ.

"ކާންޓޭ އަކީ މިދިޔަ ދެ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު މިޑްފީލްޑަރު އެކަމަކު މިހާރު އޭނާ އަށް ވެސް ފްރާންސް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގެ ޖާގަ ޔަގީނެެއް ނޫން. މީގެއިން ވެސް ދޭހަވާ ކަމަކީ ފްރާންސްގެ ވަރުގަދަކަން،" ސައުތުގޭޓް ބުންޏެވެ.

މިރޭ ފްރާންސާ ދެކޮޅަށް އިންގްލެންޑުގެ ގޯލު ބަލަހައްޓާނީ ބާންލީގެ ކީޕަރު ޓޮމް ހީޓަން އެވެ. އަދި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް މިޑްފީލްޑަރަކަށް ކުޅުވުމާ މެދު ވިސްނަމުން އަންނަ ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

ފްރާންސް އެންމެ ފަހުން ކުޅުނު މެޗުގައި ސްވިޑަން އަތުން އެ ޓީމު ބަލިވީ އެންމެ ފަހު ވަގުތު ޓީމުގެ ގޯލްކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް އަތުން ހެދުނު ގޯހަކުންނެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނީ މިރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭނީ ވެސް ލޮރިސް ކަމަށެވެ.

"ލޮރިސްގެ މަގާމެއް ނުގެއްލޭ. އަހަރެން އޭނާއާ ވާހަކަ ދައްކައިފިން. ކޮންމެ ކުޅުންތެރިއަކު އަތުން ވެސް ގޯހެއް ހެދިދާނެ. އެކަމަކު އޭގެ މުހިއްމު ކަމަކީ ދެން ކުރިއަށް ހުރި މެޗުތަކުގައި އެކަން ތަކުރާރުނުކޮށް ކުރިއަށް ވުރެ މޮޅު ކުޅުމެއް ދެއްކުން،" ޑިޝޯމްޕް ބުންޏެވެ.

އޭނާ ބުނީ މިރޭ އިންގްލެންޑާ ދެކޮޅަށް ފްރާންސުން އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދޭނެ ކަމަށެވެ.

މިރޭގެ މެޗުގައި ވީޑީއޯ އެސިސްޓަންޓް ރެފްރީގެ ބޭނުން ކުރުމަށް ވަނީ ނިންމައިފަ އެވެ. މިއީ އިންގްލެންޑް ކުޅޭ ބައިނަލްއަގްވާމީ މެޗެއްގައި ވީޑިއޯ އެސިސްޓަންޓް ރެފްރީގެ ބޭނުން ކުރާ ފުރަތަމަ ފަހަރެވެ.

އިންގްލެންޑާއި ފްރާންސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.