"ވަކިން ލޯބިން" އާ އެކު ޖުމަލް އާއި މަޖޫ އަނެއްކާ ވެސް ސްކްރީނަށް
"ވަކިން ލޯބިން" އާ އެކު ޖުމަލް އާއި މަޖޫ އަނެއްކާ ވެސް ސްކްރީނަށް

މި ފަހުން ދިވެހި ސިނަމާ އިން ފެނިގެން ދިޔަ އެންމެ ލޯބި އަދި އެންމެ މަގުބޫލް ޖޯޑަކީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ ޖޯޑެވެ.

މި ދެ ތަރިން އެކުގައި ފެނިގެން ދިޔަ "ވާށޭ މަށާއެކީ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ ވަރަށް ކާމިޔާބު ދެ ފިލްމެވެ. އެ ދެ ފިލްމަށް މި ފަހު މި ޒުވާން ޖޯޑު ސްކްރީނުން ބަލައިލުމުގެ ޝައުގުވެރިކަން އަދިވެސް ވަރަށް ބޮޑެވެ.

އެހެންވެ ޑާކް ރެއިން އެންޓަޓައިންމަންޓުން އަނެއްކާ ވެސް މި ވަނީ މަޖޫ އާއި ޖުމަލް ސްކްރީނަށް ގެނައުމުގެ ތައްޔާރީތައް ފަށައިފަ އެވެ. މި ފަހަރުގެ ފިލްމަކީ "ވަކިން ލޯބިން" އެވެ. މިއީ އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ހަދާ ފެމިލީ ޑްރާމާއެކެވެ.

"ވަކިން ލޯބިން" ޑައިރެކްޓް ކުރާނީ ޑާކް ރެއިންގެ އެންމެ އާންމު ޑައިރެކްޓަރު އަދި ފުލުފުލުގައި ކާމިޔާބު ފިލްމްތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ. އޭނާ އެންމެ ފަހުން ގެނެސް ދިން "މީ ލޯތްބަކީ" އަކީ މި އަހަރު އެޅުވި އެންމެ ކާމިޔާބު އެއް ފިލްމެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ "ވަކިން ލޯބިން" ގެ ޝޫޓިން ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

މި ފިލްމުގައި ކުޑަކުދިންތަކެއްގެ ރޯލް ކުޅޭނެ ކުދިންތަކެއް ވެސް ޑާކް ރެއިނުން މިހާރު އަންނަނީ ހޯދަމުންނެވެ. އެގޮތުން އެ ސްޓޫޑިއޯ އިން އާންމުކޮށްފައިވާ ކާސްޓިން ކޯލެއްގައި ބުނީ ޝައުގުވެރިވާ ކުދިން އޮޑިޝަނަށް ރަޖިސްޓްރީ ވާން އާދީއްތަ ދުވަހާ ހަމައަށް ހުޅުވާލައިފައިިވާ ކަމަށެވެ.

ބޭނުން ވަނީ 6-8 އަހަރާ ދެމެދުގެ ދެ ޖިންސްގެ ކުދިންނެވެ. އަދި އެ ކުދިން ވާން ޖެހެނީ މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި އުޅޭ ކުދިންނަށެވެ.

ޑާކް ރެއިނުން ޓާގެޓްކޮށްފައި އޮތީ އަންނަ އޮކްޓޯބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ފިލްމް ސިނަމާ އަށް ގެންނާށެވެ. އެހެންވެ "ވަކިން ލޯބިން" ވެގެން ދާނީ ޑާކް ރެއިނުން މި އަހަރު ސްކްރީނަށް ގެންނަ ދެވަނަ ފިލްމަށެވެ.

މޮގާ ބުނީ މި ފަހަރު ވެސް ފިލްމުގައި ވަރަށް ރީތި އަމިއްލަ ރާގުތަކެއް ހިމެނޭނެ ކަމަށެވެ. ފިލްމުގައި ފަސް ވަރަކަށް ލަވަ ހިމެނޭ އިރު، އޭގެ ތެރެއިން އެއް ލަވަ މިހާރު ވަނީ ސައުންޑްކުލައުޑަށް ދޫކޮށްލައިފަ އެވެ. އެއީ ފަތޯގެ "ބީވީމާ" އެވެ.

ޖުމަލް އާއި މަޖޫގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން "މީ ލޯތްބަކީ" އިން ފިލްމީ ދާއިރާ އަށް ތައާރަފުވި ފާތުމަތު ސާޖިނާ ޝާހީން ވެސް ފެނިގެން ދާނެ އެވެ.

"ވަކިން ލޯބިން" އަކީ ޒުވާން ދެމަފިރިއެއްގެ ކައިވެނި ވަރިފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ކިޔައި ދޭނެ ފިލްމެކެވެ.