13 ޖޫން 2017 - 11:31

ޕާސްޕޯޓް ނެތި ގަވާއިދާ ޚިލާފަށް އުޅެމުން ދަނިކޮށް މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޯން ޗާލްސް ސޭފަޓް 10 އަހަރު ވަންދެން ރާއްޖެ ނާދެވޭ ގޮތަށް ރޭ ޑީޕޯޓްކޮށްލައިފި އެވެ.
ޕާސްޕޯޓް ނެތި ދިރިއުޅެނިކޮށް ޖޯން ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު އޭނާ ޑީޕޯޓްކޮށްލުމުން އެހީތެރިއެއްގެ ގޮތުން އޭނާގެ ދިވެހި ވަކީލު ވެސް ދިޔަ އެވެ.
ޖޯންގެ ވަކީލުން ބުނެފައިވާ ގޮތުގައި އޭނާ ރާއްޖޭގައި އުޅުނީ ދިވެހި ބަޔަކާ ގުޅިގެން ހުޅުމާލޭގައި ގެސްޓްހައުސް ވިޔަފާރި ހިންގުމަށެވެ. އެކަމަކު އެކަމުގައި ބައިވެރިވި މީހުން ޖޯން އަތުން ފައިސާ އަތުލުމަށް ފަހު އޭނާގެ ޕާސްޕޯޓް ވަގަށް ނަގައި، އޭނާ "މަގުމަތިކޮށްލީ" ކަމަށް ވަކީލުން ބުނެފައިވެ އެވެ.
ޖޯން އަށް ލިބެން ޖެހޭ ފައިސާގެ ބައެއް މައްސަލަތައް އޭނާގެ ފަރާތުން ހުށަހެޅުމުން އެކި ކޯޓުތަކުގައި ދަނީ ހިނގަމުންނެވެ. އޭނާގެ ވަކީލުން ބުނެފައިވާ ގޮތުގައި ޖޯން ރާއްޖޭގައި ނެތަސް އެ މައްސަލަތައް ކުރިއަށް ގެންދެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.
"ޖޯން ނެތަސް ޕަވާ އޮފް އެޓާނީގެ ދަށުން އެ މައްސަލަތައް ކުރިއަށް ގެންދެވޭ ގޮތަށް ހަމަޖައްސާފައި އޭނާ ފުރައިގެން ދަނީ،،" އޭނާގެ އެއް ވަކީލް ވިދާޅުވި އެވެ.
ޖޯން ހުށަހެޅި ފައިސާގެ ހުރިހާ މައްސަލައެއް ވެސް މިހާތަނަށް ނިމުނީ އޭނާއާ އެއްކޮޅަށެވެ.