13 ޖޫން 2017 - 11:06

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް މިއަދު ކުޅޭ މެޗަށް ތައްޔާރީތައް ދިޔައީ ރަނގަޅަށް ކަމަށާއި ދެން އޮތީ ނަތީޖާ ނެރުމަށް ހުރިހާ ކުޅުންތެރިން އެކުވެ މަސައްކަތް ކުރުން ކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު ބުނެފި އެވެ.

ކޮލިފައިންގައި ރާާއްޖެ ކުޅުނު ފުރަތަމަ މެޗުން ފަލަސްތީނު އަތުން މާލޭގައި ވަނީ 3-0 އިން ބަލިވެފަ އެވެ. ކޮލިފައިންގައި ކުރިއަށް ދިއުމަށް މިއަދުގެ މެޗުން ބޫޓާން އަތުން މޮޅެއް ހޯދުން ރާއްޖެ އަށް އޮތީ މުހިއްމުވެފަ އެވެ.
ބޫޓާން މެޗަށް ތައްޔާރުވުމަށް ރާއްޖޭން ވަނީ ދުބާއީގައި އަފްގާނިސްތާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމުގެ އިތުރުން ބެންކޮކުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ. ޓީމުގެ ސީނިއާ ކުޅުންތެރިއެއް ކަމަށްވާ އުމެއިރު ބުނީ ލިބުނު ދުވަސްތަކާ ބަލާއިރު ފަރިތަކުރުންތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.
"މިދިޔަ ގާތްގަނޑަކަށް ހަފްތާއެއް ވަރު މިއުޅުނީ ހުރިހާ ކުޅުންތެރިން އެއްކޮށް. އެއީ ލިބުނު ހުރިހާ ދުވަހަކު ވެސް ވަރަށް ރަނގަޅަށް ޕްރެކްޓިސް ދިޔައީ. އެއީ މާލޭގައި ވެސް ރޯދަ މަހު ދުވާލު ގަޑީގައި ވަރަށް ޕްރެކްޓިސް ނުކޮށް ހުރެފައި މިކޮޅަށް އައިސް މި މެޗަށް ހުރިހާ ކުޅުންތެރިން ވަރަށް ރަނގަޅަށް ތައްޔާރުވީ،" އުމެއިރު ބުންޏެވެ.
އުމެއިރަކީ މި ސީޒަނުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިއާ އެވެ. އޭއެފްސީ ކަޕާއި އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ އިން ދައްކަމުން އަންނަ މޮޅު ކުޅުމުގައި އުމެއިރުގެ ހިއްސާ ބޮޑެވެ. އޭނާ ވަނީ އޭއެފްސީ ކަޕްގައި ވެސް ހަތަރު ލަނޑު ޖަހައިފަ އެވެ.
އުމެއިރު ބުނީ އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކުޅުން މިސާލަކަށް ބަލައިފިނަމަ ބޫޓާންގެ މައްޗަށް ކުރިހޯދޭނެ ކަމަށެވެ.
"އަފްގާނިސްތާން މެޗުން ބަލިވިޔަސް އަޅުގަނޑު ހަގީގަތުގައި އެ މެޗުގެ ނަތީޖާއަށް ބަލާއިރު 2-1 ވީމަ ވަރަށް އުފާވި. އެ މެޗުގައި އަޅުގަނޑުމެން ޕާސް ޖަހައިގެން ވަރަށް ރަނގަޅަށް ކުޅެ މެޗު ޑޮމިނޭޓްކުރި ވަގުތު ވެސް ދިޔަ. އެ މެޗުގައި ދެއްކި ކުޅުން ދައްކަން ޖެހޭ. އެ ކުޅުން ދައްކައިފިނަމަ ބޫޓާން އަތުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އުމެއިރު ބުންޏެވެ.
ބޫޓާނުގެ މޫސުމް ހުންނަ ގޮތުން އެ ގައުމުގައި ކުޅުމަށް މީގެ ކުރިން ރާއްޖޭގެ ކުޅުންތެރިންނަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ރާއްޖޭގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނީ މި ފަހަރު އެ މައްސަލަތައް އެހާ ބޮޑަށް ކުރިމަތިވުމުގެ ފުރުސަތު ކުޑަކަމަށެވެ.
"ފިނިވުމަކުން އެހާ ބޮޑު މައްސަލައެއް ކުރިމަތިވާނެ ހެނެއް ހިއެއްނުވޭ. އެއީ ދުބާއީ އާއި ބެންކޮކުގައި ވެސް ފަރިތަކޮށްފައި އަދި ބުޓާންގައި ވެސް ޕްރެކްޓިސްތައް ގެންދިޔައީމަ ވަރަށް ރަނގަޅަށް ދިޔައީ. އިރާދަކުރެއްވިއްޔާ މެޗުން މޮޅުވެވޭނެ،" ސެންޓޭ ބުންޏެވެ.
ތިމްޕޫގައި އެންމެ ފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވީ 4-3 އިންނެވެ. އެ މެޗުގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބުކުރީ އަލީ އަޝްފާގު (ދަގަނޑޭ) ހެޓްރިކަކާއި އަހުމަދު ނާޝިދު (ނައްޓޭ) އެވެ. މި ދެ ކުޅުންތެރިން ވެސް މި ވަގުތު އަނިޔާގެ ސަބަބުން ހުރީ ކުޅުމާ ދުރުގަ އެވެ.
ބޫޓާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 5 ޖަހާއިރު އެވެ.