ކުރު ވާހަކަ: އިލްޒާމު
ކުރު ވާހަކަ: އިލްޒާމު

އޮފީސް ނިންމައިފައި އައިސް ގެއަށް ވަންއިރު ކުޑަ މަންޖެ ކުޅެން އިނީ ފެންޑާގައެވެ. މަންމަ ކޮބައިތޯ ސުވާލުކުރުމުން އެތެރެއަށް އިޝާރާތްކޮށްލިއެވެ. އަހަރެން ސަޒުނާއަށް ގޮވާލައިފައި ފެން ތައްޓެއް ގެނެސްދިނުމަށް އެދުނީމެވެ. ބޫޓުގެ އެއްކިބަ ބޭލިތަނާ ސަޒުނާ ނިކުތެވެ. އަތުގައި ހުރި ފެންތަށި އަހަރެންނަށް ހަވާލުކޮށްފައި އުޑަފައިން އިށީނދެލީ އަހަރެންގެ ފައިދަށުގައެވެ. އަހަރެން ފެން ބޯން ފެށުމުން ސަޒުނާ އަހަރެންގެ އަނެއް ބޫޓު ކިބައާއި ސްޓާކިން ބާލައިދިނެވެ.

"ކާންވީއެއްނު. ހުންނާނެ ކާން ހަދައިފަ." ސަޒުނާ ބުނެލިއެވެ.

ބޯޖަހައިލުމަށްފަހު ހުސްތަށި މޭޒުމަތީ ބަހައްޓާފައި އަހަރެން ދިޔައީ ކޮޓަރިއަށެވެ. ގަމީސް ބާލައިފައި އެނދުމަތީ ބޭއްވުމަށްފަހު އެނބުރި އައިއިރު ސަޒުނާ ބަދިގޭގައި އުޅެއެވެ. އަހަރެން ގޮސް ކާމޭޒު ދޮށުގައި އިށީނދެލުމުން ބަތްކާ ތައްޓެއް ނަގައި ކުރިމަތީ ބެހެއްޓިއެވެ. އަހަރެން އުޅުނީ ބަތް އަޅާށެވެ. އެކަމަކު ސަޒުނާ އެފުރުސަތެއް ނުދިނެވެ. އޭނަ ބަތް އަޅައިދޭން ފެށުމުން އެމޫނަށް ބަލައިލެވުނެވެ. ކަމަކާއި ކަންބޮޑުވެފައިވާކަން އަހަރެންނަށް އަންގައިދިނީ ނިތްކުރީގައި ހަރުލާފައި ހުރި ދާ ތިކިތަކެވެ. އަހަރެން އިނީ ސަޒުނާ ބުނޭތޯއެވެ.

"އައްދެ މިއަދު ކުކުޅު ރިހަ ކެއްކި ދުވަހެއްތަ؟ ކިހިނެއްވީ؟" ތަށިން ރިހަ ނަގަން އުޅުނުއިރު އެތެރޭ އޮތް ކުކުޅުފައި އަހަރެންނަށް ފެނުނެވެ. ސަޒުނާ ބޯޖަހައިލުމަށްފަހު ރިހަ ސަމުސާ ނަގައި ތަށިތެރެއަށް އަޅައިލިއެވެ. އަހަރެން އިނީ ދެވަނަ ސުވާލުގެ ޖަވާބު ދޭނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ.

"ކުދިން ކެއީތަ؟" ކެއުމުގެ މެދުތެރޭން އަހަރެން އެހީމެވެ. ސަޒުނާ ހަމައެކަނި ބޯޖަހައިލިއެވެ.

އަންހެނުންގެ އާދަޔާ ޚިލާފު ހިމޭންކަން އަހަރެންގެ ހިތާއި ކުޅެމުން ދިޔައެވެ. ނުބުނެ ސިއްރުކުރަން އެމަސައްކަތް ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެން އިނީ ޖަވާބު ބޭނުންވެފައެވެ.

"އާމިރު! އަހަރެން ވާހަކައެއް ބުނަން ވެފަ އެބައޮތް." ކައި ނިމިގެން ތެދުވިތަނާ ސަޒުނާ ފެށިއެވެ. އެންމެފަހުން ސަޒުނާގެ ކެތްތެރިކަން ކޮޅުންލީތާއޭ ހިތަށް އެރިއެވެ. އަހަރެން އެމޫނަށް ބަލައިލުމުން ސަޒުނާ ބަލަން ފެށީ ދުރެވެ. އާންމުކޮށް ހަތަރުކަޅި ހަމަ ކުރަން ނުކެރިގެން އުޅޭނީ އަހަރެން ނުރުހޭ ކަމެއް ކުރެވުނީމައެވެ. ބުނަން އުޅެފައި ސަޒުނާ އަނެއްކާ ހިމޭންވުމުން އަހަރެންނަށް އުނދަގޫވިއެވެ.

"ދައްތާ!" ދޮރާ ދިމާލުން މީހަކު ގޮވައިލި އަޑު އިވުނެވެ. އަހަރެންގެ މެއަށް ފިނިވެގެން އައީ ކާކުގެ އަޑެއްކަން ފާހަގަވެފައެވެ. އަދިވެސް ބޮޑަށް ޔަޤީން ކުރަން ބޭނުންވާ މީހަކު ފަދައިން ބާރު ބާރަށް އެދިމާއަށް ދެވުނެވެ. ސަޒުނާގެ ކޮއްކޮ ޝަރުމީލު ހުރީ ފެންޑާގައެވެ.

"އާމިރު. މީ އަހަރެން ދައްކަން އުޅުނު ވާހަކަ." ފަހަތުން ސަޒުނާ އައިސް ވާހަކަދެއްކިއެވެ.

އައި ރުޅިން އަހަރެން ވަނީ އަނެއްކާވެސް އެތެރެއަށެވެ. އަތްދޮވެ ލައިގެން ބާރު ބާރަށް ގޮސް ކޮޓަރިއަށް ވަންއިރު ޝަރުމީލު ހުރީ ބަލަހައްޓައިގެންނެވެ. އަހަރެން ބޭނުންވީ ވީ އެންމެ އަވަހަކަށް ޝަރުމީލުގެ ކުރިމަތިން ދުރަށް ދާށެވެ. ނޫނީ އަތުން ފައިން ގޯސް ހެދިދާނެއެވެ.

ޝަރުމީލުއަކީ ސަޒުނާގެ ހުރި ހަމައެކަނި ކޮއްކޮއެވެ. ކައިވެންޏަށްފަހު ޝަރުމީލު ގެނައީ އަހަރުމެން ގެއަށެވެ. ސަޒުނާގެ އެދުމުގެ މަތިން އޭނައަށް ވަޒީފާ ހޯދައިދިނީ އަހަންނެވެ. އެކަމަކު ދެދުވަހު ހަމައަށް މަސައްކަތަށް ދާކަށް ނުކެރުނެވެ. މެންދުރު ބާރަ ޖަހާއިރު ނޫނީ އެނދުން ހިއްލައެއް ނުލައެވެ. އެންމެފަހުން ވަޒީފާ އިން ކަނޑާލިއެވެ. ބޮޑު ފިރިހެނަކު މަސައްކަތް ނުކޮށް ގޭގައި ބަހައްޓާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ. ޝަރުމީލު އާއި އެންމެ ގުޅޭނީ ވޮޗަރެއްގެ ވަޒީފާކަމަށް ޤަބޫލު ކުރެވިގެން އެވަޒީފާ ހަމަޖައްސައިދިނީ ދެވަނަ އަށެވެ. އެތަނަށް ދިއުން ހުއްޓައިލި ތާ ދެދުވަސް ފަހުން ވައްކަމުގެ މައްސަލައެއް ފެންމަތިވިއެވެ. އެތާ މަސައްކަތް ކުރި މީހުންގެ ގެ ފާސްކުރަމުން އަހަރެމެންގެ ގެއަށްވެސް ފުލުހުން އައެވެ. އެކަމަކު ފައިސާއެއް ނުފެނުނެވެ. ދުވަސްތަކެއް ފަހުން ޝަރުމީލު އާ ފޯނެއް ގެންގުޅޭތަން ފެނުނެވެ. އަހަރެންނަށް ޝައްކުވިއެވެ. ސަޒުނާ ކައިރީ ބުނުމުން ޤަބޫލެއް ނުކުރިއެވެ.

ރިސޯޓަކަށް ޝަރުމީލު ފޮނުވަން އުޅޭ ވާހަކަ ބުނީ ސަޒުނާއެވެ. ވަޒީފާގެ ކަންތަކާ އުޅެދިނީ ސަޒުނާގެ އެކުވެރިއެކެވެ. ވޮލެޓުގައި ބޭއްވި އެއްހާސް ރުފިޔާ މަދުކަން އެނގުނީ ޝަރުމީލު ފުރިފަހުންނެވެ. އެފަހަރުވެސް ސަޒުނާ އޭނައަށް ގުޅައިގެން އެހިއެވެ. ޝަރުމީލު ނޫނެކޭ ބުނެލިއިރަށް ސަޒުނާ ޤަބޫލު ކޮށްފިއެވެ.

ރިސޯޓުގައި ހުރެފައި ޝަރުމީލު ދޭތެރެއަކުން މާލެ އައިސް ހުންނަނީ އަނެއްކާވެސް އަހަރުމެން ގޭގައެވެ. އަހަރެން ޝަރުމީލުދެކެ ރުޅި އަޔަސް ސަޒުނާއަށް ކުރާ ޤަދަރަކުން ހުރުން މަނާ ނުކުރަނީއެވެ. ރިސޯޓުގައި އުޅެފައި އައިސް ތަންކޮޅެއް ޒިންމާދާރުކޮށް އުޅޭތީ ހިތަށް އެރިއެވެ. ކިތަންމެ ގޯސް މީހަކުވެސް ބަދަލު ވެދާނެއެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް އޭނަ ފުރައިގެން ދަނީ އަހަރެން ކުރި އިތުބާރަށް ފައިން އަރައިފައެވެ. ތަކުރާރުކޮށް ތިން ފަހަރު އޭނަ ދިޔައިރު ފައިސާ ގެއްލުމުން އަހަރެން ސަޒުނާއަށް އެންގީމެވެ. ޝަރުމީލަށް ދެން އަހަރެންގެ ގެއަކު ނުހުރެވޭނެއެވެ. އެކަމަކު މިއަދުވެސް ޝަރުމީލު އައިސް އެހުރީ އަހަރެންގެ ގޭގައެވެ.

ކޮޓަރީގައި އަހަރެން އޮންނަތާ އިރުގަނޑެއް ފަހުން ސަޒުނާ އައެވެ. އޭނަ ރޮއިފައި އެދުނީ ޝަރުމީލުއަށް ފަހު ފުރުސަތު ދިނުމަށެވެ. ކޮއްކޮ ނުބަހައްޓަންޏާ އޭނަވެސް ނިކުމެގެން ގޮސް ކުއްޔަށް ހުންނާނީ ކަމަށެވެ. އަހަރެން އެއްބަސްވީމެވެ. ފަހު ފަހަރު ކަމަށް ޔަޤީންކޮށްދިނީމެވެ.

އޭގެ ދެދުވަސް ފަހުން ޝަރުމީލު ރިސޯޓަށް ދާން ފުރިއެވެ. އަހަރެންނަށް ފުރަތަމަވެސް ޗެކްކޮށްލެވުނީ ވޮލެޓެވެ. ފައިސާ ހަމައަށް ހުއްޓެވެ. އެދުވަހު އޮފީހުގައި އުޅެފައި ތަންކޮޅެއް އަވަހަށް ގެއަށް އައިއިރު ސަޒުނާ ފެންނާކަށް ނެތެވެ. މަޑުމަޑުން ގޮސް ކޮޓަރިއަށް ވަންއިރު އެނދުގައި ބަންޑުން އޮތީ ފޯނެއްގައެވެ. އަހަރެންގެ ފިޔަވަޅުތައް ހުއްޓުވައިލީ ސަޒުނާ ދައްކަމުންދިޔަ ވާހަކައެވެ. އަހަރެން ފޯނު އަތުލާފައި ސުވާލު ކުރުމުން ސަޒުނާއަށް އެހެން ގޮތެއް ނެތެވެ. ސަޒުނާ ކިޔައިދިނެވެ. ފުރަތަމަ ދުވަހުން ފެށިގެން އަހަރެންގެ ވޮލެޓުން ފައިސާ ނަގަމުން އައީ ޝަރުމީލެއް ނޫނެވެ. ސަޒުނާއެވެ. އޭނާ އެފައިސާ ފޮނުވަނީ ދޮށީ ދަރިފުޅަށެވެ. އެދަރިފުޅު ހުންނަނީ ބައްޕަ ކައިރީގައި އެހެން ރަށެއްގައެވެ. ސަޒުނާ ކުރިން ކައިވެންޏެއް ކުރިކަން އަހަންނަށް އެނގުނީވެސް އެހިސާބުންނެވެ. ދަރިފުޅަށް ފައިސާ ފޮނުވުމަކުން އަހަރެންނަށް މައްސަލައަކަށް ނުވިއެވެ. މައްސަލައަކަށް ވީ ސިއްރުން އެކަން ކުރީމައެވެ. އަމިއްލަ ކޮއްކޮގެ ބޮލުގައި އެޅިފައި އޮތް އިލްޒާމު ނަގަން އެއްފަހަރުވެސް މަސައްކަތް ނުކުރީމައެވެ.ސަޒުނާގެ އެއަމަލުގެ ސަބަބުން ޝަރުމީލުދެކެ އަހަރެން ނަފްރަތު ކުރީ ކުށަކާ ނުލައެވެ. ޝައްކު ކުރާ ކޮންމެ ކަމެއް ހަޤީޤަތަކަށް ނުވެއެވެ. ހަމައެގޮތަށް ތިމާ އެންމެ އިތުބާރު ކުރާ މީހާވެސް އޮޅުވައިލަފާނެއެވެ. -- ނިމުނީ --