12 ޖޫން 2017 - 23:05

ދިވެހި އިންޝުއަރަންސްއިން ކެފޭތަކާއި ރެސްޓޯރަންޓްތަކަށް އަމާޒުކޮށްގެން އިންޝުއަރަންސް ޕެކޭޖެއް މިރޭ ތައާރަފްކޮށްފި އެވެ.

އެ އިންޝުއަރެންސް ކުންފުނިން ތައާރަފްކުރި އެ ޕޮލިސީގެ ދަށުން ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ދިމާވާ އެކި ނުރައްކާތަކަށް ބިނާކޮށް ބަދަލު ލިބޭނެ އެވެ.
އެ ޕޮލިސީ ތައާރަފްކުރުމަށް މިރޭ ސިޓީ ގާޑަން ރެސްޓޯރަންޓުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ދިވެހި އިންޝިއުރަންސް ގެ މެނޭޖިން ޑައިރެކްޓަރު އަބްދުލް ވާހިދު ވިދާޅުވީ އެ ޕޮލިސީގެ ދަށުން ނަގާ އިންޝިއުރަންސް ޕެކޭޖުން ވިޔަފާރި ކުރާ ފަރާތްތަކަށް ކުއްލި ހާލަތެއް ދިމާވި ނަމަވެސް ބޮޑު ގެއްލުމެއް ނުލިބި މައްސަލަ ހައްލު ކުރެވޭނެ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތައް އިތުރުވެ، އަދި ބޭރުގެ ފްރެންޗައިސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އެދެވޭ ފެނަވަރެއް ގައި ހިދުމަތްތައް ދަމަހައްޓަން ފަރުމާކޮށްފައިވާ ހާއްސަ އިންޝުއަރަންސާއި އެ ހިދުމަތާ ބެހޭ ފުރިހަމަ މައުލޫމާތު ކަސްޓަމަރުންނަށް ލިބެން ޖެހޭ ކަމަށެވެ. މިއީ ކުދި އަދި މެދު ފަންތީގެ ކެފޭ ރެސަޓޯރަންޓް ވިޔަފާރިތަކަށް ލިބިދާނެ ގެއްލުންތައް ނިސްބަތުން ކުޑަކޮށް ވިޔަފާރިއަށް ލިބޭނެ ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ދިވެހި އިންޝުއަރެންސްގެ ކެފޭ ރެސްޓޯރަންޓަށް ހާއްސަ އެކި ޕެކޭޖުތައް ޑިޒައިންކޮށްފައި ވަނީ ވިޔަފާރީގެ އަގާއި ފެންވަރަށް ބަލައިގެންނެވެ. ވިޔަފާރިއަށް ހުއްޓުން އައުމާއި، އަލިފާނުގެ ހާދިސާތަކަށާއި ވައްކަން އަދި އެކްސިޑެންޓްތަކަށް ހާއްސަ ޕެކޭޖްތައް ދިވެހި އިންޝުއަރަންސްއިން ދޫކުރެ އެވެ.
އެ ކުންފުނިން ބުނީ ކެފޭ ރެސްޓޯރަންޓުތަކުގައި ތައްޔާރުކުރާ ކާނާގެ ރައްކާތެރިކަމާއި ތަނުގެ ސާފުތާހިރުކަމާއި އަލިފާނުގެ ހާދިސާތަކާއި ވައްކަމާ ފޭރުން އަދި މިނޫންވެސް ދިމާވެދާނެ ތަފާތު އެކި މައްސަލަތަކުގައި މި އިންޝުއަރެންސް ޕެކޭޖުން ބަދަލު ލިބޭނެ ކަމަށެވެ. އަދި ވިޔަފާރި ވަގުތީ ގޮތުން ހުއްޓަން ޖެހިއްޖެ ހާލަތެއްގައި ވެސް އަލުން ވިޔަފާރި ފެށެންދެން އެހީތެރި ކަމާ ބަދަލު ލިބޭނެ ކަމަށެވެ.
ދިވެހި އިންޝުއަރަންސް އުފައްދާފައި ވަނީ މިދިޔަ އަހަރު އޯގަސްޓް 17 ގަ އެވެ.