12 ޖޫން 2017 - 15:31

ދޯހާ (ޖޫން 12) - ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލައިގެން މިހާރު އުފެދިގެން އުޅޭ މައްސަލަގަނޑުގައި ގަތަރުގެ ވަކީލަކަށް އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝްގެ ސަރުކާރުގައި އެޓާނީ ޖެނެރަލްކަން ކުރައްވާފައިވާ ޖޯން އެޝްކްރޮފްޓް ހަމަޖައްސައިފި އެވެ.
އެޝްކްރޮފްޓް ކުންފުނި ގަތަރުން ހަޔާކޮށްފައި ވަނީ ފުރަތަމަ 90 ދުވަހު 2.5 މިލިއަން ޑޮލަރަށެވެ. ކުންފުނިން ބުނެފައި ވަނީ މި ވަގުތު އެންމެ އިސްކަން ދޭނީ ގަތަރު މައްސަލަ އަށް ކަމަށެވެ. ގަތަރަށް ލަފާ ދިނުމުގައި އެންމެ އިސްކޮށް ހުންނަވާނީ އެޝްކްރޮފްޓެވެ. ކުންފުނިން ބުނީ ގަތަރު މައްސަލައިގައި ގާނޫނީ ގޮތުން ކުރާ މަސައްކަތްތަކުގައި އެމެރިކާ ސަރުކާރުގެ ކުރީގެ ސީނިއާ އޮފިޝަލުންނާއި ޖާސޫސީ، އެފްބީއައި އަދި ހޯމްލޭންޑާއި ޓްރެޝަރީ ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވާފައިވާ އިސް އޮފިޝަލުންގެ ލަފާ އެޝްކްރޮފްޓް ހޯއްދަވާނެ އެވެ.
އެޝްކްރޮފްޓުގެ ކުންފުނިން ގަތަރަށް ގާނޫނީ ލަފާގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް ގަތަރުން ކުރާ މަސައްކަތްތައް ރިޕޯޓްކުރާނެ އެވެ. އަދި އެމެރިކާގެ އެންޓި-ޓެރަރިޒަމް ފައިނޭންސް ގާނޫނާއި ޓްރެޝަރީ ގަވާއިދުތަކާ ބެހޭ ގޮތުން ގަތަރަށް ލަފާ ދޭނެ އެވެ.
ކުރީގެ ސެނެޓަރެއް ކަމަށްވާ އެޝްކްރޮފްޓް ބުޝްގެ ސަރުކާރުގައި އެޓާނީ ޖެނެރަލްކަން ކުރެއްވީ ފެބްރުއަރީ 2001 އިން ފެބްރުއަރީ 2005 އަށެވެ. ސެޕްޓެމްބަރު 11 ގައި އަލްގައިދާ އިން އެމެރިިކާ އަށް ހަމަލާ ދިން އިރު އެޓާނީ ޖެނެރަލަކީ އެޝްކްރޮފްޓެވެ. އެ ހަމަލާ އަށް ފަހު ޓެރަރިޒަމާ ދެކޮޅު ގާނޫނުތައް އެކުލަވާލުމުގެ އިސް މޭސްތިރިއަކީ ވެސް އެޝްކްރޮފްޓެވެ.
ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން އެ ތުހުމަތު ދޮގު ކުރެ އެވެ.