12 ޖޫން 2017 - 14:08

ރޭ ދަންވަރު މާލޭ މަގުމަތިން މީހެއްްގެ އަތުން 3500ރ. ފޭރިގަތް ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނެކެވެ. އެ ދެ މީހުންވެގެން ފޭރުނީ މާލޭގެ ހެންވޭރު ކޮޅުން ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ބުދަ ދުވަހު ވެސް ވަނީ މާފަންނުގައި ހުރި ގެސްޓު ހައުސްއަކުން ފޭރިފަ އެވެ. ބޮލުގައި ވިގު އަޅައިގެން، ކާކުކަން ނޭނގޭ ގޮތަށް ތިބި ދެ ޒުވާނަކު އެ ތަނަށް ވަނީ ގެސްޓް ހައުސްގެ އެހެން ކޮޓަރިއެއްގައި އުޅޭ ފިރިހެނަކު ހާރުކާން ދިއުމަށްޓަކައި ބޭރަށް ނުކުތުމަށް ގޭގެ ބޭރު ދޮރު ހުޅުވި ވަގުތު އެވެ. އަދި އެ ފަހަރު ވަގުން ވަނީ ދެ މީހެއްގެ ފޯނާއި ވޮލެޓާއި ލެޕްޓޮޕް ވެސް ގެންގޮސްފަ އެވެ.
ރޯދަ މަހާ ދިމާކޮށް މާލޭގައި ފޭރުމުގެ މައްސަލަތައް އަންނަނީ އިތުރު ވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރުމުގެ މައްސަލަތައް މިހާ ގިނައީ ރޯދަ މަހާއި ދިމާކޮށް ޖަލުން ބައެއް ކުށްވެރިން މިނިވަން ކުރުމުންނެވެ.