ޝާހީ އާއިލާގެ މެންބަރުން މިނިވަންކުރަން ގަތަރުން ދިން 500 މިލިއަން ޑޮލަރު ހުރީ އިރާގުގައި
ޝާހީ އާއިލާގެ މެންބަރުން މިނިވަންކުރަން ގަތަރުން ދިން 500 މިލިއަން ޑޮލަރު ހުރީ އިރާގުގައި

ބަޣުދާދު (ޖޫން 12) - ގަތަރުގެ ޝާހީ އާއިލާގެ ބައެއް މެންބަރުން ވަގަށް ނެގުމުން އެ މީހުން ސަލާމަތް ކުރަން ހަތިޔާރު އެޅި އިރާގުގެ ޝިއައީ ޖަމާއަތަކަށް ގަތަރުން 500 މިލިއަން ޑޮލަރު ދިން ކަމަށް ސައުދީ އަރަބިއާ އާއި ޔޫއޭއީގެ މީޑިއާތަކުން ކުރާ ތުހުމަތު ބަޣުދާދުން ދޮގުކޮށްފި އެވެ.

އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވީ ޝިކާރަ ކުރަން އުޅުނު ގަތަރުގެ ޝާހީ އާއިލާގެ 26 މެންބަރަކު ވަގަށް ނެގުމުން އެ މީހުން ސަލާމަތް ކުރަން ޑިމާންޑް ކުރި ފައިސާ ގަތަރުން ހަވާލު ކުރީ އިރާގަށް ކަމަށާއި އެ ފައިސާ އަދިވެސް ހުރީ އިރާގުގެ މަރުކަޒީ ބޭންކުގައި ކަމަށެވެ.

"ގަތަރުން ޝިއާއީ މުސްލިމް ޖަމާއަތަކަށް ފައިސާ ދިން ކަމަށް ބައެއް މީޑިއާތަކުން ފަތުރާ ޚަބަރަކީ ދޮގެއް. އެ ފައިސާ އަދިވެސް ހުރީ އިރާގުގެ މަރުކަޒީ ބޭންކުގައި،" އިރާގު ޓީވީން ވަގުތުން ދައްކަމުން ދިޔަ އިވެންޓެއްގައި އަބާދީ ވިދާޅުވި އެވެ.

އިރާގުގެ ބޮޑު ވަޒީރު މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ގަތަރުން ފައިސާ ޚަރަދު ކުރާ ކަމަށް ބުނެ އެ ގައުމާ ގަލްފުގެ ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލިތާ ހަފުތާއެއް ފަހުންނެވެ. ގަތަރުން މި ތުހުމަތު ދޮގު ކުރެ އެވެ. ޚާއްސަކޮށް ޝާހީ އާއިލާގެ މެންބަރުން ސަލާމަތް ކުރަން ދިން ފައިސާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ އަތްމައްޗަށް ދިޔަ ކަމަށް ބުނާ ވާހަކަތައް ގަތަރުން ދޮގު ކުރެ އެވެ.

ގަތަރުގެ ޝާހީ އާއިލާގެ މެންބަރުން ވަގަށް ނަގާފައި ވަނީ ޑިސެމްބަރު 16، 2015 ގަ އެވެ. އެ މީހުން ދޫކޮށްލީ ގާތްގަނޑަކަށް ދޮޅު އަހަރު ފަހުންނެވެ. ގަތަރުގެ ޝާހީ އާއިލާގެ 26 މެންބަރުން ވަގަށް ނެގީ ކޮން ބައެއް ކަމެއް އަދިވެސް ނޭނގެ އެވެ. ޝާހީ އާއިލާގެ މެންބަރުން ސަލާމަތް ކުރަން ގަތަރުން އެއް ބިލިއަން ޑޮލަރު ހޭދަކުރި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.