12 ޖޫން 2017 - 12:49

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ، އާދަމް އާޒިމްއާ ތަހުގީގުގައި ފުލުހުން ސުވާލުކުރީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި އޭނާ ދެއްކެވި ވާހަކައަކާ ގުޅޭ ގޮތުން ކަމަށް އޭނާގެ ވަކީލް، އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރިން ކުރެއްވި އަދި އިދިކޮޅު ކޯލިޝަންގެ ހިޔަނި ކެބިނެޓްގެ މިނިސްޓަރު އާޒިމް މިދިޔަ ބުރާސްފަތިދުވަހު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރަން ހިތްވަރުދީ، ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ދެއްކުމުގެ ތުހުމަތުގަ އެވެ.
އެ ތުހުމަތުގައި ފުލުހުން ވަނީ އިއްޔެ މެންދުރުު 2:00 އިން ފެށިގެން މެދުކެނޑުމަކާ އެކު ރޭގަނޑު 8:00 އާ ހަމައަށް އާޒިމްއާ ސުވާލުކޮށްފަ އެވެ. ތަހުގީގުގައި ސުވާލުކުރީ، އަލީ ޒާހިރު ވިދާޅުވި ގޮތުގައި، ސިޔާސީ ފަރާތްތަކުން އާއްމުކޮށް ދައްކާ އުސޫލުން ދެއްކެވި ވާހަކައަކާ ބެހޭ ގޮތުންނެވެ.
އޭނާ ވިދާޅުވީ އާޒިމަށް ކުރަނީ ވަރަށް "ތާކުންތާކުނުޖެހޭ" ތުހުމަތުތަކެއް ކަމަށެވެ.
"މި ގޮތަށް ޓީވީ ޕްރޮގްރާމްތަކުގައި ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތައް ތަހުގީގުކުރާ ނަމަ، ދުވާލަކު މި ގޮތަށް އެތައް ބޭފުޅުން އާއްމުކޮށް މި ދައްކާ ވާހަކަ ތަހުގީގުކުރުން ނޫން ކަމެއް ފުލުހުން ކުރާކަށް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވި ގޮތުގައި އާޒިމަށް ތުހުމަތުކުރަނީ ގާނޫނުލް އުގޫބާތުގެ 532، 533 އަދި 610 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުލް އުގޫބާތުގެ 610 ވަނަ މާއްދާގެ ދަށުން ތުހުމަތުކުރީ ފަހުން މި ތަހުގީގުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތަހުގީގުގައި ހުރިހާ ސުވާލުތަކަށް ވެސް އާޒިމް ޖަވާބު ދެއްވި،" އަދާލަތު ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަލީ ޒާހިރު ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގައި އޮންނަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެފައި ހުރި މުވައްޒަފަކަށް ހުރަސްއެޅުން ނުވަތަ ދަތިކުރުމުގެ ކުށެވެ. ދެން ތުހުމަތުކުރާ މާއްދާގައި ވަނީ، ގާނޫނު ހިންގަން ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސް އެޅުމެވެ.
ގާނޫނުލް އުގޫބާތުގެ 610 ވަނަ މާއްދާ އަކީ ރަޔަޓް ކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމާ ބެހޭ ކުށެވެ.
އާޒިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް އިތުރުކުރި މައްސަލަ މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ.
އާޒިމްގެ ބޭބެ ނާޒިމް ގެންދަވަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަން ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.