12 ޖޫން 2017 - 11:54

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ އަމިއްލަ ގައުމުގައި ކުޅޭ މެޗުން ދިވެހިރާއްޖެ ބަލިކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބޫޓާންގެ ޓީމުން ބުނެފި އެވެ.
ސާފް ސުޒުކީ ކަޕްފައި 2015 ވަނަ އަހަރު ބޫޓާން އަތުން ރާއްޖެ މޮޅުވީ 3-1 އިންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ތިމްޕޫގައި ކުޅުނު މެޗުން ބޫޓާނުން ފަހު ވަގުތު ވައްދާލި ލަނޑުތަކާ އެކު ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އެ މެޗުން ވެސް ރާއްޖެ ވަނީ 4-3 އިން މޮޅުވެފަ އެވެ.
އެންމެ ފަހުން މި ދެ ޓީމު މާލޭގައި ކުޅުނު މެޗުގެ 80 ވަނަ މިނިޓާ ހަމައަށް ބޫޓާން އޮތީ 2-1 އިން ކުރީގަ އެވެ. އެހެން ނަމަވެސް ފަހު ވަގުތުގެ ލަނޑުތަކާ އެކު ރާއްޖެ ވަނީ އެ މެޗުން ވެސް 4-2 އިން މޮޅުވެފަ އެވެ.
"އަހަރެމެންނަށް އަދި ރާއްޖެ އަތުން މޮޅެއް ލިބިފައި ނެތް ނަމަވެސް ފާއިތުވި މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު މިއީ އަހަރެމެންނަށް މޮޅެއް ހޯދޭނެ މެޗެއް ކަމަށް މިދެކެނީ. އަމިއްލަ ގައުމުގައި ސަޕޯޓަރުންގެ ކުރިމަތީގައި އަހަރެމެންނަށް ނެގޭނެ އެޑްވާންޓޭޖްތަކެއް އެބަހުރި. އޭގެ ބޭނުން ހިފައިގެން މި މެޗުން މޮޅުވާން ބޭނުން،" ބޫޓާން ޓީމުގެ ތަރުޖަމާނު ޕުންޝްޓޯ ވަންގްޑީ ބުންޏެވެ.
ބޫޓާނުން ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ވަނީ އޮމާން އަތުން 14-0 އިން ބަލިވެފަ އެވެ. ބޫޓާންގެ ކޯޗު ޖަރުމަނުގެ ޓޯސްޓެން ސްޕިޓްލާ ބުނީ ރާއްޖެއާ ދެކޮޅަށް ނުކުންނާނީ އޮމާން މެޗުގައި ފެނިގެންދިޔަ ގޯސް ކަންތައްތައް ރަނގަޅުކޮށް ނަތީޖާ ނެރުމަށް ކަމަށެވެ.
"އޮމާން މެޗުގައި އަހަރެމެންނަށް ހެދުނު ގޯސްތައް ރާއްޖެއާ ދެކޮޅަށް ތަކުރާރު ކުރާކަށް ނެތިން. ފުރަތަމަ މިނިޓުން ފެށިގެން އަހަރެމެން މަސައްކަތް ކުރާނީ މޮޅަކަށް މި މެޗުގައި ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު ބޮޑު،" ސްޕިޓްލާ ބުންޏެވެ.
އޭނާ ބުނީ މި މެޗަށް ތައްޔާރުވުމަށް އެކަށީގެންވާ ވަރަށް ވަގުތު ލިބުނު ކަމަށާއި ޓީމުގެ ކުޅުންތެރިން ކުރާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.
ބޫޓާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ރާއްޖެ ގަޑިން ހަވީރު 5 ޖަހާއިރު އެވެ.