"ދަންގަލް" އަށް ޗައިނާއިން ލިބޭނީ އާމްދަނީގެ 25 ޕަސެންޓް
"ދަންގަލް" އަށް ޗައިނާއިން ލިބޭނީ އާމްދަނީގެ 25 ޕަސެންޓް

އާމިރު ޚާންގެ "ދަންގަލް" އަށް ޗައިނާއިން 1106.25 ކްރޯޑު (175 މިލިއަން ޑޮލަރު) މިހާތަނަށް ލިބިފައިވުމުން އެ ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ އާމިރު ޚާނާއި ޔޫޓީވީ ޑިޒްނީ އަށް ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް އެއީ ރަނގަޅު ހީއެއް ނޫނެވެ.

ޗައިނާ ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން އެ ގައުމުގެ ތިއޭޓަރުތަކުގައި ދައްކާ ބޭރު ގައުމުތަކުގެ ފިލްމުތަކުން ލިބޭ ބޮކްސް އޮފީސް ރެވެނިއުގެ އެންމެ 25 ޕަސެންޓް ނޫނީ ބޭރު ގައުމުތަކުގެ ސްޓޫޑިއޯތަކަކަށް ނުލިބޭނެ އެވެ. އެމެރިކާގައި އޮންނަ ގަވާއިދުގެ ދަށުން 50 ޕަސެންޓް އަދި އެހެނިހެން ގައުމުތަކުގައި 40 ޕަސެންޓް ލިބެ އެވެ.

އެހެންކަމުން ޔޫޓީވީ ޑިޒްނީގެ ޝެއާ އަށް ލިބެނީ އެންމެ 276.5 ކްރޯޑު (43.8 މިލިއަން ޑޮލަރު) އެވެ. މީގެ ތެރެއިން ބައެއް ޕްރޮފިޓް ޝެއަރިންގެ ގޮތުން އާމިރު އަށް ލިބޭނެ އެވެ.

ޑިސްޓްރިބިއުޓާ-އެގްޒިބިޓާ އަކްޝޭ ރާތީ ބުނި ގޮތުގައި ޗައިނާގައި އެޅުވުމުގެ ހުއްދަ ލިބިފައި ވަނީ ވެސް އެންމެ 45 ފިލްމަށެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އެންމެ ހަތަރު ފިލްމެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ޑިޒްނީ އަށް ޗައިނާ އިން ލިބޭ އެއްޗެއްގެ 80 ޕަސެންޓް ގެންދާނީ އާމިރެވެ. އަދި އެއީ އެހާ އިންސާފުވެރި ގޮތެއް ކަމަށް ނުދެކޭ ކަމަށް ރާތީ ބުންޏެވެ. ސަބަބަކީ ހުރިހާ ފައިސާއެއް ޚަރަދުކޮށް އެންމެ ބޮޑު ރިސްކެއް ނަގާ ބަޔަކީ ޕްރޮޑިއުސަރުންނަށް ވާއިރު އެމީހުންނަށް ލިބޭ ފައިދާ ކުޑަވީމަ އެވެ.

ނަމަވެސް އާމިރުގެ ފިލްމެއްގައި އިންވެސްޓްކޮށްފި ނަމަ ފައިދާވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮންނާތީ އެގޮތަށް ވެސް އިންވެސްޓްކުރަން ސްޓޫޑިއޯތަކުން ތަައްޔާރަށް ތިބެނީ ކަމަށް ވެސް ރާތީ ބުންޏެވެ.