24 ޖޫން 2016 - 08:04

އަންހެނުންނަށް ވަރަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ. ޔޫރިނަރީ ޓްރެކްޓް އިންފެކްޝަންސް (ޔޫޓީއައި) ނުވަތަ އާންމުކޮށް ކިޔާ ގޮތުން ނަމަ ޔޫރިން އިންފެކްޝަންގެ ވޭން ވަރަށް ގިނައިން ކުރިމަތިވެ އެވެ. ޔޫރިން އިންފެކްޝަންގެ އަލާމާތެއް ފެނިއްޖެ ނަމަ ކްރޭންބެރީ ޖޫސް ބުއިމަކީ އަހަރެމެންގެ ތެރޭގައި ވެސް އާންމުކޮށް ކުރާ ކަމެކެވެ. ކުރީގެ ބައެއް ދިރާސާތަކުގައި ބުނެފައި ވަނީ މިއީ ޔޫޓީއައި އަށް ފަރުވާއެއް ނޫން ކަމަށެވެ. އެކަމަކު ފަހުގެ ދިރާސާއެއްގައި އަނެއްކާވެސް ބުނަނީ މިއީ ރަނގަޅު އެއްޗަކަށް ވެދާނެ ކަމަށެވެ. ތިރީގައި އެ ވަނީ މިކަމާ ބެހޭ ގޮތުން ވެބްއެމްޑީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާ އެވެ.
ދިރާސާގައި ބުނެފައި ވަނީ ދުވާލަކު 8 އައުންސް (236 މިލިލީޓަރު) ހުންނަ ވަރުގެ ކްރޭންބެރީ ޖޫސްތައްޓެއް ކޮންމެ ދުވަހަކު ބުއި އަންހެނުންނަށް ޔޫޓީއައިގެ އަލާމާތްތައް އެނބުރި އައުން، އޭގެ ޖޫން ނުބޯ އަންހެނުންނާ އަޅާބަލާއިރު ކުޑަ ކަމަށެވެ.
ޔޫޓީއައި އަކީ މުޅި ދުނިޔޭގައި ވެސް އަންހެނުންނަށް އެންމެ އާންމުކޮށް ޖެހޭ އެއް އިންފެކްޝަން އެވެ. އެގޮތުން 60 ޕަސެންޓް އަންހެނުންނަށް އުމުރުގެ ކޮންމެވެސް ހިސާބެއްގައި މި ވޭނާ ކުރިމަތިވެ އެވެ. ޔޫޓީއައިގެ އެންމެ އާންމު އެއް އަލާމާތަކީ ކުޑަކަމުދާއިރު ތަދުވެ ދިލަ ނެގުމާއި އަވަސް އަވަހަށް ކުޑަކުޑަ އެތިފޮދުން ކުޑަކަމު ދެވުމެވެ.
ޔޫޓީއައި އަށް އާންމުކޮށް ފަރުވާ ކުރަނީ އެންޓިބަޔޮޓިކް ބޭނުންކޮށްގެންނެވެ. އެކަމަކު އެންޓިބަޔޮޓިކް ބޭނުންކުރުން މާބޮޑަށް އާންމުވެ އެއިން ފަރުވާ ނުކުރެވޭ މައްސަލަ މިހާރު އަންނަނީ ބޮޑުވަމުންނެވެ.
ކްރޭންބެރީ ޖޫހަކީ، ޔޫޓީއައިއާ ދުރުވުމަށް ބޭނުންކުރެވިދާނެ، ސިއްހަތަށް ފައިދާ ހުރި އެއްޗެއްގެ ގޮތުގައި ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ. ކްރޭންބެރީގައި ބެކްޓީރިއާ ގަދަވެގަތުމާ ދެކޮޅަށް މަސައްކަތްކުރާ ހާއްސަ މާއްދާއެއް ހުންނަކަން ވަނީ ދިރާސާއިން ފާހަގަވެފަ އެވެ.
ސިސްޓިޓިސް އެންޑް އޯވައެކްޓިވް ބްލެޑާ ފައުންޑޭޝަނުން ބުނާ ގޮތުގައި، ކްރޭންބެރީ ޖޫހަކީ ޔޫޓީއައިއާ ދެކޮޅަށް ބޭނުންކުރެވޭނެ އެއްޗެކެވެ. މީގެ އިތުރުން ދީފައިވާ ލަފަޔަކީ؛
- ގިނައިން ފެން ބުއިން
- އަކްކޮހޮލް، މޭވާގެ ދިޔަ، ސައި އަދި ކޮފީއާ ދުރުވުން. އެއީ ބްލެޑާ އަށް އުނދަގޫވާ އެއްޗިއްސަށް ވާތީ.
- ގުދުރަތީ (ކޮޓަން ފަދަ) މާއްދާތަކުން އުފައްދާފައި ހުންނަ ޖަންގިޔާ ލުން އަދި ތޮންގް ނުލުން
- ފާހާނާކުރުމަށް ފަހު ޓޮއިލެޓް ޕޭޕަރުން ފޮހޭ ނަމަ އަބަދުވެސް ކުރިމަތިން ފެށިގެން ފަހަތަށްވާ ގޮތަށް ސާފުކުރުން
- ބޮޑުކަމު ގޮސް ތާހިރުވާއިރު، ސައިބޯނި ލައިގެން އެ ހިސާބު ރަނގަޅަށް ދޮވުން
- ކުޑަކަމުދާން ވެފައި ހުރި ނަމަ އަވަހަށް ގޮސް، އަބަދުވެސް ބްލެޑާ ހުސްކުރުން
- ގިނައިން ތަރުކާރީ ކެއުމާއި ޖަންކް ފުޑް މަދުކުރުން
- ދެމަފިރިކަމުގެ ގުޅުން ހިންގުމުގެ ކުރިން ރަނގަޅަށް ދޮވުން އަދި ނިމުމަށް ފަހު 15 ވަރަކަށް މިނެޓް ފަހުން ކުޑަކަމު ދިއުން. އޭރުން ބެކްޓީރިއާތައް ހަށިގަނޑުން ބޭރުކޮށްދޭނެ.