ސްޕެއިނާއި އިޓަލީ މޮޅުވެ ގްރޫޕުގެ ފޯރިގަދަވެއްޖެ
ސްޕެއިނާއި އިޓަލީ މޮޅުވެ ގްރޫޕުގެ ފޯރިގަދަވެއްޖެ

އުދިނޭ، އިޓަލީ (ޖޫން 12) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސްޕެއިނާއި އިޓަލީ ކުޅުނު މެޗުތަކުން މޮޅުވެ އެ ދެ ޓީމު ވާދަކުރާ ކޮލިފައިން ގްރޫޕް ޖީ ގެ ފޯރިގަދަވެއްޖެ އެވެ.

ސްޕެއިން ރޭ މޮޅުވީ ރަށުންބޭރުގައި މެސެޑޯނިއާއާ ވާދަކޮށް 2-1 އިންނެވެ. އިޓަލީ ވަނީ އަމިއްލަ ދަނޑުގައި ލިޗެސްޓައިން އަތުން 5-0 އިން މޮޅުވެފަ އެވެ.

ކޮލިފައިން ގްރޫޕްގައި ކޮންމެ ޓީމެއް ހަ މެޗު ކުޅުނުއިރު އެއް ވަނައިގައި އޮތް ސްޕެއިނާއި ދެ ވަނައިގައި އޮތް އިޓަލީ އަށް ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. ސްޕެއިން ކުރީގައި އޮތީ ފައިދާ ލަނޑުންނެވެ. ތިން ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އަލްބޭނިއާ އެވެ.

ކޮލިފައިން ގްރޫޕުގެ އެއް ވަނަ އަށް ވޯލްޑް ކަޕުން ސީދާ ޖާގަ ލިބޭއިރު، ދެ ވަނަ ޓީމު ކުޅެން ޖެހޭނީ ދެ ވަނަ ބުރުގަ އެވެ. ދެ ވަނަ ބުރުގައި ކުޅޭނީ ހުރިހާ ގްރޫޕެއްގެ ދެ ވަނަ ޓީމުގެ މެދުގައި ގުރުނެގުމަށް ފަހު ޕްލޭއޮފް މެޗުތަކެކެވެ.

ރަށުންބޭރުގައި މެސެޑޯނިއާ ކޮޅަށް ސްޕެއިނުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ޑިއޭގޯ ކޮސްޓާ އާއި ޑޭވިޑް ސިލްވާ އެވެ. މެސެޑޯނިއާގެ ހަމައެކަނި ލަނޑު ޖެހީ ސްޓެފަން ރިސްޓޯވްސްކީ އެވެ.

ކޮސްޓާ ކުޅެމުން އަންނަ ކްލަބް ޗެލްސީގައި އޭނާގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާއިރު، ރޭގެ މެޗަށް ފަހު އޭނާ ބުނީ ޗެލްސީގައި މަޑުކުރުމާ މެދު ނޫނީ އެހެން ކްލަބަކަށް އޭނާ ބަދަލުވުމާ މެދު ވަރަށް އަވަހަށް މަޝްވަރާކުރާނެ ކަމަށާއި ކުޅުމުގެ ފުރުސަތު ބޭނުންވާ ކަމަށެވެ.

ލިޗެސްޓައިން ކޮޅަށް ރޭގެ މެޗުގައި އިޓަލީގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ލޮރެންޒޯ އިންސިގްނޭ، އަންޑްރެއަ ބެލޮއްޓީ، އެޑާ، ފެޑެރީކޯ ބާނަޑޭޝީ އަދި މަނޯލޯ ގަބިއަޑީނީ އެވެ.

އިޓަލީގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ ބުނީ މެޗުން މޮޅުވާން އެ ޓީމުން ދައްކަން ޖެހޭ ކުޅުން ފެނުނީ ދެ ވަނަ ހާފްގައި ކަމަށެވެ.

"އަހަރެމެން ބޭނުންވި ގޮތަކަށް ނޫން ފުރަތަމަ ހާފް ދިޔައީ. ހަގީގަތުގައި އިޓަލީގެ ފެންވަރުގައި މެޗުން މޮޅުވާން ބޭނުންވާ ކުޅުން ފެނުނީ ދެ ވަނަ ހާފްގައި. މިއީ ފުރިހަމަ ނަތީޖާއެއް،" ވެންޗޫރާ ބުންޏެވެ.

ކޮލިފައިންގައި ދެން އިޓަލީ ކުޅޭ މެޗުގައި އަންނަ ސެޕްޓެމްބަރު މަހު ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ. މެޑްރިގައި ކުޅޭ މި މެޗުން މޮޅުވާ ޓީމެއް މި ގްރޫޕު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑެވެ. މި ދެ ޓީމު އިޓަލީގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.