"ބެންކް ޗޯރް" ކިޔާތީ ސެންސަރު ބޯޑުން ފިލްމު ފާސްކޮށެއް ނުދިން
"ބެންކް ޗޯރް" ކިޔާތީ ސެންސަރު ބޯޑުން ފިލްމު ފާސްކޮށެއް ނުދިން

ރިތޭޝް ދޭޝްމުކް އާއި ވިވެކް އޮބްރޯއީގެ ފިލްމަށް "ބޭންކް ޗޯރް" ގެ ނަން ދިނުމުން އިންޑިއާގެ ސެންސަރު ބޯޑުން އެ ނަން ފާސްކުރުމަށް ދެކޮޅު ހަދައިފި އެވެ. ފިލްމު އުފެއްދި ފަރާތަށް ސެންސަރު ބޯޑުން މިހާރު އަންގާފައި ވަނީ ފިލްމުގައި "ބޭންކް ޗޯރް"އޭ ބުނާ ހުރިހާ ތަންތަނެއް އަލުން ޑަބްކުރުމަށެވެ.

ސެންސަރު ބޯޑުގެ މެމްބަރަކު ބުނި ގޮތުގައި އެ ފިލްމު އުފެއްދި ފަރާތުން މަސައްކަތްކޮށްފައި ވަނީ ފިލްމުގައި މީހުން ހެއްވަން އަބަދު އަބަދު އެ ލަފުޒުތައް ބޭނުންކޮށް، ފިލްމަށް އެ ނަން ދީގެން ސެންސަރު ބޯޑަށް އޮޅުވާލަން ކަމަށެވެ. ފިލްމުގައި އެމީހުން "ބޭންކް ޗޯރް" މި ލަފުޒުތައް ބޭނުންކޮށްފައި ވަނީ ހިންދީ ބަހުން "ހުތުރު އެއްޗެއް" ކިޔުމުގެ ނަމުގައި ކަމަށާއި "ބޭންކް ޗޯރް"ގެ ހަގީގީ މާނައިގައި ނޫން ކަމަށް ވެސް ސެންސަރު ބޯޑު މެމްބަރު ބުންޏެވެ.

އެހެންވެ ސެންސަރު ބޯޑުން މި ފިލްމުގެ ޕްރޮޑިއުސަރުންނަށް ފިލްމުގެ ނަން ވެސް ބަދަލުކޮށް މިހާރު ދައްކަމުންދާ އިޝްތިހާރު ތަކުން ވެސް ނަން ބަދަލުކުރަން ވެސް އެންގީ ކަމަށާއި އެގޮތަށް ކަންތައް ކުރުމުން ނޫނީ ފިލްމު ފާސްކޮށްދީ ސެޓްފިކެޓް ދޫނުކުރާނެ ކަމަށް ވެސް އެ ބޯޑުން ބުންޏެވެ.

ހަގީގަތުގައި "ބޭންކް ޗޯރް" އަކީ ބޭންކުން ވައްކަންކުރާ ވަގެއްގެ މާނަ ނަމަވެސް ފިލްމުގައި މީހުން ހެއްވުމުގެ ބޭނުމުގައި އެ ލަފުޒުތައް ބޭނުންކުރަނީ އެ މާނައިގައި ނޫން ކަމަށްވެ އެވެ.

އަންނަ ހުކުރު ދުވަހު ރިލިޒްކުރަން ހަމަޖެހިފައިވާ "ބޭންކް ޗޯރް" އަކީ އާޝިޝް ޕާޓިލް ޕްރޮޑިއުސްކޮށް ބަމްޕީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ބަތަލާ އަކީ ރެއާ ޗަކްރަބަތީ އެވެ.