12 ޖޫން 2017 - 10:33

އަންނަ ސެޕްޓެމްބަރު މަހު ތުރުކުމެނިސްތާނުގައި އޮންނަ އޭޝިއަން އިންޑޯ ގޭމްސްގައި ވާދަކުރުމަށް ގައުމީ ފުޓްސަލް ޓީމު އެކުލަވާލުމުގެ ގޮތުން ޓީމުގެ ސިލެކްޝަން މިރެ އާއި މާދަމާރޭ ބޭއްވުމަށް އެފްއޭއެމުން ނިންމައިފި އެވެ.
ފުޓްސަލް ގައުމީ ޓީމަށް ކުޅުންތެރިން ހޮވުން އޮންނާނީ މިރެ އާއި މަދާމާރޭ 22:00 އިން 23:00 ޓާފް އެއް ނަންބަރު ދަނޑުގަ އެވެ.
އެފްއޭއެމުން ބުނީ ދާދި ފަހުން ނިމުނު ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި ގައުމީ ފުޓްސަލް ޓީމަށް ކުޅުންތެރިން ނެގުމުގެ މަސައްކަތްތައް ކުރިއަށްދިޔަ ކަމަށެވެ.
"ކްލަބް މޯލްޑިވްސް ކަޕްގައި ވެސް އަޅުގަނޑުމެން ފުޓްސަލް ޓީމަށް ކުޅުންތެރިން ނެގުމުގެ މަސައްކަތް ކުރިން. މި ފަހަރު މި އޮތް ސިލެކްޝަނަކީ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅުމުގެ ފުރުސަތު ނުލިބޭ ކުޅުންތެރިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ސެޝަންތަކެއް،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް "މިހާރަ"ށް ވިދާޅުވި އެވެ.
އޭޝިއަން އިންޑޯ ގޭމްސް އޮންނާނީ ތުރުކުމެނިސްތާންގެ އަޝްގަބާތުގައި ސެޕްޓެމްބަރު މަހު 15 އިން 24 އަށެވެ.
ރާއްޖެ ތަމްސީލްކުރާ ފުޓްސަލް ޓީމެއް އެންމެ ފަހުން ބައިނަލ އަގްވާމީ ފުޓްސަލް މުބާރާތެއްގައި ކުޅުނީ މީގެ އަށް ވަރަކަށް އަހަރު ކުރިންނެވެ. މި ފަަހަރަކީ ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްއެއްގައި ރާއްޖޭގެ ފުޓްސަލް ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ.
ފީފާގެ އެންގުމުގެ މަތިން މިދިޔަ އަހަރު އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާހުކުރިއިރު، ފުޓްސަލް އެސޯސިއޭޝަނެއް ވަނީ އުފައްދަން ވަނީ ހިމަނައިފަ އެވެ. އެ އެސޯސިއޭޝަން އަދި ވުޖޫދު ނުވިޔަސް، ފުޓްސަލް ފުޅާކޮށް ގަވާއިދެއްގެ ދަށުން ކުރިއަށް ގެންދަން ވަނީ ޕްލޭންތަކެއް ހަދައިފަ އެވެ. އެގޮތުން މިހާރު އަންނަނީ އަންހެން ފުޓްސަލް މުބާރާތަކާއި ރިޒޯޓް ފުޓްސަލް މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.