12 ޖޫން 2017 - 08:02

ފަސް އަހަރުގެ އަދަބެއް ލިބިގަތުމަށްފަހު ޖަލުން ބޭރަށް ނިކުތް ދުވަހު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ލައިގެން ހުރި ޓީޝާޓުގެ ފަހަތަށް އެލިފައި އޮތް ބައި ނަގައި ބޮލުގައި އަޅުވާލުމަށްފަހު މަގު ހުރަހަށް ހިނގައިގަތީމެވެ. ވަޔާއެކު އައި ވާރޭ ތިކިތަކުން ވެސް މިއަދު ކުރެވެނީ ތަފާތު އިހްސާސެކެވެ. ދުއްވާފައިވާ އުޅަނދު ތަކާއި މަގު ހިނގާ މީހުންނަށް ބަލަން ހުރެ ފޫއްސެއް ނުވިއެވެ. ކެފޭއެއްގެ އަސްކަނި ދޮށުގައި ހުއްޓި ހުރިއިރު މީހުން ވަދެ ނިކުމެ ކޮންމެފަހަރަކު އެތެރެއިން އަންނަ ކާއެއްޗެހީގެ ވަސް ކުޅުދިޔާ ކުރުވިއެވެ. އެކަމަކު އަތުގައި ފައިސާ ފޮއްޗެއް ނެތުމުން ޖެހުނީ އެހިޔާލު ހިތުން ނެރެ އެއްލައިލާށެވެ.
ފަސް އަހަރު ތެރޭ މަގުތަކާއި އިމާރާތްތަކަށް އައިސްފައިވާ ބަދަލުތައް ހައިރާންވާހާ ގިނައެވެ. ވާރޭ ތުނިކޮށްލުމުން ގެއަށް ވަންނަން ދަތުރު ފަށައިފީމެވެ. ބެލް ޖަހައިގެން އިރުކޮޅަކު ހުންނަން ޖެހުނެވެ. ތެތް އިސްތަށިގަނޑާއެކު މޫނިސާ ކޮއްކޮ ނިކުތުމުން ލަސްވީ ސަބަބު އޮޅުންފިލިއެވެ. އަހަރެން ފެނުމުން ކޮއްކޮގެ މޫނަށް ވެރިވީ ހައިރާންކަމެވެ. ސަލާމަތްވީ ކޮންއިރަކުތޯ އެހުމުން އަހަރެން ޖަވާބުދިނީމެވެ. އަހަރެން ހައިރާނެއް ނުވެއެވެ. ކޮއްކޮއަކީ އަބަދުވެސް ކިޔެވުމާއިގެން އުޅޭ ކުއްޖެކެވެ. މީހަކު ކައިރީ ހުރެ ކޮންމެ ވާހަކައެއް ދައްކާފައި ދިޔަސް ނޭނގި ހުރެދާނެއެވެ. މޫނިސާއަށް ނޭނގި އެހުރީ އެފަދަ ކޮންމެވެސް ސަބަބެއް މެދުވެރި ވެގެންނެވެ.
މަންމަ ކޮބައިތޯ އެހުމުން މޫނިސާ ބުނީ ފިހާރައަށް ގޮސް ކަމުގައެވެ. ސިޓިންރޫމްގައި އިންދާ މަންމަ އެނބުރި އައީ ކޮތަޅެއް ހިފައިގެންނެވެ. އަހަރެން ފެނުމުން މަންމަގެ މޫނަށްވެސް އެރީ މޫނިސާގެ މޫނުން ފެނުނު ކުލައެވެ.
"މޫނިސާ އަޅެ ނިކަން ރަނގަޅަށް ކަލަންޑަރު ބަލާލަފަ މިއަދުގެ ތާރީހު ބުނެބަލަ މިއަދު އަށެއް ނޫންތަ؟" މަންމަ މޫނިސާއަށް ގޮވިއެވެ.
ތާރީހުން ނުވައެއްކަން ހާމަކުރުމުން މަންމަ އަމިއްލައަށް ނިތުގައި އަތުން ޖަހައިލިއެވެ. ތާރީހު އޮޅިގެން އަހަރެން ގެއަށް އަންނަ ދުވަސް ނޭނގުނީ ކަމަށް ބުންޏެވެ. އަހަރެން އެއީ ކަމަކަށް ނުހަދަމެވެ. ފެންވަރަން ވެގެން ކޮޓަރިއަށް ވަންއިރު އެތާގައި އަހަރެންގެ އެކައްޗެއްވެސް ނެތެވެ. އެއާއި ޚިލާފަށް އެތާ ހުރީ ކޮންމެވެސް އަންހެން ކުއްޖެއްގެ ސާމާނެވެ. މޫނިސާ އަމިއްލަ ކޮޓަރިއެއް ހުއްޓާ އަހަރެންގެ ކޮޓަރިއަށް އެއްޗެހި ވައްދަފާނެ ކަމާއިމެދު ސުވާލު އުފެދުނެވެ. މަންމަ އައީ އަހަރެން ވިސްނަން ހުއްޓައެވެ. އަހަރެން ނެތި ދިޔަ ދުވަސްތަކުގައި އެކޮޓަރީގައި ހުރީ ކިޔަވާ ކުއްޖެއްކަން ބުނެލިއެވެ. އަދި އަހަރެންގެ އަންނައުނު ގެނެސްދޭނެ ކަމަށް ބުނެ ހިނގައިގަތެވެ.
ވަށައިގެން ލޯ ހިންގަން އިނދެފައި މަންމަ ދިޔަ ދިމާ ހޯދަމުން ދެވުނީ މޮޔަކަމުންނެވެ. ގުދަން ތެރެއިން މަންމަ ނެރުނު ފޮށިގަނޑެއް ހާވާފައި އަހަރެންގެ އަންނައުނުތައް ނަގާތަން ފެނުމުން ހިތަށް ތަދުވިއެވެ. އެގޮތަށް މަންމަމެން މީގެ ކުރިން ކަންތައް ކުރިތަން ފެނުނީ ކާފަގެ އަންނައުނު ތަކަށެވެ. އެއީ ކާފަ ނިޔާވުމަށްފަހުގައެވެ. މަންމައަށް ނުފެންނަނީސް އަހަރެން އަނބުރާލައިފައި ދިޔައީ އަނެއްކާވެސް ކޮޓަރިއަށެވެ.
އެތައް އަހަރަކަށް ފަހު ގެއިން ފެންވަރާލަން ލިއުމުން އޭގެ ފުރިހަމަ ބޭނުން ކުރީމެވެ. އަހަރެން ނިކުތީ ތިރީހަކަށް މިނިޓްވެފައެވެ. ރީތިވެލައިގެން ނިކުތުމާއެކު ނޭފަތުގައި ޖެހުނީ މަސް ފިހާ ވަހެވެ. އަހަރެންގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. ފިހުނު މަސް އެއީ އަހަރެންނަށް އެންމެ މީރު ކާނާއެވެ. އަހަރެން ހަމަ އައުމާއެކު މަންމަ އަހަރެންނަށް ކާއެއްޗެހި ތައްޔާރު ކުރަން ފެށީއެވެ. އަންނައުނު ފޮށިގަނޑު ފެނިގެން ހިތުގައި އުފެދުނު ޝަކުވާތައް ވަގުތުން ފިލިއެވެ.
ބަދިގެއަށް ވަންއިރު މަންމައެއް ނެތެވެ. އެކަމަކު ފިހެފައި ހުރި މަސް ހުރީ ނަގައި ތަށްޓަކަށް އަޅައިފައެވެ. އަހަރެން ބަތް އަަޅައިގެން ކާން ފެށީމެވެ. މަންމަ އައީ ނިމެން ކައިރިވެފައި ހުއްޓައެވެ. އޭރު އަހަރެން އިނީ މަސްތަށީގައި އޮތް ފަހު މަސް ކޮޅު ނަގާށެވެ. މަންމައަށް އެތަން ފެނުމުން ކުއްލިއަކަށް އަހަރެންގެ އަތުގައި ޖެހިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. މަސްކޮޅު ވެއްޓުނީ މާދުރަށެވެ. މަންމަ ރުޅިއައިސްފައި ބުނީ އެއީ މޫނިސާ ކޮއްކޮ އިމްތިހާނަށް ދިއުމުގެ ކުރިން ކާން ހެދި އެއްޗެއް ކަމުގައެވެ.
"އަހަރެން ހީކުރީ އަހަރެން އެނބުރި އަންނަ ދުވަސް ހަނދާން ނެތުނީމަ މަޢާފަށް އެދުމުގެ ގޮތުން މަންމަ މަސްފިހުނީ ކަމަށް." މޮޅިވެރި އަޑަކުން އަހަރެންނަށް ބުނެވުނެވެ. އަހަރެން އެހެން ބުނުމުން މަންމަގެ ރުޅި ވީ އިތުރެވެ. ބުނީ މަންމަ އަހަރެންގެ ކިބައިން މަޢާފަށް އެދެން ނުޖެހޭނެ ކަމުގައާއި އެމީހަކީ އަހަރެން ކަމުގައެވެ. ފަސް އަހަރު ކުރިން އާއިލާގެ ނަމުގައި އަހަރެން ޖެއްސި ލައްގަނޑުގެ ސަބަބުން ދުވަހަކު މަޢާފު ނުދޭނެ ކަމުގައެވެ.
މަންމަގެ އެވާހަކަތައް އަހާފައި އަނގައިގައި ހުރި ކާއެއްޗެހިވެސް އަރުން އެތެރެއަށް ނުވިއެވެ. އަހަރެން ތެދުވެ އަތް ދޮވެލައިގެން ނިކުތީ މަގުމައްޗަށެވެ. ލޮލުގައި ހުރި ކަރުނަތައް ހިންދާލަން މަސައްކަތް ކުރަމުން ހިނގައިގަތީމެވެ. ފަސް އަހަރު ކުރިން އަހަރެން އަބަދު ގޮސް އިންނަ ޖޯލިފަތީ އޮތް އިރު ކިތަންމެ ބަޔަކު އަހަރެން ފަސްދީފައި ދިޔައެވެ. މީގެ ކުރިން އަހަރެން އެކުވެރިންގެ ގޮތުގައި ދެކުނު މީހުންނާއި ގާތް ތިމާގެ މީހުންވެސް މެއެވެ. ބައެއް މީހުން އަހަރެން ފެނިގެން މަޑުކޮށްލައި އަނގައިން ބުނެލިއެވެ. އެކަމަކު އެއިން އެކެއްގެ އަޑުގައިވެސް ފޯރިއެއް ނެތެވެ. ފަސް އަހަރު ފަހުން އަހަރެން ފެނިގެން އުފަލެއް ނުވިއެވެ. ހަމްޒާ ފިޔަވައެވެ.
ހަމްޒާއަކީ ސިކުނޑި އުނި މީހެކެވެ. މޮޔައެކެވެ. އެހެން މީހުން ފަދައިން ވިސްނޭނަމަ ހަމްޒާވެސް އަހަރެންގެ ކައިރިއަށް ނައީހެވެ. އަހަރެންނާއެކު ފެނުމުން އެމީހުންގެ އަބުރަށް ހުތުރު އަރާނެއެވެ. މީހުން ދެކޭ ގޮތް ބަދަލުވެދާނެއެވެ. އެކަން ހަމްޒާއަށް ނުވިސްނެނީއެވެ. ޖަލުން ނިކުތް މީހެއްގެ އެކުވެރިކަން އެކަކުވެސް ބޭނުމެއް ނުވެއެވެ.
އެނބުރި އައިސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންގެ އެކަނިވެރިކަން ފިލަން ފެށިއެވެ. ކަންމަތީގައި ޤުރޫޕް ހަދައިގެން ތިބޭ ޕާޓޭންނަކީ އެއް އިރެއްގައިވެސް އަހަރެން ވާހަކަދައްކާ ހިތްވި ބައެއް ނޫނެވެ. އެކަމަކު މިހާރު އެމީހުން ނޫނީ އަހަރެންނާއި ވާހަކަ ދައްކާނެ ބަޔަކު ނުވެއެވެ. އެހެން މީހުން ދެކޭނެ ގޮތް އެމީހުންނަށް މުހިންމެއް ނުވެއެވެ. މާކުރިން އެމީހުން ވަނީ ޤަދަރުވެރީންގެ ލިސްޓުން އުނި ކުރެވިފައެވެ. ވިޔާނުދާ މީހުންގެ ލިސްޓްގައި ނަން ހިމެނިފައެވެ. ދޮގެއް ތަކުރާރުކޮށް އެތައް ފަހަރަކު އަހަން ވެއްޖެނަމަ އެންމެފަހުން އެއީ ތެދެއްގެ ގޮތުގައި ބަލައިގަނެވިދެއެވެ. އަހަންނަށްވެސް ވީ އެހެންނެވެ. އެކުގައި އުޅެ ހޭނެން ފެށުމުން އެމީހުން ކުރާ ކަންކަން އެއީ ގޯސް ކަންކަމަކަށް ނުވެއެވެ. އޭގެ ނަތީޖާއަކަށް ވީ އަހަރެން ދޫކޮށްލިތާ އަހަރެއް ފަހުން އަނެއްކާވެސް ޖަލަށް ދާން ޖެހުމެވެ. މިފަހަރު މީހަކު މެރި ކަމުގެ ކުށުގައެވެ. އަހަރެން ބިއްލޫރި ފުޅިއަކުން ޖަހައި ވައްޓާލި ކުއްޖާ ވަގުތުން މަރުވީއެވެ. ސީދާ މަރާލަން ގަސްތުކޮށްގެން ނޫނަސް ކުށް އޮތީ ކުރެވިފައެވެ.
ވަކިވުމުގެ ވަގުތު އަހަރެން ކުރިން ހާމަނުކުރާ ސިއްރެއް މޫނިސާއަށް ހާމަކޮށްދިނީމެވެ. އެއީ ފަސް އަހަރު ކުރިން އަހަރެން މޫނިސާގެ ލޯބިވެރިޔާ އާއި ކޮއްކޮގެ ގައިގައި ތަޅައިގަތީ އެމީހުން މޫނިސާގެ ބަރަހަނާ ފޮޓޯތަކެއް ހިފައިގެން އަހަރެންނަށް ބިރުދައްކައި ފައިސާ އަތުލަން އައީމައެވެ. އެފޯނު ހަލާކުކޮށްލުމުން އޭނައަށް ކާމިޔާބު ނުވީއެވެ. ކޯޓު މަރުހަލާގައި އަމިއްލަ ދިފާޢުގައި ވާހަކަދައްކަން ލިބުނުއިރު އަހަރެން ހިޔާރު ކުރީ ހިމޭންކަމެވެ. ކޮއްކޮގެ އަގު ވެއްޓެން ބޭނުން ނުވީއެވެ.
އަހަރެންވެސް ދުނިޔެއަށް އައީ ފިތުރަތުގެ ސާފުކަންމަތީގައެވެ. އުޅެ ބޮޑުވީ ރަނގަޅު މާހައުލެއްގައެވެ. އެކަށީގެންވާ ވަރަށް ތައުލީމް ހާސިލް ކުރީމެވެ. އިންސާނަކަށް ވީތީ ކުށެއް ކުރެވުނެވެ. އެކަމަކު ކުށަށް އަދަބު ލިބިގެން އެނބުރި އައުމުން މުޖުތަމަޢުން އަހަރެން ބަލައި ނުގަނެ ބާކީކޮށްލީއެވެ. އަލުން އެމުޖްތަމަޢުގައި ޝާމިލްވާން އަހަރެންނަށް ދެވަނަ ފުރުސަތެއް ނުދިނެވެ. އެންމެ ބޭނުންވި ވަގުތު އާއިލާވެސް ދިނީ ފުރަގަހެވެ. -- ނިމުނީ --