11 ޖޫން 2017 - 19:49

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އާޒިމްގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރިން ކުރެއްވި އަދި އިދިކޮޅު ކޯލިޝަންގެ ހިޔަނި ކެބިނެޓްގެ މިނިސްޓަރު އާޒިމް މިދިޔަ ބުރާސްފަތިދުވަހު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރަން ހިތްވަރުދީ، ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ދެއްކުމުގެ ތުހުމަތުގަ އެވެ.
އެ މައްސަލާގައި އާޒިމް ހަ ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު މިއަދު އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށް އޭނާގެ ވަކީލު އަލީ ޒާހިރު ވިދާޅުވި އެވެ.
އާޒިމް ހައްޔަރު ކުރުން އިދިކޮޅު ކޯލިޝަނުން ވަނީ ކުށްވެރިކޮށްފަ އެވެ.
އާޒިމްގެ ބޭބެ ނާޒިމް ދަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަން ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.