އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރަކަށް އިންތިޚާބަކާ ނުލައި އިބޫ އަނެއްކާވެސް ހޮވިއްޖެ
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރަކަށް އިންތިޚާބަކާ ނުލައި އިބޫ އަނެއްކާވެސް ހޮވިއްޖެ

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ ގްރޫޕުގެ) ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބަކާ ނުލައި އެ މަގާމުގެ އިތުރު ދައުރަކަށް މިއަދު ހޮވިވަޑައިގެންފި އެވެ.

މިމަހުގެ 20 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިންތިޚާބުގައި މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހެނދުނު ހަމަވިއިރު ޕީޖީ ގްރޫޕްގެ ލީޑަރު ކަމަށް ކުރިމަތިލެއްވީ އިބޫ އެކަނި ކަމަށް އެމްޑީޕީން ބުންޏެވެ. އެހެންވެ، އިންތިޚާބަކާ ނުލައި އިތުރު ދައުރަކަށް އިބޫ ވަނީ ހޮވިވަޑައިގަތީ އެވެ.

އިބޫގެ އިތުރުން އެ ގްރޫޕުގެ އެންމެ މަގާމެއް ފިޔަވައި އެހެން ހުރިހާ މަގާމަކަށް ވެސް ވާދަކުރީ އެ މަގާމުތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ. އެހެންވެ، އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުން ވެސް ވަނީ އިންތިޚާބަކާ ނުލައި، ހޮވިފަ އެވެ.

އިންތިޚާބަކަށް ދާން ޖެހުނީ ޑެޕިއުޓީ ލީޑަރުގެ މަގާމުގަ އެވެ. ދެ ބޭފުޅަކު އިންތިޚާބު ކުރަންޖެހޭ އެ މަގާމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެ މަގާމަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

ބާކީ ތިބި ހުރިހާ މަގާމަށް ކުރިމަތިލީ އެ މަގާމުތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ އިންތިޚާބަކާ ނުލައި، އެ ބޭފުޅުން ވަނީ އިންތިޚާބުވެ ވަޑައިގެންފަ އެވެ. އެގޮތުން އަމީން އާންމުގެ މަގާމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އިންތިޚާބުވިއިރު އަމީން އާންމުގެ ނައިބުގެ މަގާމަށް ހޮވުނީ ހެންވޭރު ދެކުުނު ދާއިރާގެ މެމްބަރު އަހުމަދު އަބްދުލްކަރީމް (ރުކުމާ) އެވެ.

ޗީފް ވިޕްގެ މަގާމަށް މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ހޮވުނުއިރު ވިޕުންގެ ދެ މަގާމަށް ހޮވުނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.