މުގާބޭގެ އަމުރަށް ޒިމްބާބުވޭގެ ޕްރޮސެކިއުޓާ ޖެނެރަލް ވަކިކޮށްފި
މުގާބޭގެ އަމުރަށް ޒިމްބާބުވޭގެ ޕްރޮސެކިއުޓާ ޖެނެރަލް ވަކިކޮށްފި

ހަރާރޭ (ޖޫން 11) - ޒިމްބާބުވޭގެ ޗީފް ޕްރޮސެކިއުޓާ ޖެނެރަލް ޖޮހަނަސް ޓޮމާނާ މަގާމުން ވަކިކޮށްފި އެވެ.

ރައީސް ރޮބަޓް މުގާބޭ އެ ފިޔަވަޅު އެޅުއްވީ ޓޮމާނާގެ މައްސަލަތަކެއް ބެލުމަށް ފަހު އޭނާ ކުށްވެރިވާ ކަމަށް ޓްރައިބިއުނަލުން ނިންމުމުން ކަމަށްވެ އެވެ. ޒިމްބާބުވޭގެ ބައެއް ނޫސްތަކުން ބުނީ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޓޮމާނާގެ މައްޗަށް އުފުލާނެ ކަމަށެވެ.

ޓޮމާނާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ސަސްޕެންޑްކޮށްފަ އެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ ސިފައިންގެ ދެ އޮފިސަރެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައި ވަނިކޮށެވެ. އެ ދެ އޮފިސަރުންގެ މައްޗަށް ވަނީ މުގާބޭގެ އަނބިކަނބަލުން ގްރޭސާ އަށް ނިސްބަތްވާ ކިރު ފެކްޓަރީއެއް ގޮއްވާލަން އުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ. އެ އޮފިސަރުންގެ މައްޗަށް ފުރަތަމަކޮށްފައި ވަނީ ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާ އެވެ. ފަހުން ވަނީ ގައުމަށް ގައްދާރުވުމުގެ ދައުވާ އުފުލައިފަ އެވެ.

ޓޮމާނާގެ މައްޗަށް ވަނީ އިންސާފަށް ހުރަސް އެޅުމުގެ ތުހުމަތުކޮށްފަ އެވެ.