11 ޖޫން 2017 - 13:37

ދޯހާ (ޖޫން 11) - ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ގެއްލުން ލިބޭ ކަމުގެ ޝަކުވާ އެތައް ބަޔަކު ކުރަމުންދާތީ، އެ ގެއްލުމުގެ ބަދަލު ހޯދަން ސައުދީ އަރަބިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ބަހުރޭނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ގަތަރުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ބުނެފި އެވެ.
ގަތަރުގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޓީ (އެންއެޗްއާރުސީ) އިން ބުނީ ގަތަރު އެކަހެރި ކުރުމުން ލިބުނު ގެއްލުންތައް ސަމާލު ކަމަށް ގެނައުމަށް ބައިނަލްއަގުވާމީ ލޯ ފާމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެންއެޗްއާރުސީގެ ޗެއާމަން އަލީ ބިން ސުމައިޚް އަލް މައްރީ ވިދާޅުވީ ގަލްފުގެ ގައުމުތަކުން ގަތަރާ ދެކޮޅަށް ދިނީ "އެންމެން ޝާމިލްވާ ވަރުގެ އަދަބެއް ކަމަށާއި އެއީ ބައިނަލްއަގުވާމީ ކުށެއް" ކަމަށެވެ.
މައްރީ ވިދާޅުވީ އެންއެޗްއާރުސީ ވަނީ ގަތަރުގެ ގާނޫނީ ވަކީލުންގެ އެސޯސިއޭޝަނާ ބައްދަލުކޮށްފައި ކަމަށާއި އަދި ކޮމިޝަނަށް ލިބުނު 700 އަށް ވުރެ ގިނަ ޝަކުވާގެ މައްޗަށް ދައުވާގެ ފައިލް ތައްޔާރު ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.
ސައުދީ، މިސްރު، ޔޫއޭއީ، ބަހުރޭން އަދި އެހެން ބައެއް ގައުމުތަކުން ހޯމަ ދުވަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން އެ ތުހުމަތުތައް ދޮގު ކުރެ އެވެ. ގަތަރާ ގުޅުން ކަނޑާލުމަށް ފަހު ސައުދީ އާއި ޔޫއޭއީ އަދި ބަހުރޭނުގެ އެއްގަމާއި ކަނޑާއި ވައިގެ ބަނދަރުތައް ގަތަރަށް ވަނީ ބަންދުކޮށްފަ އެވެ. އަދި ސައުދީ، ޔޫއޭއީ، ބަހުރޭނުގައި ތިބި ގަތަރު މީހުން ދެ ހަފުތާތެރޭ ނުކުތުމަށް ވެސް ވަނީ އަންގައިފަ އެވެ.
މައްރީ ވަނީ އެއް މައްސަލައެއްގެ ގޮތުގައި ޔޫއޭއީގައި 20 އަހަރު ވަންދެން ދިރިއުޅުނު ގަތަރު މީހެއްގެ ފަރާތުން ލިބުނު ޝަކުވާ ފާހަގަކޮށްފަ އެވެ.
"އޭނާ ޔޫއޭއީ އިން ޑިޕޯޓްކޮށްލުމުން ގަތަރަށް ދިޔައިރު ވަންނާނެ ގެއެއް، ކުރާނެ މަސައްކަތެއް، އާމްދަނީ ލިބޭނެ ގޮތެއް ނެތް. މިއީ ވަރަށް ބޮޑު އިންސާނީ ހައްގުގެ މައްސަލައެއް،" މައްރީ ވިދާޅުވި އެވެ.
އެހެން ގައުމުތަކުގެ މީހުންނާ ކައިވެނިކޮށްގެން އުޅޭ ގަތަރު މީހުންނަށް ވަނީ އާއިލާތަކާ ވަކިވާން ޖެހުމުގެ ބިރު ބޮޑުވެފަ އެވެ. ބަހުރޭނު މީހަކާ ކައިވެނިކޮށްގެން ކުދިން ލިބިފައިވާ ގަތަރު މީހެއް ކަމަށްވާ ވަފާ އަލް ވަޒީދީ އަލް ޖަޒީރާ އަށް ބުނީ އޭނާގެ އާއިލާ "ގެއްލިއްޖެ" ކަމަށެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން ވެސް ވަނީ ގަތަރު އެކަހެރި ކުރުން ކުށްވެރިކޮށްފަ އެވެ. އަދި އެއީ އާއިލާތައް ވަކިވެ، ދިރިއުޅުން ހަލާކުވެ ތައުލީމުން މަހްރޫމްވާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ގަތަރުގެ ޚާރިޖީ ވަޒީރު މުހައްމަދު ބިން އަބްދުއްރަހުމާން އަލް ސާނީ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ގަތަރު އެކަހެރިކޮށްފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށެވެ.
އަނެއްކޮޅުން ޓެރަރިޒަމާ ގުޅުން އޮންނަ ކަމަށް ބުނެ ސައުދީ އަރަބިއާ އާއި ގަލްފުގެ ބައެއް ގައުމުތަކުން ލިސްޓް ކުރި ގަތަރުގެ ޖަމިއްޔާތަކުން ވެސް ވަނީ އެ ގައުމުތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އެ ގައުމުތަކުން ވަނީ ގަތަރުގެ 59 ފަރުދަކާއި 12 ޗެރިޓީއެއް ޓެރަރިޒަމާ ގުޅުން އޮންނަ ކަމަށް ބުނެފަ އެވެ. އެކަމަކު އދ.ގެ ހިއުމެނިޓޭރިއަން އެޖެންސީން ބުނެފައި ވަނީ ލިސްޓްކުރި ގަތަރުގެ ޗެރިޓީތަކަކީ އެ އެޖެންސީގެ ޕާޓްނަރުން ކަމަށެވެ. ލިސްޓްކުރި އެއް ޖަމާއަތް ކަމަށްވާ ގަތަރު ޗެރިޓީ އަކީ އެ ގައުމުގެ އެންމެ ބޮޑު އެންޖީއޯ އެވެ. އަދި އެއީ ޔޫއެންއެޗްސީއާރާއި ޔުނިސެފް، ޑަބްލިއުއެފްޕީ އަދި އޮކްސްފާމް ފަދަ ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރާ ޗެރިޓީއެކެވެ.