11 ޖޫން 2017 - 12:15

މެޑްރިޑް (ޖޫން 11) - މިހާރަށް ވުރެ ގިނައިން ކުޅުމުގެ ފުރުސަތު އަލްވާރޯ މޮޓާޓާ ބޭނުންވާ ކަމަށް ބުނެ އޭނާ ރެއާލް މެޑްރިޑް ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް އޭނާގެ އޭޖެންޓް ދީފި އެވެ.
މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގައި އެންމެ 14 މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުނަސް އުމުރުން 24 އަހަރުގެ ކުޅުންތެރިއާ ވަނީ 15 ގޯލް ޖަހައިފަ އެވެ.
"އޭނާ ބޭނުމެއް ނުވޭ އިތުރު ސީޒަނެއް އެގޮތުގައި ހޭދަކުރަން. މިދިޔަ ސީޒަނަކީ ކާމިޔާބު ސީޒަނެއް އެކަމަކު އޭނާ ބޭނުންވޭ އިތުރަށް ކުޅެން،" އޭޖެންޓް ޔުއަންމާ ލޮޕޭޒް ބުންޏެވެ.
މޮރާޓާ ގެންދަން ބޭނުންވާ ކްލަބްތަކަކީ އިޓަލީގެ އޭސީ މިލާން، އިންގްލެންޑް މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ އެވެ. އޭނާ ހޯދުމުގެ ރޭހުގައި މިލާން ކުރީގައި އޮތަސް މެޑްރިޑުން ކިޔާ އަގުބޮޑުވުމުން މިލާން ފަހަތަށް ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޔުނައިޓެޑާ އެކު މޮރާޓާ އެއްބަސްވެފައިވާ ކަމަށާއި ދެން އޮތީ މެޑްރިޑާ އެކު ޔުނައިޓެޑުން އަގަކާ މެދު އެއްބަސްވުން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އޭޖެންޓް ބުނީ ވަރަށް އަވަހަށް މޮރާޓާ ގޮތެއް ނިންމާނެ ކަމަށެވެ. މެޑްރިޑް ދޫކޮށްލަން ބޭނުންވާކަން އޭނާ އެ ކްލަބަށް އަންގާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މެޑްރިޑާ އެކު މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ފަހު މޮރާޓާ ބުނީ އޭނާ ބޭނުންވަނީ މެޑްރިޑުގައި މަޑުކުރަން ކަމަށާއި އެކަމަކު ޓްރާންސްފާގެ ކަންކަން ބަރޯސާ ވަނީ އޭނާގެ މައްޗަށް އެކަނި ކަމަށް ނުވާތީ ސީދާ އެއްޗެކޭ ބުނަން ނޭގޭ ކަމަށެވެ.
މޮރާޓާ ގަތުމަށް މިލާނާއި ޔުނައިޓެޑުން އޮފާކުރީ، ރިޕޯޓްތައް ބުނާ ގޮތުގައި 60 މިލިއަން ޔޫރޯ އެވެ. އެކަމަކު މެޑްރިޑުން ބޭނުންވީ 90 މިލިއަން ޔޫރޯ އެވެ. އެހެންވިޔަސް އިތުރު މަޝްވަރާކޮށްގެން އަގުކުޑަކުރެވިދާނެ އެވެ.
ރެއާލް މެޑްރިޑުގެ ޔޫތު ޓީމުން ތަމްރީންވެ އެ ކްލަބުގެ ސީނިއާ ޓީމަށް 2010 އިން 2014 އަށް ކުޅުނު މޮރާޓާ ޔުވެންޓަސް އަށް ގެންދިޔައީ ޗެލްސީގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ. ޔުވެންޓަސްގައި އޭނާ ހޭދަކުރި ދެ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އެނބުރި މެޑްރިޑަށް ބަދަލުވީ މިދިޔަ ސީޒަނުގަ އެވެ.