11 ޖޫން 2017 - 12:38

ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ މަނިކުފާނު ހައްޔަރުކޮށްފާނެތީ އެއްވެސް ބިރުފުޅެއް ނުގަންނަވާ ކަމަށާއި ވަރަށް އަވަހަށް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހީމްގެ ހާލުކޮޅު ސީރިއަސް ވެގެން މިދިޔަ މާޗް 8 ގައި ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް މައުމޫން ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ.
ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މޭ 31 ވަނަ ދުވަހު ފަރީޝާ ސިންގަޕޫރުގައި އަވަހާރަ ވެފައިވާ އިރު، އޭގެ ފަހުން ވެސް މައުމޫން ރާއްޖެ ވަޑައިނުގެން މަޑުކުރައްވަނީ، ރާއްޖެ ވަޑައިގަންނަވާ ތަނުން ހައްޔަރު ކޮށްފާނެތީ ކަމަށް ބައެއް މީހުން ބުނެ އެވެ.
އެކަމާ ބެހޭ ގޮތުން "މިހާރު" ން ދެންނެވި ސުވާލަކާ ގުޅިގެން މައުމޫން ވިދާޅުވީ "އެ ކަހަލަ ކަންތައްތަކާ އަޅުގަނޑު ބިރެއް ނުގަނޭ" ކަމަށެވެ.
"އަޅުގަނޑު ބިރުގަންނަނީ ހަމައެކަނި ﷲ ދެކެ. އަޅުގަނޑު ބިރުގަންނާނެ އިތުރު އެހެން ފަރާތެއް ނުހުންނާނެ،" މިހާރު ސިންގަޕޫރުގައި ހުންނެވި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެ މަނިކުފާނު ހައްޔަރު ކޮށްފާނެ ކަމަށް ހިތްޕުޅަށް ވެސް ނާރުއްވާ ކަމަށެވެ.
"އަޅުގަނޑު ހައްޔަރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ފަރީޝާގެ ސިއްހީ ހާލު ބޮޑުވުމުން އިންޑިއާގައި ދެ މަހެއްހާ ދުވަސް އަދި ސިންގަޕޫރުގައި ތިން ހަފުތާއެއްހާ ދުވަހު ފަރުވާ ދިނެވެ.
"އެހެންވީމާ އާއިލީ ސަބަބަކަށްޓަކައި އަޅުގަޑު ރާއްޖެ އިން ބޭރަށް އައީ،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުމާ އެކު ރައީސް ޔާމީނާއި މައުމޫންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އޭގެ އަސަރު އެ ޕާޓީ އަށް ވެސް ވަނީ ކޮށްފަ އެވެ. ޕާޓީ ތެރޭގައި ދެ ފެކްޝަން ހެދި އެންމެ ފަހުން މައުމޫން ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ. އަދި ސިޔާސީ އިދިކޮޅު މީހުންނާ އެކު އިސްކޮށް މަސައްކަތް ކުރައްވާ، މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ތަފާތު ސަބަބުތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކޮށް، އޭނާގެ ޕާސްޕޯޓް ވެސް ވަނީ ދެ ވަނަ ފަހަރަށް ހިފަހައްޓައިފަ އެވެ. މީގެ އިތުރުން މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވެސް އެކި ސަބަބުތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ. މައުމޫންގެ އެހީތެރިއެއްގެ ގޮތުގައި އުޅުއްވާ އަހުމަދު ސޮފްވާން ހޯދުމަށް މިހާރު ވެސް ފުލުހުން ވަނީ އިއުލާން ކޮށްފަ އެވެ.