އެމެރިކާގެ މަދަދު ލިބޭ ސިފައިން އައިއެސްގެ ވެރިރަށަށް ވަދެގެންފި
އެމެރިކާގެ މަދަދު ލިބޭ ސިފައިން އައިއެސްގެ ވެރިރަށަށް ވަދެގެންފި

ދިމިޝްގު (ޖޫން 11) - އެމެރިކާގެ މަދަދު ލިބޭ ސީރިއާ ސިފައިންގެ ފައުޖަކުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ އަށް ވަދެގެންފައިވާ ކަމަށް މޮނިޓާރިން ގްރޫޕުގެ ރިޕޯޓެއްގައި ބުނެފި އެވެ.

ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ބުނީ ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ސިޓީގެ ދެ ވަނަ މަރުހަލާ ކަޑައްތުކޮށް އެތެރެއަށް ވަދެފައިވާ ކަމަށެވެ. ރައްގާގެ އިރުމަތިން އެ ސިޓީ އަށް އެސްޑީއެފުން ވަދެފައި ވަނީ މިދިޔަ ހަފުތާގަ އެވެ. އަދި އައިއެސްގެ ހަނގުރާމަވެރިންނާ އެކު ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ ކޯލީޝަނުގެ ވައިގެ ސިފައިންގެ ހަމަލާތަކާ އެކު އެސްޑީއެފުން ރައްގާ ވަށާލައިގެން ތިބޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ރައްގާ ދިފާއު ކުރުމުގައި އައިއެސްގެ 4،000 ވަރަކަށް ހަނގުރާމަވެރިން ހަރަކާތްތެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ރައްގާގެ އިރުމައްޗަށް އޮންނަ ހިސާބުތައް އެސްޑީއެފުން މިހާރު ވަނީ ހިފާފައި ކަމަށެވެ. އަދި އެ މީހުން ރައްގާ އަށް ވަންނަން މަސައްކަތް ކުރަނީ އެ ސިޓީގެ އުތުރުން ކަމަށް ވެސް އޮބްޒަވޭޓަރީން ބުންޏެވެ. އައިއެސް އިން ދިފާއީ ބާރު ވަރުގަދަކޮށްފައި ވަނީ ރައްގާގެ އުތުރުގެ ހިސާބުތަކުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

އެސްޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ ރައްގާ އަށް ވަންނަން ދިމާކުރި ލަޝްކަރާއި އައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންދާ ކަމަށެވެ. އެސްޑީއެފަކީ އަރަބިންނާއި ކުރުދީން ގުޅިގެން 2015 ވަނަ އަހަރު އުފެއްދި އެލަޔަންސެކެވެ.

އައިއެސްގެ ހަނގުރާމަވެރިން ރައްގާ ހިފާފައި ވަނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ މީހުންގެ އޮޕަރޭޝަންތަކުގައި އެއީ މުހިންމު ސިޓީއެކެވެ.