12 ޖޫން 2017 - 08:05

އެޕަލް އައިފޯން 8 ގައި، ދެ ކުންފުންޏަކުން އުފައްދާ މޯޑެމް ބޭނުންކުރެވެ އެވެ. އެއީ އިންޓެލް އަދި ކުއަލްކޮމް އެވެ.
ކުއަލްކޮމް މޯޑެމްތައް ގިގަބިޓް ސްޕީޑަށް ތައްޔާރު ނަމަވެސް، އިންޓެލް މޯޑެމްތަކުގައި އެ ވަަރުގެ ކުޅަދާނަކަމެއް ނެތެވެ. އެހެންކަމުން، އައިފޯން 8 އަށް ގިގަބިޓް ސްޕީޑް އެޕަލް އިން ނުދޭނެ ކަމަށް ބުނެވެ އެވެ.
އައިފޯން 8 އަށް އަދި އައިފޯން 7އެސް އަށް ގިގަބިޓް ސްޕީޑް ދިނުމަށްޓަކައި، އިންޓެލް މޯޑެމްތައް ބަދަލުކުރަން ޖެހެ އެވެ. އެ މޯޑެމްތަކުން ގިގަބިޓް ޑައުންލޯޑް ސްޕީޑް ލިބެން ޖެހެ އެވެ. ބުނެވޭ ގޮތުގައި އިންޓެލް އިން އަންނަނީ މޯޑެމްތަކުގައި އެ ކުޅަދާނަކަން ގާއިމުކުރަމުންނެވެ. ނަމަވެސް، އައިފޯން 8 ގަނޑުކޮށް އުފައްދަން ފަށާ ތާރީޚް ލައިގަންނައިރު ވެސް، އިންޓެލް އަށް މޯޑެމްތައް ފައްކާނުކުރެވޭނެ ކަމަށްވެ އެވް
އެޕަލް އިން އައިފޯން 8 ގައި މުޅިން ކުއަލްކޮމް މޯޑެމް ބޭނުންނުކުރަނީ، ވިޔަފާރީގައި ކުއަލްކޮމް އިން ފައިދާ ނަގާ ގޮތް އެޕަލް އަށް ކަމުނުދާތީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އެޕަލް މިހާރު ވެސް އުޅެނީ ކުއަލްކޮމް ގޮވައިގެން ކޯޓުގަ އެވެ.
އެޕަލް އިން ގަބޫލުކުރާ ގޮތުގައި ކުއަލްކޮމް ބޭނުންވަނީ، އައިފޯނުގައި އެހެން ކުންފުންޏެއްގެ ޗިޕްތައް ބޭނުންނުކުރުމަށެވެ. އަދި އެކަން އެޕަލް ލައްވައި ކުރުވުމަށްޓަކައި، މާލީ ގޮތުން ނުތަނަވަސްކުރަން ވެސް ކުއަލްކޮމް މަސައްކަތްކުރެ އެވެ.
ސްމާޓްފޯންތަކުގައި ގިގަބިޓް ސްޕީޑް ދަނީ އާންމުވަމުންނެވެ. ވާދަވެރިން ފޯނުތައް ގިގަބިޓް ސްޕީޑް ޑައުންލޯޑް އަށް މިހާރު ވެސް ތައްޔާރެވެ. ސެމްސަންގް އެސް8 އަދި އެޗްޓީސީ "ޔޫ11" އަކީ ވެސް ގިގަބިޓް ސްޕީޑްގައި ޑައުންލޯޑްކުރެވޭ ދެ ފޯނެވެ. އެހެން ނަމަވެސް އެ ސްޕީޑް ލިބިގަތުމަށްޓަކައި، މޮބައިލް ޚިދުމަތް ދޭ ކުންފުނިތަކުގައި ވެސް އެ ފެންވަރު ހުންނަން ޖެހެ އެވެ. ސްމާޓްފޯނުތައް މިހާރު ޑިޒައިންކުރަނީ 5ޖީ ނެޓްވޯކްތަކުގައި ބޭނުންކުރެވޭ ގޮތަށެވެ.