21 ޖޫން 2016 - 20:10

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ފެނުނު ޑީއެންއޭ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ދިމާވެފައިވާ ކަމަށާއި އެކަމުގެ އަޑީގައި ހުންނެވީ އަދީބު ކަން ފުލުހުންގެ ތަހުގީގަށް މިހާރު ސާބިތުވެފައިވާ ކަމަށް ނާޒިމްގެ ވަކީލް ހުސްނުއްސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި އޭނާ 11 އަހަރަށް ޖަލަށް ލާން ދަށު ކޯޓާއި ހައި ކޯޓުން ހުކުމްކޮށްފައިވާއިރު ނާޒިމްގެ ފަރާތުން ބުނަމުންދަނީ އެ ހަތިޔާރުތަކާ ނާޒިމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެއީ ބަޔަކު އޭނާ ފްރޭމްކުރުމުގެ ގޮތުން ބޭއްވި އެއްޗެއް ކަމަށެވެ. އަދި އެކަން ކުރީ އަދީބާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ކަމަށް ނާޒިމްގެ ފަރާތުން ކުރިން ވެސް ތުހުމަތު ކުރިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވީ އެ ހަތިޔާރުތަކުން ފެނުނު ޑީއެންއޭ ސާމްޕަލްތަކާއި އަދީބުގެ ޑީއެންއޭ ދިމާވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް މިހާރު ސާބިތުވެފައިވާ ކަމަށާއި އެކަން ހޯމް މިނިސްޓަރު އުމަރު ނަސީރަށާއި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މައްސަލާގައި އަދީބުގެ މައްޗަށް ދައުވާކުރަން މާދަމާގެ ވަގުތެއްގައި ޕީޖީ އޮފީހަށް ފޮނުވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
"ފުލުހުންގެ ތަހުގީގުން ފުލުހުންނަށް މި އެނގުނީ ކާނަލް ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުތަކުގައި ހުރި ޑީއެންއޭ ދިމާވީ އަދީބަށް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ފުލުހުން މިއަދު ޖަލްސާ ވެސް ކުރައްވައިފި. އަދި މާދަމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެ ބޭފުޅުން މައްސަލަ ފޮނުއްވާނެ އަދީބުގެ މައްޗަށް ދައުވާކުރަން، އެއީ ނާޒިމްގެ ކޮޓަރިއަށް ހަތިޔާރު ވެއްދީ އަދީބު ކަން ފުލުހުންނަށް ސާބިތުވާތީ،" ސުއޫދު ވިދާޅުވި އެވެ.
އަދީބުގެ ޑީއެންއޭ ހަތިޔާރުން ފެނުނު ކަަމަށް ނާޒިމްގެ ވަކީލުން މިއަދު ބުންޏަސް ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ޑީއެންއޭ ތަހުލީލުތައް އަދިވެސް ޕީޖީ އޮފީހަށް ނުލިބޭ ކަމަށެވެ.
އެކަމާ ގުޅިގެން ސުއޫދު ވިދާޅުވީ ދައުލަތުން އެ ވާހަކަ ދެއްކުމުން ފަހުން އެ މައުލޫމާތު ކަށަވަރު ކުރި ކަމަށެވެ. އެގޮތުން ފަހުން އެނގުނީ އޭގެ ތަހުލީލުތައް ފުލުހުންނަށް ލިބިފައިވާ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުން މިއަދު އެ ވާހަކަ ސުޕްރީމް ކޯޓުގައި ދެއްކީ ނާޒިމް ކުށުން ބަރީއަވާނެ ކަން އެނގި ތިބެ ކަމަށްވާ ނަމަ އެއީ ކޮންޓެމްޓް ނުވަތަ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނުވަތަ ދޮގު މައުލޫމާތު ދިން ކަމަށް ވާނީ. އެހެންވީމަ ޕްރޮސެކިއުޝަނުން މިހާރު އެބަ ޖެހޭ ސުޕްރީމް ކޯޓަށް ގުޅުއްވައިގެން މިކަމުގެ ހަގީގަތް ސާފުކޮށްދޭން،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ނާޒިމް ފްރޭމް ކުރިކަން މިހާރު ސާބިތުވެފައިވާ ކަމަށާއި އެހެންވެ މިހާރުން މިހާރަށް ނާޒިމް ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އަދި ނާޒިމަށް ދައުވާކުރީ ވެސް ތަހުގީގު ފުރިހަމަ ނުވާ މައްސަލައެއްގައި ކަމަށް ކުރިން ވެސް ބުނެފައިވާނެ ކަމަށާއި މިއަދު އެކަން ސާބިތުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ކުރި ތަހުގީގުން ސަރުކާރަށް ސާބިތުވީ ކާނަލް ނާޒިމް ފްރޭމް ކުރި މީހަކީ އަދީބު ކަން،" ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ކިޔާ މީހެއް ކަމަށާއި އެކަން ސާބިތުކުރަން ހުށަހަޅާފައިވާ ހެކިން ސުޕްރީމް ކޯޓަށް ހާޒިރުކޮށްފި ނަމަ އެއީ އަދީބާއި ހުސައިން ވަހީދު ގުޅިގެން ކުރި ކަމެއް ކަން ސާބިތުވާނެ ކަމަށެވެ. އަދި އެ މައްސަލާގައި މިނިވަން ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި ޕީޖީ އާއި ފުލުހުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.