ސްވިޑަން ޑިފެންޑަރު ލިންޑެލޯފް ޔުނައިޓެޑަށް
ސްވިޑަން ޑިފެންޑަރު ލިންޑެލޯފް ޔުނައިޓެޑަށް

މެންޗެސްޓާ (ޖޫން 11) – ބެންފީކާ އަށް ކުޅެމުން އަންނަ ސްވިޑަން ޑިފެންޑަރު ވިކްޓަ ލިންޑެލޯފް 35 މިލިއަން ޔޫރޯ އަށް ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވެއްޖެ އެވެ.

މިވަގުތު ސްވިޑަން ގައުމީ ޓީމާ އެކު ހުރި ލިންޑެލޯފް ޔުނައިޓެޑަށް ސޮއިކުރާނީ ކްލަބާ އެކު މުސާރައަކާ މެދު އެއްބަސްވުމަކަށް އައިސް އަދި މެޑިކަލް ޓެސްޓުން ފާސްވުމުންނެވެ. ބެލެވޭ ގޮތުގައި ހުރިހާ ކަމެއް ނިމި އޭނާ އެ ކްލަބަށް ސޮއިކުރާނީ އަންނަ ހަފުތާގަ އެވެ.

ސްވިޑަން ގައުމީ ޓީމަށް 12 މެޗު ކުޅެދީފައިވާ ލިންޑެލޯފަކީ އާ ސީޒަނަށް ޔުނައިޓެޑަށް ގެންނަން ނިމުނު ފުރަތަމަ ކުޅުންތެރިއާ އެވެ. އޭނާ ގެންދަން ޖެނުއަރީ މަހު ޔުނައިޓެޑުން ބެންފީކާއާ އެކު މަޝްވަރާކުރި ކަމަށް އޭރު ރިޕޯޓްކޮށްފައިވެ އެވެ.

ބެންފީކާ އިން މިދިޔަ ސީޒަނުގައި ޕޯޗުގަލް ލީގާއި ޕޯޗުގީސް ކަޕް ކާމިޔާބުކުރި އިރު އުމުރުން 22 އަހަރުގެ ލިންޑެލޯފް ވަނީ އެ ޓީމަށް 47 މެޗު ކުޅެދީފަ އެވެ.

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދާފައިވާ ޔުނައިޓެޑުން ރެއާލް މެޑްރިޑުގެ ފޯވާޑް އަލްވާރޯ މޮރާޓާ އާއި ޓޮރިނޯގެ ފޯވާޑް އަންދްރޭ ބެލޮއްޓީ އަށް ޝައުގުވެރިވާ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.