އިމްތިޔާޒާއި ޔާޝް ޗޯޕްރާގެ މަސައްކަތް ވަރަށް އެއްގޮތް: ޝާހްރުކް
އިމްތިޔާޒާއި ޔާޝް ޗޯޕްރާގެ މަސައްކަތް ވަރަށް އެއްގޮތް: ޝާހްރުކް

ޑައިރެކްޓަރު އިމްތިޔާޒު އަލީގެ ފިލްމުތަކުގައި އޭނާ ލޯބީގެ ވާހަކަތައް ހުށަހަޅައިދޭ ގޮތާއި ބޭރުގެ ރީތި ލޮކޭޝަންތަކުގައި ޝޫޓްކުރުމާއި ބައެއް މަންޒަރުތަކުގައި ޕަންޖާބީ ސްޓައިލް ގެނެސްދޭތީ އޭނާގެ މަސައްކަތް ފެނިފައި ޔާޝް ޗޯޕްރާގެ މަތިން ހަނދާންވާ ކަމަށް ޝާހްރުކް ބުނެފި އެވެ.

"ޖަބް ވީ މެޓް" ގެ ޑައިރެކްޓަރު އިމްތިޔާޒާ އެކު ފުރަތަމަ ފަހަރަށް "ޖަބް ހަރީ މެޓް ސޭޖަލް" ގައި މަސައްކަތްކުރާ ޝާހްރުކް ބުނީ މި ފިލްމަކީ ވަރަށް ގިނަ ތަންތަނަށް ދަތުރުކޮށްގެން ޝޫޓްކޮށްފައިވާ ފިލްމެއް ނަމަވެސް މިއީ ދަތުރުފަތުރާ ބެހޭ ފިލްމެއް ނޫން ކަމަށެވެ. މި ފިލްމުގައި ކިޔައިދެނީ ޓޫރިސްޓް ގައިޑެއްގެ ވާހަކަ ކަމަށް ޝާހްރުކް ބުންޏެވެ.

އަންނަ އޮގަސްޓް މަހު 4 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުކުރަމުން އަންނަ މި ރޮމެންޓިކް ޑްރާމާގެ ބަތަލާ އަކީ އަނުޝްކާ ޝަރުމާ އެވެ. މިއީ "ރަބް ނޭ ބަނާދީ ޖޯޅީ" އާއި "ޖަބް ތަން ހެ ޖާން" އަށްފަހު ޝާހްރުކް އަނުޝްކާ އެކުގައި ކުޅޭ ތިން ވަނަ ފިލްމެވެ.

މިހާތަނަށް މި ފިލްމުގެ ބޮޑުބައެއް ޕްރާގް، އެމްސްޓެޑަމް، ލިޒްބަން އަދި ބުޑަޕެސްޓްގައި ވަނީ ޝޫޓްކޮށްފަ އެވެ.

ޝާހްރުކް ބުނި ގޮތުގައި އިމްތިޔާޒު އަކީ ވަރަށް މަޑުމައިތިރި މީހެކެވެ. އޭނާގެ ފިލްމުތަކުން މިކަން ވަރަށް ބޮޑަށް ފެންނަކަމަށް ގަބޫލުކުރާ ކަމަށް ވެސް ޝާހްރުކް ބުންޏެވެ.