ވާދަވެރި ދެ ކީޕަރުން ތިބުމުން ކޯޗު ހިތްހަމަޖެހިފައި
ވާދަވެރި ދެ ކީޕަރުން ތިބުމުން ކޯޗު ހިތްހަމަޖެހިފައި

ސަތާރަ އަހަރަށް އިމްރާން މުހައްމަދު މިދިޔަ އަހަރު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުމާ އެކު ދެން ގައުމީ ޓީމުގެ ގޯލު ބަލަހައްޓާނެ ކީޕަރަކާ މެދު ސުވާލު އުފެދުނެވެ. މި ވަގުތަށް ބަލާއިރު ގައުމީ ޓީމުގައި ވާދަވެރި ދެ ކީޕަރުން އެބަތިއްބެވެ. އެއީ ވެލެންސިއާގެ މުހައްމަދު ފައިސަލާއި ވިކްޓަރީގެ މުހައްމަދު އިމްރާން އެވެ. ދެ ކީޕަރުން ވެސް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދުމަށް މަސައްކަތްކުރާއިރު، މިއީ ގައުމީ ކޯޗު ޑަރެން ސްޓެވާޓަށް އޮތް ބޮޑު ހިތްހަމަ ޖެހުމެކެވެ.

ގައުމީ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނު އަތުން 3-0 އިން މާލޭގައި ބަލިވި މެޗުގައި ޓީމުގެ ގޯލު ބެލެހެއްޓީ ފައިސަލެވެ. އެ ވަގުތަށް ބަލާއިރު ރާއްޖޭގެ ފުރަތަމަ ޑިވިޝަން ކްލަބެއްގެ ފުރަތަމަ އެގާރައިގައި ކުޅެމުން އައި ދެ ކީޕަރުންގެ ތެރެއިން އެކަކަކީ ފައިސަލް އެވެ. އެހެން ކަމުން އެ ވަގުތު ފައިސަލަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދުމުގައި އުނދަގުލެއް ނެތެވެ.

ސީޒަން ފެށިއިރު ވިކްޓަރީގެ ގޯލު ބެލެހެއްޓީ ސީރިއާގެ މަހްމޫދު އަލް ޔޫސުފް އެވެ. އެހެން ނަަމަވެސް ފަހަކަަށް އައިސް ވިކްޓަރީގެ ގޯލުން ފެންނަނީ އިމްރާން އެވެ. އޭނާ ވަނީ ކުޅުނު މެޗުތަކުގައި ތަފާތު ދައްކައި ޓީމު މޮޅުކޮށްދިނުމުގައި އެހީތެރިވެފަ އެވެ.

"ކުޅުމަށް އެނބުރި އައިސް އިމްރާން ދެ މެޗެއްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފި. އެކަމަކު ހަނދާން ނައްތާލަައިގެން ނުވާނެ ފަލަސްތީން އަތުން އަހަރެމެން ބަލިވި ނަމަވެސް އެ މެޗުގައި ފައިސަލް ވަރަށް މޮޅަށް ކުޅުނު،" ޓީމުގެ ދެ ކީޕަރުންނާ ބެހޭގޮތުން ސްޓެވާޓް ބުންޏެވެ.

ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް އަންނަ އަންގާރަ ދުވަހު ނުކުންނައިރު ގައުމީ ޓީމުގެ ގޯލު ބަލަހައްޓާނެ ކުޅުންތެރިއަކު ނިންމުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޓެވާޓް ވެސް ގަބޫލުކުރެ އެވެ.

"މި ވަގުތަށް ބަލާއިރު ފައިސަލަކީ ފުރަތަމަ ޗޮއިސް ކީޕަރު. އެކަމަކު ޓްރެއިނިންގައި އިމްރާންގެ ފަރާތުން ފެންނަ ތަފާތާއި އޭނާ ކުރާ މަސައްކަތަށް ބަލާއިރު ކިހިނެއް އެނގެނީ އޭނަ އަށް ވެސް ފުރަތަމަ އެގާރައިން ފުރުސަތު ނެތްކަމެއް،" ސްޓެވާޓް ބުންޏެވެ.

އިމްރާން ވަނީ މީގެ ކުރިން ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި 2015 ވަނަ އަހަރު ގައުމީ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. އޭގެ ތެރޭގައި ޗައިނާ އާއި ގަތަރު އަދި ހޮންކޮންއާ ދެކޮޅަށް ކުޅުނު މެޗުތައް ހިމެނެ އެވެ.

ގައުމީ ޓީމުގައި ދެން ހިމެނޭ ކީޕަރަކީ އީގަލްސްގެ އިސްމާއިލް ޝަފީއު އެވެ. އޭނާ މިހާތަނަށް ގައުމީ ޓީމަށް މެޗެއް ކުޅެފައެއް ނުވެ އެވެ.