11 ޖޫން 2017 - 11:04

ޕެރިސް، ފްރާންސް (ޖޫން 11) - ރޭންކްކޮށްފައިނުވާ ކުޅުންތެރިއެއް ކަމަށްވާ ލެޓްވިއާގެ އުމުރުން 20 އަހަރުގެ ޖެލީނާ އޮސްޓަޕެންކޯ، ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައި ދުނިޔެ ހައިރާންކޮށްލައިފި އެވެ.
އޮސްޓަޕެންކޯ ކެރިއަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރީ ފަހަތުން އަރައި އިއްޔެގެ ފައިނަލުގައި ރުމޭނިއާގެ ސިމޯނާ ހަލެޕް ބަލިކުރުމަށް ފަހު އެވެ. މެޗުގެ ސެޓުތައް ދިޔައީ 4-6 6-4 6-3 އިންނެވެ.
"އަހަރެން އަބަދުވެސް ގަބޫލުކުރީ އަހަންނަށް ބޯޅައިގައި ވަރަށް ބާރަށް ޖެހޭނެކަމަށް. ކާމިޔާބު ލިބޭނެ ކަމުގެ އުއްމީދެއް އޮތުމުން އަހަރެން އަބަދުވެސް ވިސްނީ ކުރިއަށްދާން. މިއީ އަހަންނަށް ހުވަފެނީ ކާމިޔާބީއެއް،" އޮސްޓަޕެންކޯ ބުންޏެވެ.
މިއީ ރޭންކް ނުކުރާ ކުޅުންތެރިއަކު ފާއިތުވި 84 އަހަރު ތެރޭ ފްރެންޗް އޯޕަން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިއީ އޮސްޓަޕެންކޯ ވާދަކުރި އަށް ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އަދި މި މުބާރާތުގެ ކާމިޔާބީއާ އެކު އޮސްޓަޕެންކޯ ވެފައިވަނީ 2004 ވަނަ އަހަރު މާރިއާ ޝަރަޕޯވާ ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކުރި ފަހުން އެންމެ މަދު މުބާރާތުގައި ކުޅެގެން ޓެނިސް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިއާ އަށެވެ.
މި ކާމިޔާބީއާ އެކު އޮސްޓަޕެންކޯ ވަނީ ދުނިޔޭގެ ރޭންކިންގެ 12 ވަނަ އަށް ޖެހިލައިފަ އެވެ. އޭނާ މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކުރީގެ އޮލިމްޕިކް ޗެމްޕިއަން މޮނިކާ ޕީޖާއި ސޭމް ސްޓޯސާ އާއި ކުރީގެ އެއް ވަނަ ކުޅުންތެރިއާ ކެރޮލިން ވޮޒްނިއާކީ އަދި ކުރިން ދެ ފަހަރު ސެމީ ފައިނަލުގައި ކުޅުނު ޓިމީއާ ބަޒިންސްކީ ބަލިކުރުމަށް ފަހު އެވެ.
ފްރެންޗް އޯޕަންގެ ފިރިހެން ބައިގެ ފައިނަލުގައި ރަފައެލް ނަޑާލް ނުކުންނާނީ ސްވިޒަލެންޑްގެ ސްޓެން ވަވްރިންކާއާ ދެކޮޅަށެވެ.