21 ޖޫން 2016 - 18:09

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތަށް ޕާޓީތަކަށް ދޭންޖެހޭ ފައިސާ ހިފަހައްޓާ ކަމަށް އެމްޑީޕީން ތުހުމަތުކުރިއަސް އެގޮތަށް ކަންތައްތަކެއް ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން މިއަދު ބުނެފި އެވެ.

އިދިކޮޅު އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް އިއްޔެ އަށް ފޮނުވި ސިޓީއެއްގައި ވަނީ ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ހަވާލުކުރަން އޮތް ނަމަވެސް އެ ޕާޓީއަށް ފައިސާ ނުލިބޭތީ އެ ކޮމިޝަނާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް "މިހާރު"އާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕާޓިތަކަށް އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދޭންޖެހޭނެ ކަމަށާއި އަދި ޕާޓީތަކުން ވެސް އެ ޕާޓީއެއްގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ފުރަތަމަ 90 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ. ނަމަވެސް މުއްދަތު ހަމަވިއިރު ވެސް ބައެއް ޕާޓީތަކުން ރިޕޯޓުތައް ހުށަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވިގޮތުގައި، ފައިސާ ދޫކުރުމުގެ ކުރިން، ޕާޓީތަކުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު އަދި އެ ޕާޓީއެއްގެ މަގުސަދު ހާސިލްކުރަން ކޮށްފައި ހުރި މަސައްކަތްތަކަށް ބަލަންޖެހެ އެވެ.
"މިދިޔަ މަހުގެ އަށްވަނަ ދުވަހު ވަނީ އެ ރިޕޯޓުތައް ހުށަހެޅުމުގެ މުއްދަތު ހަމަވެފައި. ނުވަ ވަނަ ދުވަސް އައިއިރު ދެ ސިޔާސީ ޕާޓީއަކުން އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށައެއް ނާޅާ. މި ރިޕޯޓުތައް ހުށަނާޅާކަމުގައި ވާނަމަ ފައިސާއެއް ދުލެއް ނުކުރާނެ،" އަކްރަމް ވިދާޅުވި އެވެ.
އެމްޑީޕީ އާއި ޑީއާރުޕީން އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވީ ގާނޫނުގައި ބުނާ މުއްދަތުގެ ފަހުން ނެވެ. ނަމަވެސް އަހަރުގެ ފުރަތަމަ 90 ދުވަހުގެ ތެރޭގައި ޑީއާރުޕީން ވަނީ އެ ޕާޓީގެ އަހަރީ ރިޕޯޓު ހުށަހަޅައިފަ އެވެ.
"އެ އެއްޗެހިތައް ބެލުމުގެ މަސައްކަތް ކުރަމުން މި އަންނަނީ. ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ އިލެކްޝަންސް ކޮމިޝަނަކުން ނުހިފައްޓަން. ގާނޫނުގައި އޮތް ފުށުއެރުމެއްގެ ސަބަބުން މިހާ ހިސާބަށް އެކަން ދެމިގެން މިއައީ. އެކަން އެހެން ދިމާވީ ސިޔާސީ ޕާޓީތަކުން އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހެޅުން ލަސްވަމުން ދާތީ،" އަކްރަމް ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 0.1 ނުވަތަ 0.2 ޕަސެންޓްގެ އަދަދެއް ދޭން ޖެހެ އެވެ. އެ ގޮތުގެ މަތިން ބަލާއިރު، އެންމެ މީހުން ގިނަ ޕާޓީ، އެމްޑީޕީ ގާތްގަނޑަކަށްް 14 މިލިޔަން ރުފިޔާ ޖެހޭނެ އެވެ. ދެ ވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީ، ޕީޕީއެމަށް ނުވަ މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
ޕާޓީގެ މެމްބަޝިޕް ފޯމުގައި ފިންގަ ޕްރިންޓް ޖެހުމުގެ މައްސަލާގައި ޑީއާރުޕީ އަދި އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
އަކްރަމް ވިދާޅުވީ އެ މައްސަލަ ކޯޓުގައި އޮތުމުން، މެމްބަރުން ކަނޑައެޅުމަށް ދަތިތަކާ ކުރިމަތިވާ ކަމަށާއި އޭގެ ސަބަބުން ޕާޓީތަކަށް ފައިސާ ދޭން ވެސް ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ. އެހެން ކަމުން އެކަންކަމަށް ހައްލު ހޯދަން މަޝްވަރާ ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ދައުވާކޮށްފިނަމަ އެކަމަށް ޖަވާބުދާރީވާން ތައްޔާރުކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.