10 ޖޫން 2017 - 19:18

މި އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ބަންގްލަދޭޝްގައި ފަށަން ތާވަލްކޮށްފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ މޭ މަހަށް ފަސްކޮށްފި އެވެ.
އިންޑިއާގެ މުމްބާއީގައި ބުރާސްފަތި ދުވަހު ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި މުބާރާތް ފަސްކުރަން ނިންމީ، އެކަމަށް އިންޑިއާ އިން އެދިފައިވާތީ އެވެ.
ކޮމިޓީން ނިންމާފައިވަނީ އަންނަ އަހަރުގެ މޭ 1-12 އަށް ބަންގްލަދޭޝްގައި މުބާރާތް ކުރިއަށްގެންދާ ގޮތަށެވެ.
އިންޑިއާ އިން މުބާރާތް ފަސްކުރަން އެދުނީ، އިންޑިއަން ސުޕަ ލީގާ ދިމާވާތީ އެވެ. ކުރިން ރާވާފައިވާ ގޮތުން ސުޕަ ލީގުގެ ކުޅުން ޑިސެމްބަރުގެ ކުރިން ނިމޭނެ އެވެ. އެކަމަކު އޮގަސްޓް މަހު އިންޑިއާގައި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ބާއްވާތީ، ސުޕަ ލީގު ފަސްކުރުމުން، ސާފް ޗެމްޕިއަންޝިޕާ ފުށުއަރާގޮތްވީ އެވެ. މީގެ އިތުރުން ސުޕަ ލީގާއި އައި-ލީގު އެއްކޮށްލުމުގެ ވިސްނުމެއް ގެންއުޅޭތީ ސުޕަ ލީގު އިތުރަށް ދިގުލައިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.
މުބާރާތް މިހާތަނަށް ބާއްވާ ތާރީހު ކަނޑައެޅުމުގައި އިންޑިއާގެ ދައުރު ވަރަށް ބޮޑެވެ. އަދި ސްޕޮންސަރުންގެ އެދުމާ އެކު މުބާރާތް ކޮންމެ ދެ ފަހަރަކު އެއް ފަހަރު ބާއްވަނީ ވެސް، މިހާތަނަށް ބޭއްވި ނުވަ މުބާރާތުގެ ތެރެއިން ހަ މުބާރާތް ކާމިޔާބުކޮށްފައިވާ އިންޑިއާގަ އެވެ. އެހެންކަމުން އިންޑިއާ އަށް ބައިވެރިނުވެވޭ ގޮތަކަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ކުޑަ އެވެ.
އިންޑިއާގެ އެދުމަށް މުބާރާތް ފަސްކުރި އިރު، ބެލެވޭ ގޮތުގައި އިންޑިއާ އިން މުބާރާތަށް ފޮނުވާނީ 23 އަހަރުން ދަށުގެ ޓީމެވެ. އެކަމަކު އެކަމާ ބެހޭގޮތުން އިންޑިއާ އިން އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.
މީގެ 20 އަހަރު ކުރިން 1997 ވަނަ އަހަރު ބާއްވަން ފެށި ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރުން ފެށިގެން އަންނަނީ ކަނޑައަޅާ ތާރީހަށް އާއްމުކޮށް ބާއްވަމުންނެވެ.