10 ޖޫން 2017 - 18:46

ހުޅުމާލޭގައި ފުލުހުންގެ އާ އިމާރާތް އެޅުމަށް 25 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލޭގައި ފުލުހުންގެ އާ އިމާރާތް އަޅަން މިދިޔަ ބުރާސްފަތިދުވަހު ހަވާލުކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.
ހަތަރު ބުރިއަށް ހަދާ މި އިމާރާތުގައި އޮފީސް ބަޔަކާއި އެކޮމޮޑޭޝަން ބަޔަކާއި ކަސްޓޯޑިއަލް ވަސީލަތްތައް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނެއިބާހުޑް އެކެއްގެ ސެންޓްރަލް ޕާކް ކައިރީގައި އަޅާ މި އިމާރާތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހުޅުމާލޭގައި ފުލުހުންގެ ހިދުމަތް މިހާރު ދެމުން އަންނަނީ އެޗްޑީސީ ހުންނަ އިމާރާތުގަ އެވެ. އެ އިމާރާތުގައި އެޗްޑީސީ އާއި ފުލުހުންގެ އޮފީހުގެ އިތުރުން އުރީދޫ އާއި ހުޅުމާލެ ކޯޓާއި އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ ފަދަ އެތައް އޮފީހެއް ހުރެ އެވެ.