ސައުދީ ކޯލީޝަނުން ޔަމަަނަށް ހަމަލާދީ އެއް އާއިލާއަކުން ހަަތަރު މަރު
ސައުދީ ކޯލީޝަނުން ޔަމަަނަށް ހަމަލާދީ އެއް އާއިލާއަކުން ހަަތަރު މަރު

ސަންއާ (ޖޫން 10) - ސައުދީ ކޯލީޝަނުން ޔަމަނުގެ ވެރިރަށް ސަންއާގައި އާއްމުން ދިރިއުޅޭ ހިސާބަކަށް ދިން ވައިގެ ހަމަލާތަކުގައި އެއް އާއިލާއަކުން ހަތަރު މީހުން މަރުވެއްޖެ އެވެ.

ސަންއާގައި ގާއިމްވެ ހުރި ނޫސްވެރިއެއް ކަމަށްވާ ހުސައިން އަލްބުޚައިތީ އަލް ޖަޒީރާ އަށް ބުނީ މަރުވި ހަތަރު މީހުންގެ ތެރޭގައި ތިން ކުޑަ ކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި ރޭ ދަންވަރު ދިން ހަމަލާތަކުގައި އިތުރު ތިން މީހަކު ގެއްލިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ހަތަރު މީހުންނަކީ އުމުރުން ދުވަސްވީ އަންހެނަކާއި އޭނާގެ ތިން މާމަ ދަރިން،" އަލްބުޚައިތީ ބުންޏެވެ.

އޭނާ ބުނީ ހަމަލާ ދިން ސަންއާގެ ދެކުނުގެ ހިސާބުގަނޑަކީ އަސްކަރީ އެއްވެސް ހަރަކާތެއް ހިނގާ ސަރަހައްދެއް ނޫން ކަމަށާއި އެތަނުގައި ހޫތީ ހަނގުރާމަވެރިން ވެސް ނޫޅޭ ކަމަށެވެ.

"ރޯދަ މަސް ފެށުނު ނަމަވެސް ސައުދީން ދޭ ވައިގެ ހަމަލާތަކަށް ހުއްޓުމެއް ނުގެނޭ. ވޭތުވެދިޔަ ދެ ހަފުތާ ތެރޭ ކޮންމެ ރެއަކު ވެސް މަތިންދާ ބޯޓުތަކުގެ އަޑުފައްގަނޑު އިވޭ،" އޭނާ ބުންޏެވެ.

ޔަމަން ޑޭޓާ ޕްރޮޖެކްޓުން ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޔަމަނަށް ދޭ ވައިގެ ހަމަލާތަކުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ ހަމަލާގެ އަމާޒަކީ ސްކޫލްތަކާއ ހޮސްޕިޓަލްތަކާއި މިސްކިތް ފަދަ އާއްމުން އުޅޭ ތަންތަން ކަމަށެވެ. އދ. އިން ބުނެފައި ވަނީ މާޗް 2015 ގައި ޔަމަނަށް ވައިގެ ހަމަލާ ދޭން ފެށި ފަހުން 10،000 އަށް ވުރެ ގިނަ މީހުން މަރުވެ 2.8 މިލިއަން މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ކަމަށެވެ.