10 ޖޫން 2017 - 15:15

ވޮޝިންޓަން (ޖޫން 10) - އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ޖޭމްސް ކޯމޭއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ހުވާކޮށްފައި ވާހަކަ ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށާއި އެފްބީއައިގެ އެއްވެސް ތަހުގީގެއް ހުއްޓާލުމަށް އަންގަފާއި ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގެ ރޯޒް ގާޑަންގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ވިދާޅުވި ކަމަށް ކޯމޭ ވަރަށް ގިނަ ވާހަކަތައް ދަައްކަވައިފި ކަމަށާއި އެކަމަކު ކޯމޭގެ ބައެއް ވާހަކަތައް ދޮގު ކަމަށެވެ.

ކޯމޭ ވިދާޅުވީ އޭނާ މަގާމުން ދުރުކުރީ އެެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި މައްސަލަ ތަހުގީގު ކުރާތީ ކަމަށެވެ. ކޯމޭގެ ތަހުގީގުގައި އިސްކަން ދީފައި ވަނީ އިންތިޚާބާ ގުޅޭ ގޮތުން ޓްރަމްޕުގެ އަރިސް އެއްވެސް ބޭފުޅަކު ރަޝިޔާއާ ސިއްރު މުއާމަލާތެއް ހިންގާފައިވޭތޯ ބެލުމެވެ.

އަނެއްކޮޅުން ކޮންގްރެސްގެ ކޮމިޓީއަކުން މިހާރު ވަނީ ޓްރަމްޕް އާއި ކޯމޭ ދައްކަވާފައިވާ ވާހަކަތަކުގެ ރެކޯޑިން ހޯދުމަށް އެދިފަ އެވެ.
ރަޝިޔާއާ ގުޅުން ބޭއްވި މައްސަލަ ބަލާ ކޮންގްރެސްގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން ކޯމޭ ބުރާސްފަތި ދުވަހު ވިދާޅުވީ ކުރީގެ ނޭޝަަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލައިންގެ މައްސަލަ ބެލުން ހުއްޓާލުމަށް ރައީސް ޓްރަމްޕް އޭނާ އަށް ޕްރެޝަރު ކުރިމަތި ކުރެއްވި ކަމަށެވެ.
ފްލައިން މަގާމުން ދުރުކޮށްފައި ވަނީ ރަޝިޔާ ސަފީރާއާ އެކު ބޭއްވި ގުޅުންތަކާ ބެހޭ މައުލޫމާތު އޮޅުވާލެއްވިކަން ފަޅާ އެރުމުންނެވެ.
ސެނެޓުގެ އިންޓަލިޖެންސް ކޮމިޓީގައި، ހުވާ ކުރެއްވުމަށް ފަހު އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ވިދާޅުވީ ވައިޓްހައުސްގައި އޮތް ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރޭގައި ތެދުވެރިވުމަށް އޭނާ އަރިހު ޓްރަމްޕް އެދިވަޑައިގެންނެވި ކަމަށެވެ. ކޯމޭގެ ހެކިބަސް ދިނުން ވަނީ އެމެރިކާގެ ޓީވީ ޗެނަލްތަކުން 20 މިލިއަން މީހުން ބަލައިފަ އެވެ.
ވައިޓް ހައުސްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯމޭގެ ހެކި ބަހަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ރަޝިޔާގެ އޮފިޝަލުންނާ ގުޅުމެއް ބާއްވާފައި ނުވާކަމާ އަދި ތަހުގީގަށް ހުރަސް އަޅާފައި ނުވާކަން އެފްބީއައިގެ ކުރީގެ ޑިރެކްޓަރުގެ ވާހަކަތަކުން ހާމަވެފައިވާ ކަމަށެވެ.
ކޯމޭއާ ގުޅޭ ގޮތުން ޓްރަމްޕް ދައްކަވާ ވާހަކަތައް ހުވާ ކުރުމަށް ފަހު ވިދާޅުވާން ކެރިވަޑައިގަންނަވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ "100 ޕަސެންޓް ކެރޭނެ" ކަމަށެވެ.
ކޯމޭއާ އެކު ދެއްކެވި ވާހަކަތަކުގެ ރެކޯޑިން އެބައޮތްތޯ އެހެން ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ އެވާހަކަ އެހެން ތާރީޚެއްގައި ދައްކަވާނެ ކަމަށެވެ.
ޓްރަމްޕުގެ ނޫސް ކޮންފަރެންސަށް ފަހު ހައުސްގެ އިންޓަލިޖެންސް ކޮމިޓީން ވަނީ ރެކޯޑިން އޮތް ނަމަ މި މަހު 23 ގެ ކުރިން ހަވާލު ކުރުމަށް ވައިޓް ހައުސްގައި އެދިފަ އެވެ.