11 ޖޫން 2017 - 07:13

މި ފަހަކަށް އައިސް ދިވެހި ސިނަމާއިން ފެނުނު އެންމެ އުންމީދީ އެއް ބަތަލާއަކީ މަރިޔަމް މަޖުދާ (މަޖޫ) އެވެ. އޭނާގެ ވަަރަށް ކާމިޔާބު ދެ ފިލްމެއް މިހާތަނަށް ބެލުންތެރިންނަށް ވާނީ ފެނިފަ އެވެ. އެއީ ޑާކް ރެއިން އެންޓަޓައިންމަންޓުން މިދިޔަ އަހަރު ގެނެސް ދިން "ވާށޭ މަށާއެކީ" އާއި އޭގެ ކުރީ އަހަރު ރިލީޒް ކުރި "އެންމެ ފަހު ވިންދާ ޖެހެންދެން" އެވެ.
ޒުވާން އެކްޓަރު ޖުމައްޔިލް ނިމާލް (ޖުމަލް) އާ އެކު މަޖޫ ފެނިގެން ދިޔަ އެ ދެ ފިލްމަކީ އެ ދެ މީހުންގެ ކެމިސްޓްރީ ވެސް ވަރަށް ބޮޑަށް ފެނިގެން ދިޔަ ފިލްމެކެވެ.
"ވާށޭ މަށާއެކީ" އަށް ފަހު މަޖޫ ވަނީ ފިލްމީ މަސައްކަތްތަތަކުން ބްރޭކެއް ނަގައިފަ އެވެ. އެއީ ބަނޑުބޮޑުވުމާ ގުޅިގެންނެވެ. އެކަމަކު އޭނާ މިހާރު އަންނަނީ އަނެއްކާ ވެސް އެނބުރި ސްކްރީނަށް އަންނަން ތައްޔާރުވަމުންނެވެ. އެ ވެސް ހަމަ އަނެއްކާ ޑާކް ރެއިންގެ ފިލްމަކުންނެވެ.
އެ ސްޓޫޑިއޯގެ "ހުޅުދާން" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު ބަތަލާ ފެނިގެންދާ ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ ފެމިލީ ޑްރާމާއެކެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވަނީ ޑާކް ރެއިންގެ ފިލްމަކުން މަޖޫ އެނބުރި އަންނަކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ. އަދި ފިލްމް ވަރަށް އަވަހަށް ރަސްމީކޮށް ލޯންޗް ކުރާނެ އެވެ.
އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމް މި އަހަރުގެ އޮކްޓޯބަރު ނުވަތަ ޑިސެމްބަރުގައި ސިނަމާ އަށް ގެންނަން ޑާކް ރެއިނުން ވަނީ އަމާޒު ހިފައިފަ އެވެ.
މަޖޫ ކުޅުނު އިތުރު އެހެން ދެ ފިލްމެއް ވެސް އަދި ރިލީޒް ނުވެ އެބަ އޮތެވެ. އެއީ "ހަތަރު ހަޅަ" އާއި "ޕްލޭން ބީ" އެވެ.