22 ޖޫން 2016 - 07:49

އެމެރިކާގެ މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ ޓޭލާ ސްވިފްޓާއި އިނގިރޭސިވިލާތަށް އުފަން ޑީޖޭ އަދި ޕްރޮޑިއުސަރު ކަލްވިން ހެރިސް ވަކިވި ވާހަކަ ފެތުރުނުތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ.

އެކަމަކު މިހާރު އޮތީ އަނެއްކާ ވެސް ހައިރާން ކުރުވަނިވި ވާހަކައެކެވެ. ކަލްވިން އާ ވަކިވިތާ މަހެއްހާ ދުވަސް ވެސް ނުވަނީސް ޓޭލާ އާ ލޯބިވެރިޔަކު ވެސް ހޯދައިފި އެވެ. އަނެއްކާ ވެސް ހަމަ އިނގިރޭސިވިލާތުންނެވެ.
އެކަމަކު މި ފަހަރު އެކްޓަރެކެވެ. އެއީ "ތޯރް" އާއި "އެވެންޖާސް" ފަދަ ފިލްމްތައް ކުޅެފައިވާ އިނގިރޭސި އެކްޓަރު ޓޮމް ހިޑެލްސްޓަން އެވެ. އޭނާއަކީ ބޮންޑުގެ ރޯލުން ވެސް ދެން ފެންނާނެ ކަމަށް ބެލެވޭ އެކްޓަރެވެ.
މި ދެ މީހުން ހިތާވެގެން އުޅޭކަން މީޑިއާތަކަށް ވަނީ ކަށަވަރުކޮށް ދީފަ އެވެ. ދެ މީހުން ވަރަށް ގައިގޯޅިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް މި މަހުގެ 15 ވަނަ ދުވަހު ވަނީ އާންމުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހިޑެލްސްޓަން، 35، އާ ޓޭލާ، 26، ވަރަށް ސީރިއަސް އެވެ. އެހެންވެ އޭނާ އާ ގަޔާވާލެއް ބޮޑުކަމުން ގުޅުން ކުރިއަށް ގެންދަން ޓޭލާ ވަރަށް ބޭނުންވެ އެވެ.
އަދި ވީ އެންމެ އަވަހަކަށް ހިޑެލްސްޓަން، ޓޭލާގެ މަންމަ އާ ބައްދަލުކޮށް ދޭން ވެސް އޭނާ މިހާރު ހުރީ ކެތްމަދުވެފަ އެވެ.