ކޯރަކަށް އެރި އުޅުނު އަންހެނަކު ޖަހައިގަނެގެން ކިނބުލެއް ފިލައިފި
ކޯރަކަށް އެރި އުޅުނު އަންހެނަކު ޖަހައިގަނެގެން ކިނބުލެއް ފިލައިފި

އިންޑިޔާގެ އުއްތަރްޕްރަދޭޝްގައި އޮންނަ ކާންޕޫރު ކިޔާ އަވަށެއްގައި 20 އަހަރުގެ އަންހެނަކު ކޯރަކަށް އެރިގެން އުޅެނިކޮށް ކިނބުލެއް އޭނާ ޖަހައިގަނެގެން ހިނގައްޖެ އެވެ. ނީރްޖާ ނަމަކަށް ކިޔާ މި އަންހެންމީހާއަށް ކިނބޫ ހަަމަލަ ދިނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އޭނާއާއެކު އާއިލާގެ މެމްބަރުން ވެސް އެވަގުތު އެ ތަނުގައި ތިއްބެވެ. އާއިލާގެ މީހުން ނީރްޖާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކިނބޫ ވަނީ އަންހެންމީހާ ގޮވައިގެން ކޯރުގެ އަޑިއަށް ގޮސްފަ އެވެ.

ނީރްޖާ އާއި އޭނާގެ އާއިލާއިން އެރިގެން އުޅުނީ ނެޝަނަލް ޗެމްބަލް ސެންކްޗުއަރީ ކިޔާ ތަނެއްގައި އޮތް ފެންގަނޑަކަށެވެ. އެތަނުގެ އޮފިޝަލުން ބުނި ގޮތުގައި ފުލުހުންނާއި ޑައިވަރުންގެ އެހީގައި އަންހެންމީހާގެ ހަށިގަނޑު ފެނޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނީރްޖާގެ އާއިލާއިން ބުނި ގޮތުގައި ނީރްޖާ އެ ދުވަހު ހުރީ ކޯރަށް އެރުނީ ހިންދޫ ދީނުގެ އަޅުކަމެއްގެ ތެރޭގަ އެވެ. ތިމާވެށީގެ ތަޖުރިބާކާރުން ބުނަނީ މިއީ ކިނބޫ ބިސް އަޅާ މޫސުން ކަމަށާއި އެހެންވެ އެޔަށް އުނދަގުލެއް ވެއްޖެ ނަމަ ވަރަށް ފަސޭހައިން ހަމަލާ ދޭނެ ކަމަށެވެ.

"ކިނބޫ ބިސް އަޅާ މޫސުން މީ. ކޯރުގައިވާ ކިނބޫ ބިސް އަޅާ ތަނެއްގައި ކައިރިއަށް އަންހެންމީހާ އަށް އެރެވުނީ ކަމަށް ލަފާ ކުރެވެނީ. އަންހެން ކިނބޫތައް އޭތީގެ ބިސް ތަކާއި ޅަ ކިނބޫތަކުގެ ހިމާޔަތުގައި މިދުވަސްވަރު ތިބޭނީ ވަރަށް ހަމަލަދޭ ކަހަލަ މޫޑެއްގައި ރުޅިގަދަވެފައި. ހޫނު މޫސުމުގައި މިފަދަ ކޯރުތަކަށް އެރޭކަށް ނުވާނެ،" ފޮރެސްޓް އޮފިސަ އަނިލް ޕަޓޭލް ވިދާޅުވި އެވެ.

މި ހާދިސާ ހިނގި ކޯރުގައި 500 އަށް ވުރެ ގިނަ ކިނބޫ އުޅޭނެ ކަމަށް ހިސާބުތަކުން ދައްކަ އެވެ.