11 ޖޫން 2017 - 07:13

"ޖައްގާ ޖާސޫސް"ގައި އޭނާއާ އެކު ބަތަލާގެ ރޯލު އަދާކުރާ ކުރީގެ ލޯބިވެރިޔާ ކެޓުރީނާ ކައިފަކީ ވަރަށް އަލިގަދަ ތަރިއެއް ކަމަށާއި އޭނާގެ ގިނަ ފިލްމުތަކެއް އަބަދުވެސް ސުޕަހިޓް ވަމުން އަންނަ ކަމަށް ބުނެ ކެޓުރީނާ އަށް ރަންބީރު ކަޕޫރު ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.
ރަންބީރު ބުނި ގޮތުގައި މުސްތަގްބަލްގައި ހަމައެކަނި ކެޓުރީނާ އަށް ހާއްސަކޮށް ފިލްމެއް ޕްރޮޑިއުސްކުރަން އޭނާ ބޭނުމެވެ.
"އަހަންނަށް ހީވަނީ ކެޓުރީނާ އަކީ ސުޕަހިޓް ފިލްމު އުފައްދާ މެޝިނެއް ހެން. މުސްތަގްބަލްގައި އަހަރެން ފިލްމުތައް ޕްރޮޑިއުސްކުރާއިރު ކެޓުރީނާ އަށް ޚާއްސަކޮށް ފިލްމެއް އުފައްދަން އަހަރެން ބޭނުން،" ކެޓުރީނާ އާއި އޭނާ އެކުގައި ކުޅެފައިވާ "ޖައްގާ ޖާސޫސް"ގެ ލަވައެއް ރިލީޒްކުރުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި އިވެންޓެއްގައި މީޑިއާއާ ވާހަކަ ދައްކަމުން ރަންބީރު ބުންޏެވެ.
ރަންބީރު މި ވާހަކަތައް ދެއްކިއިރު އޭނާ އާ ޖެހިގެން ކެޓުރީނާ ވަރަށް ހެވިފައި އިނެ އެވެ. އަދި ރަންބީރު ދެއްކި ވާހަކައަށް ކެޓުރީނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ހަގީގީ ލޯބިވެރިންގެ ގޮތުގައި ހައެއްކަ އަހަރު ވަންދެން އުޅުމަށްފަހު ރަންބީރާއި ކެޓުރީނާ ވަނީ މިދިޔަ އަހަރު އެމީހުންގެ އޮތް ލޯބީގެ ގުޅުން ކަނޑާލާފަ އެވެ. ނަމަވެސް ނޫސްވެރިންނާ ބައްދަލުކުރިއިރު ދެ މީހުންގެ މެދުގައި އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ހުރިކަން ފާހަގަ ނުކުރެވޭ ކަމަށް މި އިވެންޓުގައި ބައިވެރިވި ނޫސްވެރިން ބުންޏެވެ. ދެ މީހުން ވެސް ފެނުނީ ވަރަށް އެކުވެރި އުފާވެރި މިޒާޖެއްގައި ތިއްބައިކަން އެންމެން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
"ޖައްގާ ޖާސޫސް"ގެ ކުރިން ވެސް ރަންބީރާއި ކެޓުރީނާ ވަނީ އެކުގައި ދެ ފިލްމެއް ކުޅެފަ އެވެ. "އަޖަބް ޕްރޭމް ކީ ޣަޒަބް ކަހާނީ" އާއި "ރާޖްނީތީ" އެވެ.
ކެޓުރީނާގެ އަތުގައި ވަރަށް ރަނގަޅު ގިނަ ފިލްމުތަކެއް މިވަގުތު އެބަހުއްޓެވެ. އޭގެ ތެރޭގައި ސަލްމާން ޚާނާ އެކު ކުޅޭ "ޓައިގާ ޒިންދާ ހޭ" އާއި އާމިރު ޚާނާއެކު ކުޅޭ "ތަގްސް އޮފް ހިންދުސްތާން" ހިމެނެ އެވެ.
ރަންބީރު މިހާރު ކުރިޔަށް ގެންދަނީ ސަންޖޭ ދަތުގެ ހަޔާތާ ގުޅޭ ފިލްމުގެ ޝޫޓިން އެވެ.