"ބާޣީ 2" ގައި ޓައިގާ ޝްރޮފާ އެކު ލޯބިވެރިޔާ ދިޝާ ޕަޓާނީ
"ބާޣީ 2" ގައި ޓައިގާ ޝްރޮފާ އެކު ލޯބިވެރިޔާ ދިޝާ ޕަޓާނީ

"ބާޣީ 2" ގެ ބަތަލާއަކާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ ފިލްމުގެ ފުރަތަމަ ބައިގައި ބަތަލާގެ ރޯލު ކުޅުނު ޝްރައްދާ ކަޕޫރު މިފަހަރުގެ ފިލްމުވެސް ކުޅެން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމުގެ ޚަބަރުތަކަކާއި ކްރީތީ ސަނަން އަށް ބަތަލާކަން ދިން ކަމުގެ ޚަބަރުތަކެއް ވެސް ފެތުރުނެވެ.

ނަމަވެސް ދާދި ފަހުން ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ ވަނީ އެ ފިލްމުގެ ބަތަލާ އަކީ ދިޝާ ޕަޓާނީ ކަން އިއުލާން ކޮށްފަ އެވެ.

"ބާޣީ" އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ރަނގަޅު ވިޔަފާރިއެއް ވި ކާމިޔާބު ފިލްމެކެވެ. އަދި ފިލްމުގެ ޓީވީ ޕްރެމިއާ އަށް ވެސް ބެލުންތެރިން ބޮޑު ތަރުހީބެއް ދިނެވެ. އެހެންކަމުން "ބާޣީ 2" އަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

ޕްރޮޑިއުސަރު ސާޖިދު ބޭނުންވީ މި ފިލްމުގައި ޓައިގާއާ އެކު މުޅިން އާ އަންހެންކުއްޖަކު ބައިވެރިކުރުމަށެވެ. އެގޮތުން ދިޝާ އަށް ފިލްމު ލިބުނީ އެވެ. މީގެ ކުރިން "އެމް.އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ"ގައި މުހިއްމު ރޯލެއް އަދާކޮށްފައިވާ ދިޝާ އަކީ ޓައިގާގެ ހަގީގީ ލޯބިވެރިޔާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.

ކުރީގެ ފިލްމަށް ވުރެ ވެސް މިފަހަރުގެ ފިލްމުގައި މާ މޮޅު އެކްޝަން މަންޒަރުތައް ހިމެނޭނެ ކަމަށް ވެއެވެ. އަދި ފިލްމުގެ ސްޓަންޓްތަކަށް ތައްޔާރުވުމުގެ ގޮތުން އަންނަ ޖުލައި މަހުގެ ތެރޭގައި ޓައިގާ ހޮންކޮންގް އަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ. އެ ގައުމުގައި ޓައިގާ އަށް ތަމްރީނުދިނުމަށް ހަމަޖެހިފައިވަނީ ސްޕެޝަލް މާޝަލް އާޓްސް ޑައިރެކްޓަރު ޓޯރީ ޗިންގެވެ.