11 ޖޫން 2017 - 07:15

ޝާހްރުކް ޚާނާއި އަނުޝްކާ ޝަރުމާ މިހާރު ވަނީ އެމީހުން އެކުގައި މިހާރު ކުޅެމުން އަންނަ ފިލްމުގެ ނަން ފިލްމުގެ ފުރަތަމަ ޕޯސްޓަރާއެކު ހާމަކޮށްފަ އެވެ. އިމްތިޔާޒު އަލީ ޑައިރެކްޓްކުރާ މި ފިލްމަށް ދީފައިވާ ނަމަކީ "ޖަބް ހެރީ މެޓް ސޭޖަލް" އެވެ.
މި ފިލްމަށް ނަމެއް ދިނުމަށް ފޭނުންނަށް މުބާރާތެއް ވެސް ކުރިޔަށް ގެންދިޔަ އެވެ. އެކަމަކު އެންމެފަހުން ނަން ދިނީ އެކްޓަރު ރަންބީރު ކަޕޫރެވެ. ކެޓުރީނާ ކައިފާ ރަންބީރު ކުޅެފައިވާ "ޖައްގާ ޖާސޫސް"ގެ "ގަލްތީ ސޭ މިސްޓޭކް"ކިޔާ ލަވައެއް ލޯންޗުކުރަން ބޭއްވި އިވެންޓެއްގައި ރަންބީރު ވަނީ ފިލްމަށް ނަން ދިނީ އޭނާކަން ހާމަކޮށްފަ އެވެ.
އޭނާ ބުނި ގޮތުގައި ޝާހްރުކް-އަނުޝްކާގެ ފިލްމަށް އެ ނަން ކިޔަން ޑައިރެކްޓަރު އިމްތިޔާޒަށް ލަފާ ދިނީ އޭނާ އެވެ. ނަމަވެސް އެ ފިލްމަށް ނަން ދޭ ފަރާތަކަށް ދޭން ޝާހްރުކް ވައުދުވި 5000 ރުޕީސް ނުލިބޭ ކަމަށް ޖޯކަކަށް ހަދާފައި ރަންބީރު ބުންޏެވެ. އަދި ވަރަށް އަވަހަށް ޝާހްރުކްގެ ގެޔަށް ފައިސާ ބަލާ ދާނެކަމަށް ވެސް، ސަމާސާ ކުރަމުން ރަންބީރު ބުންޏެވެ.
ރަންބީރު ބުނީ އެ ފިލްމަށް "ޖަބް ހެރީ މެޓް ސޭޖަލް" ކިޔަން ލަފާ ދިނުމުން އެންމެން އެ ނަމަށް ވަރަށް މަލާމާތްކުރި އެވެ. ނަމަވެސް އެންމެފަހުން އެ ފިލްމަށް ކިޔާފައި ވަނީ އެ ނަން ކަމަށް ވާތީ، ފިލްމުގައި ކުޑަ ނަމަވެސް ހިއްސާ ވެވިއްޖެ ކަމަށާއި އެކަމާ އުފާކުރާ ކަމަށް ވެސް ރަންބީރު ބުންޏެވެ.
ރަންބީރު މި ވާހަކަ ދެއްކުމުގެ ކުރިން ޝާހްރުކް ކުރި ޓުވީޓެއްގައި ޖޯކަކަށް ހަދާފައި "ޖަބް ހެރީ މެޓް ސޭޖަލް" އަކީ ރަންބީރު ދިން ނަމެއް ނޫން ކަމަށާއި އެހެންވެ 5000 ރުޕީސް ފައިސާގެ އިނާމު އޭނާއަށް ނުލިބޭނެ ކަމަށް ބުނެފައިވެ އެވެ. ޝާހްރުކްގެ މި ޓުވީޓްގައި ބުނި އެއްޗެއް މީހުންނަށް އެނގުނީ ރަންބީރު ފަހުން މި ވާހަކަ ދެއްކުމުންނެވެ.