ސައުތު އޭޝިއަން ގޭމްސް: ބާސްކެޓްބޯޅަ އާއި ކްރިކެޓް ހިމެނޭނެ
ސައުތު އޭޝިއަން ގޭމްސް: ބާސްކެޓްބޯޅަ އާއި ކްރިކެޓް ހިމެނޭނެ

ނޭޕާލުގައި 2019 ވަނަ އަހަރުގެ މާޗު މަހު ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ފިރިހެން އަދި އަންހެން ބާސްކެޓްބޯޅަ ޓީމަށާއި ކްރިކެޓް ޓީމަށް ލިބޭނެކަން ކަށަވަރުވެއްޖެ އެވެ.

މިދިޔަ އަހަރު އިންޑިއާގައި ބޭއްވި ގޭމްސްގައި ކްރިކެޓް ހިމަނާފައި ނުވި ނަމަވެސް ބާސްކެޓްބޯޅަ ހިމެނި އެވެ. އެކަމަކު ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާ އާއި އިންޑިއާގެ ބާސްކެޓްބޯޅަ ޖަމިއްޔާއާ ޖެހުނު މައްސަލައަކާ ގުޅިގެން ވާދަކުރުމުގެ ފުރުސަތު ގެއްލުނީ އެވެ. އޭރު ރާއްޖޭގެ ފިރިހެން އަދި އަންހެން ބާސްކެޓްބޯޅަ ޓީމު އައީ ގޭމްސް އަށް ތައްޔާރުވަމުންނެވެ.

ބޫޓާނުގެ ތިމްޕޫގައި މި ހަފުތާގައި ކުރިއަށް ގެންދިޔަ ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) ގެ ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް ގޭމްސްގައި 28 ކުޅިވަރެއް ހިމަނަން ހުށަހަޅައިފަ އެވެ. އަދި މީގެ ތެރެއިން ގޭމްސްގައި ހިމަނާނެ 25 ކުޅިވަރު ފައިނަލްކުރާނީ ސެޕްޓެމްބަރު މަހު ބާއްވާ ބައްދަލުވުމުގަ އެވެ. ފައިނަލް ލިސްޓުގައި ބާސްކެޓްބޯޅަ އާއި ކްރިކެޓް ހިމެނޭނެކަން ވަނީ މިހާރު ޔަގީންވެފަ އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ ބާސްކެޓްބޯޅަ އާއި ކްރިކެޓް ހިމަނަން ނިންމުމަކީ ރާއްޖެ އަށް ލިބުނު އުފާވެރި ހަބަރެއް ކަމަށެވެ.

ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ވަނީ 2010 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވަރަށް ރަނގަޅު ވާދައެއްކޮށްފަ އެވެ. ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު މުބާރާތުން ބާސްކެޓްބޯޅައިގެ ފިރިހެން އަދި އަންހެން ޓީމަށް ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ރާއްޖޭގެ ބާސްކެޓްބޯޅަ އަލުން ކޮޅަށް ޖަހަން އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ހިތްވަރެކެވެ.

ބަންގްލަދޭޝްގައި 2010 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ކްރިކެޓް ހިމެނުނު އިރު އެ ފަހަރު ރާއްޖޭގެ 21 އަހަރުން ދަށުގެ ޓީމު ވާދަކުރި އެވެ. މެޗަކުން މޮޅުވި ނުވި ނަމަވެސް، ދުނިޔޭގެ ކްރިކެޓުގެ އެންމެ މަތީ ފެންވަރުގެ ޓީމުތަކާ ވާދަކުރަން ފުރުސަތު ލިބުމަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެ ފަހަރު ރާއްޖޭން ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޕާކިސްތާނާއި ސްރީ ލަންކާ އާއި ބަންގްލަދޭޝާ ވާދަކޮށްފަ އެވެ.

ބެލެވޭ ގޮތުގައި ކްރިކެޓުގައި އޮންނާނީ 23 އަހަރުން ދަށް ނުވަތަ 21 އަހަރުން ދަށުގެ ޓްވެންޓީ20 މުބާރާތެކެވެ.

ދެކުނު އޭޝިއާގެ ގައުމުގެ ގޮތުގައި މެދުގައި 1984 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ގޭމްސްގައި ރާއްޖޭން ވަނީ މިހާތަނަށް ތިން ރިހި މެޑަލާއި، ނުވަ ލޯ މެޑަލް ހޯދައިފަ އެވެ. ރިހި މެޑަލް ހޯދީ 1991 ވަނަ އަހަރުގެ ގޭމްސްގައި ގައުމީ ފުޓްބޯޅަ ޓީމުން އަދި މިދިޔަ އަހަރުގެ ގޭމްސްގައި އެތުލެޓިކްސް އިން ދުވުންތެރިޔާ ހަސަން ސާއިދެވެ. އޭނާ ރިހި މެޑަލް ހޯދީ 100 މީޓަރު ދުވުމުން އަދި 200 މީޓަރު ދުވުމުންނެވެ.

އާޗެރީ، އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ، ބޮކްސިން، ސައިކްލިން، ފީލްޑް ހޮކީ، ފުޓްބޯޅަ، ހޭންޑްބޯޅަ، ޖޫޑޯ، ކަބައްޑީ، ޚޯޚޯ، ޝޫޓިން، ސްކުއޭޝް، ސްވިމިން، ޓޭބަލް ޓެނިސް، ޓައެކްވޮންޑޯ، ޓެނިސް، ޓްރައިތަލޯން، ވޮލީބޯޅަ، ވެއިޓްލިފްޓިން، ރެސްލިން، ވޫޝޫ، ކަރާޓީ، ކްރިކެޓް، ގޮލްފް، ފެންސިން، ސެޕަކް ޓަކްރޯ (ކިކް ވޮލީބޯލް).